ސާވައިކަލް ޑިސްޓޯނިއާ އަދި ގްލަބެއްލާ ލައިންސް ނުވަތަ މޫނު މަތީގައި ހުންނަ ރޫފިލުވަން ބޭނުންކުރާ ބޭހެއްގެ ފޯލްސިފައިޑް ބެޗުތަކެއް ދައުރުވަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
މޫނު މަތީގައި ހުންނަ ރޫ ފިލުވުމަށް ބޭނުންކުރާ ޑީސްޕޯޓް (Dysport)ގެ ފޯލްސިފައިޑް ބެޗުތަކެއް ޔޫރަޕާއި އިރުމަތީ މެޑިޓެރޭނިއަންގެ ފަސް ގައުމެއްގައި ދައުރުވަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން ވެސް ވަނީ އެލާޓްކޮށްފަ އެވެ.
މިއަހަރު ތެރޭގައި އެ ބޭހުގެ ފޯލްސިފައިޑު ބެޗުތައް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި އުރުދުން، ތުރުކީވިލާތް، ކުވެއިތުގެ އިތުރުން ޔޫކޭ އަދި ޕޮލެންޑު ހިމެނެ އެވެ.
މިއީ ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް ހުއްދަ ކުރާ ބޭސްތަކުގެ ތެރެއިން ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން އިމްޕޯޓް ކުރުމުގެ ހުއްދަ ދީފައިވާ ބޭހެކެވެ. ނަމަވެސް މިހާތަނަށް ޕްރީ-އޮތޮރައިޒޭޝަނުގެ ދަށުން މި ބޭސް ރާއްޖެ އެތެރެކޮށްފައި ނުވާ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.
މި ބޭސް ބޭނުންކޮށްގެން ދޭ ބައެއް ހިދުމަތްތަކަކީ ކޮސްމެޓިކް ހިދުމަތްތަކަށްވާތީ، ރާއްޖޭން ބޭރުން ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާ ފަރާތްތަކުން ފޯލްސިފައިޑް ބެޗުތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެފްޑީއޭއިން ބުނީ ރައްކާތެރިކަމުުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓު ކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ބާލާފާސްކުރަމުން ދާނެ ކަމަށެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ އެކަމާ ބެހޭ އިތުރު މައުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެދިފަ އެވެ.













