މިހާރު ކުރިއަށްދާ "ބޯހިމެނުން 2022" ކަނޑައަޅާފައިވާ ތާރީހަށް ނުނިމޭނެތީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މުއްދަތު އިތުރުކޮށްފި އެވެ.
މުޅި ރާއްޖޭގެ ބޯހިމެނުގެ މަސައްކަތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ މި މަހުގެ 25 ވަނަ ދުވަހު ނިންމާ ގޮތަށެވެ.
އެމްބީއެސް އިން ބުނީ މާލެ އާއި ހުޅުމާލޭގެ ލިސްޓިން ނުނިމި ހުރި ސަރަހައްދުތަކުގައި މާދަމާގެ ނިޔަލަށް ލިސްޓިން މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި، ބޯހިމެނުމުގެ މައުލުމާތު ނެގުން މި މަހު 27 ގެ ނިޔަލަށް އެ ކުރިއަށް ދާނެ ކަމަށެވެ.
ދުވަސް އިތުރުކުރި ސަބަބެއް ކަމަށް އެ އިދާރާއިން ބުނީ އެއީ މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމެވެ.
މި އަހަރު ބޯހިމެނުގައި މަސައްކަތް ފަށާފައިވަނީ 4،000 އަށްވުރެ ގިނަ އެނިއުމަރޭޓަރުން ބައިވެރިވެ އެވެ.

ބޯހިމެނުމުގެ މަައުލޫމާތު އެއްކުރުމަށް ގޭގެއަށް ދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ރޭގަނޑު 7:00 އަށެވެ. ހުކުރު ދުވަހު ހެނދުނު 9:00 އިން 11:00 އަށް އަދި 2:30 އިން 7:00 އަށް މަސައްކަތް ކުރާނެ އެވެ. ނަމަވެސް، ހާއްސަ ހާލަތްތަކުގައި ރޭގަނޑު ގަޑީގައި ހަރަކާތްތެރިވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ.
މިހާރު ކުރިއަށްދާ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސް ހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޯބަރު 20 އެވެ.
ރާއްޖޭގައި ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ އެވެ.













