ރާއްޖޭގެ ބޮޑުބަޔަކަށް ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވާނެތީ ކަނޑުދަތުރުކުރުމުގައި މޫސުމަށް ސަމާލުވާން މޯލްޑިވްސް މީޓިރިއޮލޮޖީ ސާވިސް (މެޓް) އިން އިލްތިމާސްކޮށްފި އެވެ.
މެޓު އޮފީހުގެ މީޑިއާ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށެވެ.
އެގޮތުން މެދުރާއްޖެތެރެ އާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފަ އެވެ.
މި ތިން ދުވަހު ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވާއިރު މެޓުން ވަނީ މިއަދު އިރުއޮއްސި 6:00 އަށް ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އުފުލޭނެ ކަމަށް މެޓުން ލަފާކޮށްފަ އެވެ.

މިވަގުތު އެއްވެސް އެލާޓެއް ނެރެފައި ނެތް ނަމަވެސް، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.













