އައްޑޫގެ ދެކުނުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސްއިން ބުނާ މައްސަލާގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑު ބަދަލު ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލުމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ވަނީ ތާއީދުކުރަން ނިންމާފަ އެވެ. ރާއްޖެއިން އެގޮތަށް ނިންމުމުން ގިނަ ބަޔަކަށް އޮޅުން އަރައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ކުރި ކަމަށް ގަބޫލު ކުރެވި، ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
އެކަން ސާފުކޮށްދެއްވަމުން މިއުވާން ވިދާޅުވީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭގޮތުން ނިންމި ނިންމުމަށް ރާއްޖެއިން ތާއިދު ކުރާއިރު، ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތް ކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދައުވާ ނުކުރާ ކަމަށެވެ.
އަދި އެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަންޑައެޅުމާ ގުޅޭގޮތުން ކަނޑުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަން މިއުވާން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލާގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލު ނުވާ ކަމަށެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑްސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބުނެ އެ ގައުމުން 2019 ވަނަ އަހަރު ކަނޑުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޮސް އައިލެންޑްގެ ކަނޑުގެ ސަރަހައްދާ ފުށު އަރާ ކަމަށެވެ.
ނަމަވެސް ރާއްޖޭން ކުރިން ގަބޫލުކުރި ގޮތުގައި ޗާގޮސް އައިލެންޑްސްއަކީ އިނގިރޭސިވިލާތުގެ ބައެކެވެ. މިހާރު ވެސް އިނގިރޭސިން އެމެރިކާއަށް ކުއްޔަށް ދޫކޮށްފައިވާ ޗާގޮސް އައިލެންޑްސްގެ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރެ އެވެ. ނަމަވެސް މި މައްސަލަ ރާއްޖެ އާ ދެކޮޅަށް ނިމިއްޖެނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމުގެ ބިރު އެބަ އޮތެވެ.













