ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ، ލިބުނު ގެއްލުންތައް ވަޒަން ކުރުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހެދި ސާވޭ ގަބޫލުނުކޮށް، އެ ކުންފުނިން އަމިއްލައަށް ސާވޭ ކުރިއަސް އެ ގަބޫލު ނުކުރާނެ ކަމަށް އީޕީއޭއިން ބުނެފި އެވެ.
އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "އަދަދު" އަށް ވިދާޅުވީ މިފަދަ ހާދިސާތަކުގައި ޝާމިލުވާ ކުންފުނިތަކަށް އަމިއްލައަށް ސާވޭ ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. ނަމަވެސް އަމިއްލައަށް ސާވޭކޮށްގެން، މަރުހަލާ ދިގުދަންމާލާކަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވަޒަންކޮށް، ޖޫރިމަނާ ކުރުމުގައި ބަލާނީ އިންޝުއަރެންސްއާ ގުޅިގެން އީޕީއޭއިން ހަދާ ސާވޭއަށް ކަމަށް ނައީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފްކޮންސްއިން އަމިއްލައަށް ސާވޭ ކުރި ނަމަވެސް, އެ ސާވޭ އީޕީއޭއިން ގަބޫލު ކުރަން ނުޖެހޭ ކަމަށެވެ.
ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތައް ހޯދުމަށް އީޕީއޭއިން ހެދި ސާވޭ އެފްކޮންސްއަށް ކަމުނުދިޔަ ސަބަބެއް ސާފެއް ނުވެ އެވެ. އީޕީއޭގެ ސާވޭ ކަމުނުގޮސްގެން އެފްކޮންސްއިން އަމިއްލައަށް ސާވޭ ހެދުމަށް އެދުމުން، އީޕީއޭއިން ވަނީ އެ ކުންފުނިން ސާވޭ ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ. ފަރަށް ލިބުނު ގެއްލުންތައް ސާވޭކުރިއިރު، ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފަ އެވެ.

ފަރަށް ލިބުނު ގެއްލުންތައް ދަނެގަތުމަށް އީޕީއޭއިން ހެދި ސާވޭ ކަމުނުގޮސްގެން އަލުން ސާވޭ ހެދުމަށް އެދުމުން އެ ފުރުސަތު ދިން އިރު، ވަކި ގައުމެއްގެ ކުންފުންޏަކަށްވީތީ ވަކި ގޮތަކަށް އަމަލު ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއްކޮށްގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓެވެ. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.













