ރާއްޖޭގެ އުތުރާއި ދެކުނުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި އޮތް ސަރަހައްދީ ބަނދަރުތައް ތަރައްގީވެގެން ދިޔުމާ އެކު ރަށްރަށުގެ އިގްތިސާދަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސ. ހިތަދޫ އާއި ހދ. ކުޅުދުއްފުށީގެ ޕޯޓުތައް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތައް ނިމުމުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"އެ ދެ ބަނދަރު ތަރައްގީ ކުރުމަށް މިހާރު ފަށާފައިވާ މަޝްރޫއު ނިމި، ބޮޑެތި ބޯޓުފަހަރަށް ހިދުމަތް ދޭން ފެށުމުން، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ގދ. ތިނަދޫގައި ވެސް އަންނަނީ ސަރަހައްދީ ބަނދަރެއް ތަރައްގީ ކުރަމުންނެވެ. އެ މަޝްރޫއަށް ގެންނަންޖެހޭ ބައެއް ބަދަލުތަކެއް ހުރި ކަމަށާއި ފުރިހަމަކުރަންޖެހޭ ކަންކަން ނިމުނުހާ އަވަހަކަށް، އެ ބަނދަރުގެ މަސައްކަތްތައް ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާ ކަނޑުގައި ރާއްޖެ މިއޮތް ތަނުގެ ގޮތުން، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސިނާއަތުން ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ހާސިލު ކުރެވޭނެ ކަމަށާއި ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް ރާއްޖޭގައި ތަރައްޤީވެފައި އޮތް ނަމަ، ރާއްޖެއަށް ލިބޭ އާމްދަނީ މިހާރު ލިބޭ މިންވަރަށް ވުރެ މާ މަތިވާނެ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

"ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން މިހާރުވެސް ވަރަށް ބޮޑު. އެކަމުގެ ސަބަބުން، ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތް ދިނުމުގައި ވަރަށް ގިނަ ދަތިތައް އެބަ ކުރިމަތިވޭ،" ރައީސް ފާހަގަކުރެއްވި އެވެ.
އެގޮތުން، ބޭރުން ގެންނަ މުދާ، ވިޔަފާރިތަކާ ހަމައަށް ފޯރުމުގައި ގިނަ ވަގުތު ހޭދަވާ ކަމަށާއި އެއީ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ވިޔަފާރި ބަނދަރަކަށް އެކަށީގެންވާ ޖާގައެއް މާލެއަކު ނެތް ކަމަށާއި ބަނދަރު ބޮޑުކުރެވެން ވެސް ނެތް ކަމަށް ވިދާޅުވި އެވެ. އެކަމަށް އޮތް ހައްލެއްގެ ގޮތުގައި ސަރުކާރަށް ފެނުނީ ގުޅިފަޅު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ގުޅިފަޅު ބަނދަރަށް ބޭނުންވާ ބިމުގެ އެއްބައި މިހާރު އެއޮތީ ހިއްކާ ނިމިފައި. އަނެއްބައި ހިއްކައި ނިމުމާ އެކު، ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބީލަމަށް ހުޅުވައިލެވޭނެ،" ރައީސް މިރޭ ހާމަކުރެއްވި އެވެ.
އެ މަޝްރޫއު ނިމި ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުން އެމްޕީއެލްގެ ހިދުމަތްތައް އަވަސްވެގެންދާނެ ކަމަށާއި އެކަމުގެ ފައިދާ އިގްތިސާދަށް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރެވޭނެ. އަޅުގަނޑުމެން ގުޅިފަޅުގައި ބަނދަރު ތަރައްގީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ހަރަކާތްތަކަށް ވެސް ޖާގަ ލިބޭ ވަރަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެއް ކަމަކީ، މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ސިނާއީ ބޮޑެތި ހަރަކާތްތައް މަދުވުން. އަނެއް ކަމަކީ، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ހިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވުން،"
އެމްޕީއެލް އަންނަނީ މީގެކުރިން އެ ކުންފުނިން ނުދޭ ހިދުމަތެއް ކަމަށްވާ ހިލަޔާއި ހިލަވެލި ގެނެސް ބޭލުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ކަމަށް ވެސް ރައީސް މިރޭ ހާމަކުރެއްވި އެވެ.
"ތިލަފުށީގައި މިހާރު ތަރައްގީ ކުރަމުން އަންނަ ބަލްކު ޓާމިނަލް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ނިމުމުން، ހިލަޔާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ވެސް އަދި އާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.












