ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ހުކުމް އިއްވާފައި ނުވާތީ، ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ޖޭއެސްސީއިން މިއަދު ބުނީ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ހުލާސާ ބަޔާން އިއްވުމަށް ފަހު، ހުކުމް ކުރުމުގެ މަޖިލިސް ބާއްވަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ހުކުމްކޮށްފައި ނުވާ ކަމަށެވެ.
ހުކުމް ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަކީ ހުލާސާ ބަޔާން އިއްވުމަށް ފަހު 30 ދުވަހުގެ ތެރޭގަ އެވެ.
މި މައްސަލަ ބެލުމަށް އެ ކޮމިޝަންގެ ތަހުގީގީ ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެ އެވެ.

ހައިކޯޓުގެ އަމުރެއް ސަސްޕެންޑް ކުރުމަށްފަހު، ރާއްޖެއަށް ޑްރަގް އެތެރެކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލި މައްސަލައެއްގައި ވެސް މީގެ ކުރިން މެޖިސްޓްރޭޓު ރަފީއުއްދީންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވެ އެވެ.












