ހުޅުމާލޭ އަތިރިމަތިން ވިއްކަން ހުޅުވާލި 55 ބިން ގަތުމަށް އަގު ހުށަހެޅި މީހުންނާއި ހުށަހެޅި އަގުތަކުގެ ލިސްޓު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަނެއްކާ ވެސް އާންމުކޮށްފި އެވެ.
ހުޅުމާލޭ އަތިރިމަތިން ބިން ގަތުމަށް ހުށަހެޅި 18 ބިޑެއްގެ މައުލޫމާތު އާންމުކޮށްފައި އޮއްވައި، އެޗްޑީސީން އިއްޔެ އަނެއްކާ ވެސް ވަނީ އިތުރު ބިންތަކެއް އަތިރިމަތިން ގަތުމަށް ހުށަހެޅި 27 މީހުންގެ މައުލޫމާތު އާންމުކޮށްފަ އެވެ.
މިފަހަރު އެންމެ ބޮޑު އަގަކަށް ހުށަހަޅާފައި އޮތީ އަކަފޫޓަކަށް 6060ރ. އެވެ. އެންމެ ދަށް އަގަކީ އަކަފޫޓަކަށް 5500ރ. އެވެ. އަދި ބިން ގަތުމަށް އެކަކު ހުށަހެޅި އެކެއްގެ ބިޑު އޮތީ ބާތިލްކޮށްފަ އެވެ.
އެޗްޑީސީން ނިންމީ ހުޅުމާލެއިން 74 ބިމެއް ވިއްކުމަށެވެ. އެއީ 1095 އަކަފޫޓާއި 2588 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އެ ބިންތަކަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 5500ރ. އެވެ.
ބިން ވިއްކުުމުގެ އިތުރުން ހުޅުމާލެއިން މާލެއަށް ނިސްބަތްވާ މީހުންނަށް ބިމާއި ފްލެޓު ދޫކުރުމުގެ ޕްރޮޖެކްޓެއް ވެސް ސަރުކާރުން ވަނީ ފަށައިފަ އެވެ. އެ ދެ ނިންމުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔައިފަ އެވެ. ބައެއް ސިޔާސީ ޕާޓީތަކުން ވެސް ވަނީ ސަރުކާރުގެ އެ ޕޮލިސީއަށް ފާޑުކިޔައިފަ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްދުން ނެއްޓިފައިވާއިރު އާންމުންނަށް ނުގަނެވޭނެ ގޮތަށް އަގުބޮޑުކޮށް ބިން ވިއްކުމާއި ރާއްޖޭގެ އެންމެ އަގުބޮޑެތި ބިންތައް އަގަކާ ނުލައި ވަކި ރަށަކަށް ނިސްބަތްވާ ބަޔަކަށް ދިނުމަކީ އިންސާފުވެރި އުސޫލެއް ނޫން ކަމަށެވެ.












