ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހަފްތާގައި ތިލަދުންމަތީގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެމަނިކުފާނުގެ އޮފީހުން ހާމަކޮށްފި އެވެ.
ރައީސް ވަޑައިގަންނަވާނީ ހދ. ނާވައިދޫ، ހދ. ފިނޭ، ހއ. ދިއްދޫ އަދި ހއ. އުތީމަށް ކަމަށް މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި އެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެމަނިކުފާނު ބައްދަލުކުރައްވައި ރަށްތަކުގެ ހާލަތު ބައްލަވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
އަދި، އެ ރަށްތަކުގައި ހިންގާފައިވާ އަދި މިހާރު ވެސް ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް އެމަނިކުފާނު ބައްލަވާލައްވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
ހަމައެހެންމެ، ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އޭގެ އިތުރުން، މި ސަރުކާރުން އުތުރުގެ އަތޮޅުތަކުގައި އަލަށް ފެށި ހައި ސްޕީޑު ފެރީ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ހިދުމަތްތައް ދެމުންދާ ގޮތް ވެސް މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ބައްލަވާލައްވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
އެމަނިކުފާނު އެންމެފަހުން ވަޑައިގެންނެވީ ލ. ގަމަށެވެ. އެއީ، "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.












