މާޅޮހު ކައިރިން ފެނުނު ލޯންޗު؛ ދަތުރުކުރި މަންޒިލާ މެދު އެތައް ސުވާލެއް

އިއްޔެ މާޅޮހު ކައިރިން ފެނުނު ލޯންޗު އެރަށު ބަނދަރުގައި : އެ ލޯންޗުގެ ދަތުރާއި މެދު އެތައް ސުވާލެއް ވަނީ އުފެދިފައި -- ފޮޓޯ: މާޅޮހު ކައުންސިލް

އިއްޔެ މާޅޮހު ކައިރިން ފެނުނު ލޯންޗު އެރަށު ބަނދަރުގައި : އެ ލޯންޗުގެ ދަތުރާއި މެދު އެތައް ސުވާލެއް ވަނީ އުފެދިފައި -- ފޮޓޯ: މާޅޮހު ކައުންސިލް

އިއްޔެ އއ. މާޅޮހު ބޭރުން ފެނުނު ލޯންޗުގައި މީހަކު ނެތެވެ. ލޯންޗު ބަންޑުން ޖަހާލި އިރު ދެ މީހުން ތިބި ކަމަށް މައުލޫމާތު ލިބޭއިރު އެތަނުން އެކަކު ވަނީ އެ އަތޮޅު ފެރިދޫ ފަރުމަތިން ފެނިފަ އެވެ. އަނެކަކު އަދި ފެނިފައެއް ނުވެ އެވެ.

ފެރިދޫ އިން ފެނުނު މީހާ މިހާރު މާލެ ގެނެވިފައިވާ ކަމަށާއި މިހާރު އެމީހާއަށް އައިޖީއެމްއެޗުން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ލޯންޗު މާލެއިން ފުރާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. ލޯންޗު މާލެއިން ދަތުރުކުރީ އއ. އުކުޅަހަށް ދިއުމަށް ކަމަށްވަނީ އަޑު ފެތުރިފަ އެވެ. "އަދަދު" އާއި ވާހަކަދައްކަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވެސް ވިދާޅުވެފައިވަނީ ލޯންޗު ދަތުރުކުރީ އެ ރަށަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިކަމުގައި "އަދަދު" އިން ސުވާލު ކުރުމުން މާޅޮހު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވިދާޅުވީ މިހާރު އެ ރަށަށް ގެންގޮސްފައިވާ ލޯންޗުގައި އެއްވެސް ނަމެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ނަމްބަރުން ފެންނަ ގޮތުގައި އެއީ ބ. ތުޅާދޫ އަށް ނިސްބަތްވާ ލޯންޗެއް ކަމަށްވެސް ނަސީރު ވިދާޅުވި އެވެ.

އަދި މިހާތަނަށް ލޯންޗުގެ ވެރިފަރާތްކަމަށް ބުނެ އެއްވެސް ފަރާތަކުން ކައުންސިލާއި ކޮންޓެކްޓުކޮށްފައި ނުވާ ކަމަށްވެސް ނަސީރު ވިދާޅުވި އެވެ.

ލޯންޗުގައި ގިނަ އަދަދެއްގެ ތެޔޮ

ނަސީރު ވިދާޅުވެފައިވާ ގޮތުން މާޅޮހަށް ލޯންޗު ގެނައި އިރު ގިނަ އަދަދެއްގެ ތެޔޮ ލޯންޗުގައި ހުއްޓެވެ.

"200 ލީޓަރުގެ ދެ ހަން ތެޔޮ ހުރި ކަމަށް ވަނީ" ނަސީރު ވިދާޅުވި އެވެ.

އާންމުކޮށް ލޯންޗު ދަތުރުކުރާ މާހިރަކު ބުނި ގޮތުގައި މާލެއިން ފުރައިގެން އުކުޅަހާ ހަމައަށް ދިއުމަށް ގާތްގަނޑަކަށް 250 ލީޓަރު ތެޔޮ އަނދާނެ އެވެ. އެވަރުގެ ލޯންޗަކަށް ފުލްކޮށް ތެޔޮ އަޅާއިރު ގާތްގަނޑަކަށް 700 ލީޓަރު އެޅޭނެ ކަމަށްވެ އެވެ.

