އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިއަދު ހއ. އިހަވަންދުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރައީސް ޔާމީން ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް އިހަވަންދޫގެ ގިނަ ބަޔަކު ވަނީ އެރަށު ބަނދަރު މައްޗަށް އެއްވެފަ އެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޔާމީން ކުރައްވާ މި ދަތުރުފުޅުގައި މިރޭ އިހަވަންދޫގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ވެސް އޮންނާނެ އެވެ.
ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ތިލަދުންމަތީގެ ފަސް ރަށަކަށެވެ. އެއީ ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނެވެ. ނަމަވެސް ދަތުރުގެ ފުރަތަމަ މަންޒިލު ކަމަށްވާ އިހަވަންދުއަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ ހދ. ހަނިމާދުއަށް ވަޑައިގެން ޕީޕީއެމްގެ ބައެއް އިސްބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ.
ޕީޕީއެމުން މައުލޫމާތު ދޭ ގޮތުގައި ރައީސް ޔާމީންގެ މި ދަތުރުފުޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާއި ރައްޔިތުންނާ ބައްދަލު ކުރުމުގެ އިތުރަށް ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމެވެ. އަދި ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ކަމަސް ވެސް ޕީޕީއެމުން ބުނެ އެވެ.
އެ ޕާޓީން ބުނީ، ހއ. އަތޮޅަކީ ރައީސް ޔާމީންގެ ޒައާމަތުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ އަތޮޅެއް ކަމަށެވެ. އެގޮތުން ހއ. އިހަވަންދޫގައި 14 ޕްރޮޖެކްޓް، ކެލާގައި 16 ޕްރޮޖެކްޓް، ދިއްދޫގައި 27 ޕްރޮޖެކްޓް، ބާރަށުގައި 17 ޕްރޮޖެކްޓުގެ އިތުރުން ތުރާކުނުގައި 15 ޕްރޮޖެކްޓް ހިންގާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމަވާފައިވާ އަދި މިސަރުކާރު ވެރިކަމަށް އައިއިރު ހިނގަމުންދާ ޕްރޮޖެކްޓްތައް ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.













