ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވް އޮފިސާގެ މަގާމަށް ކާލް ސްޓުމްކަ އައްޔަންކުރަން ނިންމައިފި އެވެ.
ސްޓުމްކަ ވަނީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފަ އެވެ.
އޭނާ ބީއެމްއެލާ ގުޅިވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހު އެވެ.
ސްޓުމްކަ ވަނީ 2010 ވަނަ އަހަރު އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެން އެ ބޭންކުގެ އިންޓަނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖާގެ ގޮތުގައި ފުޅާދައިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފަ އެވެ. އެ މަގާމުގައި ހުންނެވުމަށްފަހު އެ ބޭންކުގެ ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރު އެވެ.
އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަހުރެއިނުގައި ހުންނަ ބޭންކް މަސްކަޓް އިންޓަނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑައިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިން ހިދުމަތްތައް ބަލަހައްޓަވާފަ އެވެ. ކާލްވަނީ ބާކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިން ޑައިރެކްޓާ، އިންޑިއަން އޯޝެންސްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

"ބީއެމްއެލްގެ ހިންގުމާ އަޅުގަނޑު މި ހަވާލުވީ ވަރަށް އުފަލާއެކު. ބޭންކުގެ ބޯޑާއި، އެގްޒެކްޓިވް މެނޭޖްމަންޓުގެ އިތުރުން މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ބޭންކުގެ ސްޓެރެޓެޖީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރަމުންދާނަން،" އޭނާގެ ލީޑާޝިޕިގައި ބޭންކުން ކުރާ ކޮންމެ ކަމެއްގައި އެންމެ މުހިންމު އިސްކަމެއްދޭނީ ކަސްޓަމަރުންނަށްކަން ފާހަގަކުރައްވަމުން ސްޓުމްކަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީޖާދީ ބަދަލާއި އިތުރު ފުރިހަމަކަމެއް ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ގެނެސް ކަސްޓަމަރުން އުއްމީދުކުރާ ވަރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަކީވެސް ބޭންކުގެ އަމާޒު ކަމަށެވެ. އަދި ވަރަށް ވެސް ކާމިޔާބު ތާރީހެއް އޮތް ބީއެމްއެލް އާއި އެ ބޭންކުން ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް އަދާކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށް ވެސް ކާލް ވިދާޅުވި އެވެ.
ޗާޓަޑް އިންސްޓިޓިއުޓް އޮފް ބޭންކާސްގެ (ސައުތު އެފްރިކާ) އެސޯސިއޭޓެއް ކަމަށްވާ ކާލް ވަނީ ޔުނިވާސިޓީ އޮފް ސައުތު އެފްރިކާ އިން އެކައުންޓިން ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަދި ފްރާންސް، ސްވިޒަލޭންޑްގެ އިތުރުން ސައުތު އެފްރިކާގައި ވެސް އޭނާ ވަނީ އެގްޒެކްޓިވް ޕްރޮގްރާމްތައްް ފުރިހަމަކުރައްވާފަ އެވެ.












