ދަނޑުވެރިކަމާއި މަސްވެރިކަން އަދި އެނޫންވެސް ސިނާއީ މަސައްކަތްތަކަށް ކުއްޔަށް ދޫކުރާ ފަޅުރަށްތައް ދޫކުރުމުގެ ކުރިން އަތޮޅު ކައުންސިލުތަކާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްތަކާބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ނިންމައިފި އެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުން މި ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގާނޫނަށް ގެންނަށް ހުށަހަޅާފައިވާ އިސްލާހަށް މަޝްވަރާކުރުމަށްފަހު އެވެ.
މި ގާނޫނަށް އިސްލާހު ގެނައުމުގައި ލޯކަލް ގަވަރްމަންޓު އޮތޯރިޓީއިން ކޮށްފައިވާ ކޮމެންޓުގައި ބުނެފައިވަނީ ސިނާއީ ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށް ދޭންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އަތޮޅު ކައުންސިލުގެ މަޝްވަރާ އާއެކު ކަމަށެވެ.
މި ކޮމެންޓާއި ސަރުކާރުން ހުށަހެޅި އިސްލާހާ މެދު ކޮމިޓީއިން މަޝްވަރާކުރުމަށްފަހު ގާނޫނުގެ 11 ވަނަ މާއްދާއަށް އިތުރު ކުރާ ބައިގައި ބަޔާންކޮށްފައިވަނީ "މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށްދޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ސިނާއަތެއް ހިންގާ ބެލެހެއްޓުމުގެ މެންޑޭޓު ތަންފީޒުކުރާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ. އަދި އެފަދަ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެ މިނިސްޓްރީ އަކުން އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަން ވާނެ އެވެ." މިފަދައިންނެވެ.
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުން ނިންމާލައްވަމުން ކޮމިޓީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެފައިވަނީ ބިލަށް އިތުރު ދެތިން އިސްލާހެއް ހުށަހަޅަން ޖެހޭ ކަމަށާއި ދެން ބޭއްވޭ ބައްދަލުވުމެއްގައި ކުރިއަށްދާނީ މި ބިލުގެ އެންމެ ފަހުގެ މަސައްކަތް ކަމަށެވެ.

ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ ރަށްރަށާއި މެދު އަތޮޅު ކައުންސިލުތަކުން ވަނީ އެކި ފަހަރުމަތިން ޝަކުވާ ހުށަހަޅާފަ އެވެ. އެގޮތުން ބައެއް މައްސަލަތައް ކޯޓު ތަކުގައި އޮތް އިރު މި އިސްލާހުގެ ސަބަބުން ފަޅުރަށްތައް ކުއްޔަށް ދިނުމުގައި އަތޮޅު ކައުންސިލުތަކުގެ ދައުރު ފުޅާވެ މިފަދަ މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ބެލެވެ އެވެ.












