މި މަހުގެ ހަތް ވަނަ ދުވަހު އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ މުހައްމަދު މިންހާޖު ހޯދުމަށް ހިންގި އޮޕަރޭޝަން ހުއްޓާލައިފި އެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ މިންހާޖު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިއްޔެ އެކަނިވެސް 300 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ދެ އުޅަނދެއް ބޭނުންކޮށްގެން ވަނީ ޖުމްލަ 665 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ އެވެ. އަދި ވައިގެ މަގުން އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓުން 2000 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ކަމަށް ބުނާ އެ ލޯންޗުން މިންހާޖާއި އެކު ދެން ދަތުރުކުރި މީހާ ވަނީ މާޅޮހާއި އިންވެގެން ހެން އޮންނަ ފެރިދޫ ފުއްޓަރު ފަރާތުން ފެނިފަ އެވެ. އޭނާ އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ވަނީ ފަރުވާދީފަ އެވެ.














