ރާއްޖެ ވެސް ހިމެނޭ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގައި އިންފްލޭޝަން އަދިވެސް މައްޗަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
ގައުމުތަކުގެ އިގުތިސާދުތަކަށް ވަމުން އަންނަ ގޮތް ބެލުމަށް ފަހު ވޯލްޑް ބޭންކުން އަހަރަކު ދެފަހަރު ނެރޭ ރިޕޯޓްތަކުގެ ތެރެއިން، މިއަދު ނެރުނު ރިޕޯޓުގައިވާ ގޮތުން މި ސަރަހައްދުގެ ގައުމުތަކުގައި މިއަހަރު 9.2 ޕަސެންޓާ ހަަމައަށް އިންފްލޭޝަން މައްޗަށް ދާނެ އެވެ. މަޑުމަޑުން އިންފްލޭޝަން ދަށަަށް ދާން ފަށާނީ 9.2 އަކަށް އެރުމަށް ފަހުގައި ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
ދެކުނު އޭޝިއާގައި އިންފްލޭޝަން މައްޗަށް ދަނީ ވޯލްޑް ބޭންކުން ބުނި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލޭތީ އާއި ވިޔަފާރިއަށް ހުރި ހުރަސްތައް އިތުރުވުމާއި ސަރަހައްދުގައި ކާބޯތަކެތި ލިބުމުގެ ކަށަވަރުކަން އޮތް މިންވަރު ގޯސްވުމުގެ ސަބަބުންނެވެ.
އިންފްލޭޝަން އެވަރަށް މައްޗަށް ދިއުމުން މީހުންގެ "ރިއަލް އިންކަމް" ނުވަތަ އިންފްލޭޝަނަށް ކަނޑާފައި ބޭނުންކުރަން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
"[އެކަމުގެ ނުބައި އަސަރު] ވަކިން ބޮޑަށް ކުރާނީ އެބައެއްގެ އާމްދަނީގެ ބޮޑުބައެއް ކާބޯތަކެތި ގަތުމަށް ހޭދަކުރާ، މި ސަރަހައްދުގެ ފަގީރުންނަށެވެ،" ރިޕޯޓް އާންމުކުރުމުގެ ގޮތުން ވޯލްޑް ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

"ކޯޕިން ވިތު ޝޮކްސް، މައިގްރޭޝަން އެންޑް ދަ ރޯޑް ޓު ރެޒިލިއަންސް" ގެ ނަމުގައި ވޯލްޑް ބޭންކުން މިއަދު ނެރުނު ރިޕޯޓުގައިވާ ގޮތުން ޖުމްލަކޮށް މި ސަރަހައްދުގެ ގައުމުތަކުގެ އިގުތިސާދީ ކުރިއެރުން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.
އިގުތިސާދު މަޑުޖެހުމުގެ އެއް ސަބަބަކީ އެ ރިޕޯޓުގައިވާ ގޮތުން، ޔުކްރޭން ހަނގުރާމަ އާއި ސްރީލަންކާއަށް ކުރިމަތިވި އިގުތިސާދީ ކާރިސާ އާއި ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާ އެވެ. ރިޕޯޓުގައި ސިފަކޮށްފައިވާ ގޮތުގައި މި މައްސަލަ ތަކަކީ ކޮވިޑުގެ ބަލިމަޑުކަމުން އިގުތިސާދުތަކުގައި ލީ ލަކުނު ނުފިލާ އުޅެނިކޮށް ކުރިމަތިވި ޝޮކްތަކެއްގެ ގޮތުގަ އެވެ.












