ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފޮތް މައުރަޒު އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެ މައުރަޒު ކުރިއަށް ގެންދާނީ އޮކްޓޯބަރު 11 އިން 13ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެވެސް މެންދުރު 2:00 އިން ރޭގަނޑު 10:00އަށެވެ.
އެމްއެންޔޫއިން ބާއްވާ އެ ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ.
މި މައުރަޒަކީ ދިވެހި ލިޔުންތެރިން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުސަތެއް ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.
މި މައުރަޒުގެ މަގުސަދަކީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުސަތު ތަނަވަސްކޮށްދިނުމަށާއި ޝާއިއު ނުކުރެވި ހުރި އާ ފޮތް ފަދަ އެކި ލިޔުންތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާހައުލެއް އުފެއްދުން ކަމަށް އެމްއެންޔޫން ބުނެ އެވެ.

މީގެ އިތުރުން:
- ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝައުގު އުފެއްދުން.
- ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާހައުލެއް އުފެއްދުން.
އެމްއެންޔޫ ފޮތް މައުރަޒުގައި ބައިވެރިވުން މިފަހަރުވެސް ހުޅުވާލެފިވަނީ އެއްވެސް ފީއެއް ނުނަގާ މުޅިން ހިލޭ އެވެ.












