މާލޭ ސިޓީ ކައުންސިލުން މާލޭގައި ކުރިއަށް ގެންދަން ބޭނުންވާ މުހިއްމު ގިނަ ކަންތައްތައް ކުރިއަށް ގެންދަން ހުރަހަަކަށްވެފައި ވަނީ ލޯގަކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅާފައިވާ ލޭންޑް ޔޫޒް ޕްލޭން ފާސްނުވެ އޮތުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި މުއިއްޒު ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ފާސްނުވާތީ ކުރިއަށް ގެންދަން ދަތިވެފައިވާ އެއް މަސައްކަތަކީ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން އުޅޭ ހައުސިން މަޝްރޫއުތައް ކަަމަށެވެ. އޭނާ ވިދާޅު ގޮތުގައި މާލޭގައި 2،000 ހައުސިން ޔުނިޓް އަދި ވިލިމާލޭގައި 500 ހައުސިން ޔުނިޓް އަޅަން ސިޓީކައުންސިލުން ވަނީ ނިންމައިފަ އެވެ.
"ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ހަގީގަތުގައި ވަރަށް ބޮޑަށް މި ޑިޕެންޑް [ބަރޯސާ] ވަނީ ލޭންޑް ޔޫޒް ޕްލޭނަށް. އެއީ ވަރަށް ބޮޑަށް ބިން، މީގައި ޝާމިލުވާ ކަމަކަށް ވާތީ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލިމާލޭގައި 500 ހައުސިން ޔުނިޓް އެޅުމަށް ސިޓީ ކައުންސިލުން ކުރަން ޖެހޭ އިޖުރާއީ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެއީ ކައުންސިލުގެ ނިންމުމާއި އެ މަސައްކަތް ބީލަމަށް ހުޅުވައިލުމެވެ.
"ހަމަ ލޭންޑް ޔޫޒް ޕްލޭން ފާސްވީމާ ތަންފީޒު ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ވިލިމާލޭގައި ހައުސިން މަޝްރޫއު ހިންގަން ސަރުކާރުގެ ފަރާތުން މާބޮޑެތި ދަތިތަކެއް ކުރިމައްޗެއް ނުކުރެ އެވެ. ލޭން ޔޫޒް ޕްލޭން ވީހާ ވެސް އަވަހަކަށް ފާސްވެގެން އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގައި ހައުސިން ޔުނިޓްތައް އަޅާނީ މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގައި ސިނަމާލެ ފްލެޓްތައް ތަޅައިލުމަށް ފަހު އެ ބިމުގަ އެވެ. ސިނަމާލެ ފްލެޓްތައް ހުރި ބިމުގައި ހިންގާ މަޝްރޫއުގައި، މިހާރު ހުރި ފްލެޓްތަކުގެ ވެރިންނަށް ދޫކުރާ ފްލެޓްތަކުގެ އިތުރަށް 2،000 ފްލެޓް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ޕްލޭން އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. މި ވެސް ޑިޕެންޑް މިވަނީ ލޭންޑް ޔޫޒް ޕްލޭން ފާސްވުމަށް،" މުއިއްޒު ވިދާޅުވި އެވެ.
މާލޭގައި ޕާކިން އިމާރާތެއް އެޅުމުގެ މަސައްކަތަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި ލޭންޑް ޔޫޒް ޕްލޭން ފާސްނުވާތީ ކުރިއަށް ނުގެންދެވިފައި އޮތް ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ލޭންޑް ޔޫޒް ޕްލޭން ފާސްވެއްޖެ ނަމަ މާލޭގެ ދެ ތަނެއްގައި ޕާކިން އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ވެސް ފަށަން، ސިޓީ ކައުންސިލް އޮތީ ތައްޔާރަށެވެ.
ހުއްޓިފައި ހުރީ މާލޭގެ ތަރައްގީއަށް މުހިއްމު ކަންތައްތަކެއް
މުއިއްޒު ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ފާސްވުން ލަސްވެގެން އެވާހަަކަ މިހާ ގިނައިން އޭނާ ދައްކަވަނީ އެއީ މާލޭގެ ތަރައްގީއަށް ވަރަށް މުހިއްމު ކަންތައްތަކެއް އެކަމާ ހެދި ހުއްޓިފައި ހުރީމަ އެވެ. އެ ޕްލޭން ފާސްނުވެ އޮތީ ސިޓީކައުންސިލުން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށްގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ލޭންޑް ޔޫޒް ޕްލޭން އަޅުގަނޑުމެން ނުހަދައި އޮތީކީއެއް ނޫން. ރައްޔިތުންނާ އެތައް ފަހަރަކު ބައްދަލުކޮށް އެތައް ކޮމެންޓެއް ލިބި، ސްޓޭކްހޯލްޑަރުންގެ އެތައް ކޮމެންޓެއް ހޯދައި، މިކަމާ ބެހޭ އެކްޕާޓެއް ހަޔަކޮށްގެން އެބޭފުޅާ ލައްވައި ލޭންޑް ޔޫޒް ޕްލޭން ހޯދައި ކައުންސިލުން [އެލްޖީއޭ] އަށް ހުށަހަޅައިގެން އުޅޭތާ މިހާރު އަހަރެއްވީ،" މުއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ސިޓީކައުންސިލުން މިހާރު ތިން ފަހަރެއްގެ އިސްލާހުކޮށް، ހަތަރު ވަނަ ފަހަރަށް ހުށަހަޅާފައިވާ ކަމަށެވެ.













