ވިލިމާލޭގައި ބެޓެރި ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ވިލިމާލޭގައި މިހާރު ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އަދަދު މަދުވުމާ ގުޅިގެން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމުގެ ގޮތުން ވިލިމާލޭގައި ބެޓެރީ ޓެކްސީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ވިލިމާލެ އަކީ ތެޔޮ އަންދައިގެން ދުއްވ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ރަށެކެވެ.
ޓެކްސީގެ ހިދުމަތް ދިނުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު 10، ގެ ހެދުނު 10:00 ގެ ކުރިން ސިޓީ ކައުންސިލުގެ އިދާރާއަށް ދިއުމަށް އެ އިދާރާއިން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
މައުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެދުނު 10:00 އަށެވެ.

އެ ހިދުމަތް ދިނުމަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓުތަކަށް ކަމަށް ވެސް ސިޓީކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.













