ޖިނާއީ ބައެއް ބޮޑެތި މައްސަލަތަކުގައި ވަރަށް ޖޫނިއާ ވަކީލުން ފޮނުވާ ކަމަށް ބެލެވުނަސް މިހާރު ނިޒާމު ރޭވިފައި އޮންނަ ގޮތުން އެ ވަކީލުން ހަވާލުވާ މައްސަލަތަކަށް ފަހުން ވަރަށް ފަރިތަ ވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖިނާއީ މައްސަލަތަކާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ މަސްއޫލިއްޔަތު އަދާ ކުރެވެމުންދާ މިންވަރު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް މިއަދު ހާޒިރުވެވަޑައިގަތެވެ.
މި ކޮމިޓީގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ޖިނާއީ ބޮޑެތި މައްސަލަތަކަށް ތަޖުރިބާ މަދު ވަރަށް ޖޫނިއާ ވަކީލުން ހާޒިރުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. ވަކީލުންނަށް މައްސަލަ ހަވާލު ކުރުމުގައި ޕީޖީ އޮފީހުގައި އޮންނަ އުސޫލަކީ ކޮބައިތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އޭގެ ޖަވާބުގައި ޝަމީމް ވިދާޅުވީ މީގެ ކުރިން ވަކީލުންނާ މައްސަލަ ހަވާލު ކުރުމުގައި ވަކި އުސޫލެއް ނެތް ކަމަށެވެ. ކޮންމެ ވަކީލަކު ވެސް ހުރިހާ ބާވަތެއްގެ މައްސަލައެއްގައި މަސައްކަތް ކުރާތީ، އެއްވެސް ވަކީލަކު އެއްވެސް މައްސަލައެއްގައި ވަކާލާތު ކުރުމުގެ ގާބިލްކަން އިތުރުވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީ ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ އުސޫލު މިހާރު ބަދަލުކޮށްފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ ގޮތުން އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އިންސައްތައަށްވާ ވަރަށް ޕީޖީގެ ވަކީލުން ބެއްސުމަށްފަހު، ކޮންމެ ވަކީލަކު ވަކި ބާވަތެއްގެ މައްސަލަތަކަށް މިހާރު ހާއްސަކޮށްފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މި ވަކީލުން ހަމަ އެ ބާވަތުގެ އެ މައްސަލަތަކުގައި ދިގު މުއްދަތަކު މަސައްކަތް ކުރަން ވާނީ، އޭރުން މި ވާ ގޮތަކީ އެ ވަކީލުން މި ވަނީ ފަހުން އެ ބާވަތުގެ މައްސަލަަތަކުގެ އެކްސްޕާޓުންނަށް، އޭރަށް ތި ބުނާ ކަންބޮޑުވުންތައް ވެސް ދެނެއް ކުރިމައްޗެއް ނުވާނެ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ މައްސަލަތަކުގެ ލިޔެކިއުންތަކާއި މައްސަލަތައް ކުރިއަށްދާވަރަކުން ފެންނަ ގޮތަށް ސޮފްޓްވެއާއެއް ޕީޖީ އޮފީހުގައި ގާއިމްކޮށްފައިވާއިރު، ކޮންމެ މައްސަލައެއް ވެސް ކުރިއަށް ގެންދާނެ ގޮތުގެ ގާނޫނީ ލަފާ އެކި ވަކީލުން ދެއްވާނެ އެވެ.
މީގެ ބޭނުމަކީ ޕީޖީ އޮފީހުގެ ތެރޭގައި ކޮރަޕްޝަން ނެތް ކަން ޔަގީން ކުރުން ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ފަހުން ދައުވާކުރާ މައްސަލަތަކުގެ ތެރެއިން ސާބިތުވާ މައްސަލަތަކުގެ އަދަދު ވެސް އިތުރުވަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.













