ދިވެހިން މިއަދު ތިބީ ޑިމޮކްރެސީއާމެދު ވަރަށް ބޮޑަށް ހޭލުންތެރިވެފައި ކަމަށާއި، ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ހިއްސާއަކީ ކޮބައިކަން ދެނެތިބެ، އެ ހިއްސާ ލިބިގަންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރަޢީސް ވިދާޅުވީ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށާއި، އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވެމުންދާ ކަމަށެވެ.
"ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުސަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ގާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެނެވިއްޖެ" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީހުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ކަމަށެވެ.
އަދި އެ ބަދަލުތަކުގެ ސަބަބުން، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ހައްގުތަކެއް އިތުރަށް ކަށަވަރުވެފައިވާ ކަމަށެވެ.

ހަމައެފަދައިން ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ކުރިއަށް ވުރެ މާބޮޑަށް ތަނަވަސްވެއްޖެ
މިބަދަލުތަކުން ނުކުތް އެންމެ ރަނގަޅު ނަތީޖާއަކީ، މުޖުތަމައުގައި ހަމަޖެހުމާއި ސުލްހަޔާއި އަމާންކަން ފެތުރިގެން ދިއުންކަމަށް ރައީސް ވިދާޅުވި އެވެ.
އެ މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަނގުރާމަތަކާއި، އަސްކަރީ ކޯޅުންތަކާއި، ނަސްލީ ވާދަވެރިކަމުގެ ކުރިމަތިލުންތަކުގެ ސަބަބުން، ދުނިޔޭގެ އެތައް ގައުމެއްގެ ރައްޔިތުން މިހާރު ވެސް ޑިމޮކްރެސީގެ އެއްވެސް މަންފާއެއް ނުލިބި، އަސާސީ ހައްގުތަކުން މަހުރޫމުވެ ބިކަވެފައި އެބަ ތިބި ކަމަށެެވެ.
ޑިމޮކްރެސީ އާއި ސުލްހަޔަކީ އެއް ފައިސާ ފޮތީގެ ދެ ފުށް ކަމަށްވާއިރު، ޑިމޮކްރެސީ ދެމެހެއްޓުމަކަށްޓަކައި، ސުލްހަވެރިކަން އޮތުން މުހިންމު ކަމަށާއި، ސުލްހަޔާއި ހަމަޖެހުން އޮތުމަށްޓަކައި، ޑިމޮކްރެސީ ހަރުދަނާކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވަރަށް ހަލުވި ބަދަލުވުންތަކެއްގެ ތެރޭގައި އޮތް މުޖުތަމައެއްގައި، މިނިވަން ގައުމެއްގެ ގޮތުގައި އަޑު އުފުލަމުން އަންނައިރު، ޑިމޮކްރެސީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތަކާއި ހުރަސްތަކަށް، ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދު ދުނިޔޭގެ ގިނަ ގައުމުތައް ތަޖުރިބާކުރަމުންދާ އެންމެ ބޮޑު ނުރައްކާ ކަމަށްވާ ތިމާވެށީގެ މައްސަލަތަކާއި، ޓެރަރިޒަމާއި ހަނގުރާމަތަކުގެ ނުރައްކާތެރިކަން ފަދަ ކަންކަމުން ރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ، ފަރުދީ އަދި ޖަމާއީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.













