މެންޗެސްޓާ (އޮކްޓޫބަރު 11) - ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކަހަލަ މޮޅު ފޯވާޑެއް މެންޗެސްޓާ ސިޓީގައި ހުރުމަކީ އެ ޓީމުގެ ޑިފެންޑަރުންނަށް ވެސް އޮތް ފަސޭހައެއް ކަމަށް ސިޓީ އަށް ކުޅޭ ނެދަލެންޑްސްގެ ޑިފެންޑަރު، ނޭތަން އަކޭ ބުނެފި އެވެ.
މި ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ސިޓީ އަށް ބަދަލުވުމަށް ފަހު ފުރަތަމަ ކުޅުނު 13 މެޗުން ހާލަންޑް ވަނީ 20 ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ކޯޕެންހާގެންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި އަކޭ ބުނީ ހާލަންޑް ހުރުމަކީ ސިޓީގެ ޑިފެންޑަރުންނަށް ވެސް އޭގެ ސަބަބުން ފައިދާތަކެއް ކުރާ ކަމެއް ކަމަށެވެ.
"ހާލަންޑް ކަހަލަ މޮޅު ފޯވާޑަކާ ދެކޮޅަށް ކޮންމެ ދުވަހަކު ޓްރެއިނިންގައި މަސައްކަތް ކުރަން ޖެހުމަކީ ވެސް ޗެލެންޖެއް. އެއީ ސިޓީ ޑިފެންޑަރުންނަށް މެޗުތަކަށް ތައްޔާރުވާން ލިބޭ ވެސް ފުރުސަތެއް. ތެދެއް، ހަމަ ޔަގީނުން ވެސް މެޗާއި ޓްރެއިނިންއާ ތަފާތު ވާނެ. އެކަމަކު، ހާލަންޑް ހުރުމުގެ ފައިދާ އެކި ގޮތްގޮތުން ވެސް ސިޓީ އަށް އެބައޮތް،" އަކޭ ބުންޏެެވެ.
މީގެ ދެ އަހަރު ކުރިން، ބޯންމައުތަށް 50 މިލިއަން ޑޮލަރު ދީފައި ސިޓީން ގަތް، އަކޭ، 27، އެ ޓީމާ އެކު ސޮއިކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
މި ސީޒަން ފެށުމުގެ ކުރިން ސިޓީ ދޫކޮށް އަކޭ އޭނާގެ ކުރީގެ ކްލަބް، ޗެލްސީ އަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެއީ ސިޓީން ބޮރޫޝިއާ ޑޯޓްމަންޑްގެ ޑިފެންޑަރު މެނުއަލް އަކާންޖީ ގަތުމާ އެކު އެވެ.
އަކޭ ބުނީ ސިޓީގައި މަޑުކުރަން ނިންމީ ރަނގަޅަށް ކަމަށެވެ.
"ކޮންމެ ފަހަރަކު ވެސް ޓްރާންސްފާގެ ވާހަކަތަކެއް ހިނގާނެ. އެކަމަކު، މި ވަގުތު މުހިންމީ އަހަރެން ހުރީ މި ކްލަބްގައިކަން. އެ ގޮތަށް ނިންމުނީތީވެ އަހަރެން މި ހުރީ އުފަލުން،" ނެދަލެންޑްސް ގައުމީ ޓީމާ އެކު ފީފާ ވޯލްޑް ކަޕަށް ދާން ތައްޔާރަށް ހުރި އަކޭ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެ ޓީމުގެ އެޓޭކްގައި ކުޅޭ ކުޅުންތެރިންނެކޭ އެއްގޮތަށް ޑިފެންޑަރުން ބޭނުންކުރުމުގައި ވެސް ބަދަލުވަމުންދާ އުސޫލުތަކެއް ކޯޗިން ޓީމުން އެކުލަވާލަމުން އަންނަ ކަމަށެވެ. އެކަމަކު، ހުރިހާ ކަމެއް ވެސް ބިނާވާނީ ޕްރެކްޓިހުގައި ފެންނަ ކަންތައްތަކުގެ މައްޗަށް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.