މިއީ މާލެއިން އުކުޅަހާ ދެމެދު ދެކޮޅަށް ދަތުރުކޮށްވެސް އިތުރުވާނެ އަދަދެކެެވެ. އިތުރަށް 400 ލީޓަރުގެ ތެޔޮ ހުރީ ކޮން ސަބަބަކާހުރެ ކަމެއް އަދި އެނގިފައެއް ނުވެ އެވެ. މިންވަރަށް ތެޔޮ އިތުރަށް ހިފައިގެން ދަތުރު ކުރުމަކީ އާންމުކޮށް ކޮށް އުޅޭ ކަމެއް ނޫންކަމަށްވެސް "އަދަދު" އަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ލޯންޗު ފެނުނީ އަތޮޅުގެ އަނެއް ބިތުން

މާލެއިން ފުރައިގެން އުކުޅަހަށް ދިޔަ ލޯންޗެއް އެ އަތޮޅުގެ ހުޅަނގު ބިތުން ފެނުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

އުކުޅަހާއި މާޅޮހާ ދެމެދު 30 ކިލޯމީޓަރު ހުރެ އެވެ. ލޯންޗު ބަންޑުން ޖަހާލައިފައި އޮއްވާ ފެނުނީ މާޅޮހުގެ ދެކުނުން މާދުރު ނޫން ހިސާބަކުންނެެވެ. މާޅޮހާ ދިމާލުން ހުޅަނގުން ދެން އިތުރު އަތޮޅެއް ނޯންނާނެ އެވެ. ރަށެއްވެސް ނޯންނާނެ އެވެ. ނުކުމެވޭނީ މާކަނޑަށެވެ. އެހެންކަމުން، 36 މީހުންގެ ޖާގައިގެ ލޯންޗެއްގައި ދެ މީހަކު އިތުރަށް ތެޔޮ ހިފައިގެން މާކަނޑަށް ނުކުންނަން ޖެހޭ ސަބަބަކާމެދު ސުވާލު އުފެދެ އެވެ.

ލޯންޗުން ދަތުރުކުރި ދެމީހުންގެ ތެރެއިން ފެނުނު މީހާ ފެނިފައިވަނީ މާޅޮހާ ޖެހިގެން އޮންނަ ފެރިދޫގެ ފުއްޓަރާ ދިމާލުންނެވެ.

"އަދަދު" އަށް މައުލޫމާތު ދެމުން ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހު ވިދާޅުވީ ލޯންޗުން ދަތުރުކޮށްފައިވަނީ ކ. ގާފަރު މީހަކާއި އައްޑޫ ސިޓީ ހިތަދޫ މީހެއް ކަމަށެވެ. ފެރިދޫ ފުއްޓަރު ފަރާތުން ފެނިފައިވަނީ ގާފަރު މީހާ އެވެ.

އާއިލާ މެންބަރަކު ގާތު އުކުޅަހަށް ދާނެ ކަމަށް ބުނި

މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މީހާގެ އާއިލާ މެންބަރަކު އުކުޅަހުގައި ދިރިއުޅެ އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން އޭނާ ނަން ހާމަ ނުކުރުމަށް އެދި ބުނެފައިވަނީ އޭނާގެ ކޮއްކޮ ވަރަށް އަވަހަށް އުކުޅަހަށް ދާން އުޅޭ ކަމަށް ބުނި ކަމަށެވެ.

އަދި މިހާރު އާއިލާއިން މަޑުކޮށްގެން ތިބީ އިދާރާތަކުން މައްސަލައިގެ މައުލޫމާތު ހިއްސާކުރަންދެން ކަމަށާއި މާލެއިން ފުރި ފަހުން އިތުރު މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

މަސްތުވާތަކެތީގެ ގުޅުމެއް؟

"އަދަދު" އަށް މައުލޫމާތު ދިން ފުލުހުންގެ އިސް އޮފިޝަލު ވިދާޅުވެފައިވަނީ މި މައްސަލައާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާ ގުޅުންތަކެއް ހުރިތޯ މިހާރު ފުލުހުން ބަލަމުންދާ ކަަމަށެވެ.

އަދި މި މައްސަލައިގައި ގެއްލިގެން ހޯދާ މީހާއާ އެފަދަ ކަންކަމާ ގުޅުން އޮތް ކަަމަށްވެސް ފުލުހުންގެ އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ.

ކަނޑުމަގުން ރާއްޖެއަށް މިގޮތަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކޮށްފައިވާ އެކި ފަރާތްތައް މީގެ ކުރިންވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. ނަމަވެސް އިއްޔެ ފެނުނު ލޯންޗުން މަސްތުވާތަކެތި ފެނިފައިވާ ކަން ނުވަތަ އެފަދަ ކަމަކާ ސީދާ ގުޅުމެއް ވާކަން ފުލުހުން މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

މާލެއިން މި މަހުގެ ފަސްވަނަ ދުވަހު އުކުޅަހަށް ދިއުމަށް ފުރި ލޯންޗެއް ގިނަ އަދަދެއްގެ ތެލާއެކު ފެނުމުގެ އިތުރުން, އެ ލޯންޗު ދަތުރުކުރި މަންޒިލަކީ އުކުޅަސް ނޫންކަން ޔަގީންވެފައިވާއިރު، އެ ލޯންޗު މިސްރާބުޖެހި މަންޒިލާއި ހަގީގީ މަގުސަދާމެދު އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox