އިމާރާތްކުރުމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހުށަހަޅައިފި އެވެ.
ރައީސް އޮފީހުގައި ބޭއްްވި ބައްދަލުވުމުގައި މަސީން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި، ކޯވިޑާއި އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އިންފްލޭޝަން މަތިވެ، ދުނިޔޭގެ ބާޒާރުގައި އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން، ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުންތަކާއި، ޑޮލަރުގެ ދަތިކަމާއި، މަޝްރޫއުތައް ހިންގުމަށްފަހުގައި ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ މިހާރަށްވުރެ ވެސް އަވަހަށް ލިބޭނެ ގޮތެއް ހަމަޖެހުމާއި، ކުންފުނިތަކަށް ދިމާވާ މާލީ ދަތިތަކަށް ބޭންކިން ނިޒާމްގެ ތެރެއިން ލުޔެއް ހޯދުމާއި، ލޭބަރުން ލިބުމުގައި ހުރި ދަތިތަކާއި، ޖީއެސްޓީ ދެއްކުމުގައި މިހާރު ދިމާވާ ދަތިތައް ހައްލު ކުރުން އަދި، ރިއަލްއެސްޓޭޓް ވިޔަފާރީގައި ހުރި ދަތިތަކެވެ.

ކޯވިޑާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވި ކަންކަމާ ގުޅޭ ރިޕޯޓް މަސީގެ ރައީސް ޖަނާހު، ރައީސް ސޯލިހަށް އަރުވަނީ. -- ފޮޓޯ: ރައީސް އޮޕީސްަ
އެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެ ގޮތުން މިހާރު ވެސް ކޮންޓްރެކްޓަރުންނަށް އަވަހަށް ފައިސާ ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މިނިސްޓްރީތަކުން ކަންކަން ހައްލުކުރެއްވުމަށްޓަކައި ފިޔަވަޅުތައް އަޅަމުން ގެންދާކަން ވެސް ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި މަސީގެ ފަރާތުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާޙް ވަނީ، މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ޝަރަފްވެރިކޮށް ދެއްވުމުގެ ދައުވަތު ރައީސް ސޯލިހަށް އަރުވައިފަ އެވެ.

އަދި، ކޯވިޑާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވި ކަންކަމާ ގުޅޭ ރިޕޯޓަކާއި، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާގުޅޭ ގޮތުން މަސީން ހަތް ބަހަކުން ލިޔެފައިވާ ފޮތުގެ ތެރެއިން ދިވެހި ބަހުން އެކުލަވާލި ފޮތް ވަނީ ރައީސް ސޯލިހަށް ހަދިޔާ ކުރެއްވެވި އެވެ.












