އީކޮމާސް ސައިޓުތަކުގައި ވިސާ ކާޑުތަކުން ކުރާ މުއާމަލާތް ވަގުތީ ގޮތުން މެދުކަނޑާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ބީއެމްއެލުން ބުނީ، ޕޭމަންޓް ގޭޓްވޭ އަދި ކާޑުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއް ކުރަމުންދާތީ ބީއެމްއެލުން ދޫކޮށްފައިވާ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ރާއްޖޭން ބޭރުގެ ބައެއް އީކޮމާސް މާޗަންޓުގައި ބޭނުން ކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ދިމާވެދާނެ ކަމަށެވެ.
އެެހެން ނަމަވެސް ކަސްޓަމަރުންނަށް ރާއްޖޭން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސްގައި ވިސާ ކާޑު ބޭނުން ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލުން ބުނީ އަޕްގްރޭޑުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ހިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަޕްގްރޭޑް ނިމުމުން ބޭންކުން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ.
އަޕްގްރޭޑުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދި، ބީއެމްއެލުން ވަނީ ކަސްޓަމަރުންދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.













