ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދަތުރުކުރާ ރާއްޖެ ޓްރާންސްޕޯޓް ލިންކު ފެރީތަކުގެ ސަބަބުން އިގްތިސާދުގެ ތަނަވަސްކަން އެންމެނަށް ވެސް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ތިން ވަނަ ވިޔަވަތި ކޮންފެރެންސް ހުޅުވުމަށް ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އާރްޓީއެލްގެ ބޭނުމަކީ އެއް ރަށުން ނުލިބޭ ހިދުމަތެއް ނުވަތަ ވަސީލަތެއް ފަސޭހަކަމާއެކު ދަތުރުކޮށްގެން ހޯދުން ކަމަށެވެ.
"އެރަށުގާ ނެތް، މިރަށުގާ ހުރި، ކިތަންމެ ފުރުސަތަކާ ހިދުމަތަކާ ވަސީލަތެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެބަހުރި. މީގެ ކޮންމެ ދެރަށެއް، އާރްޓީއެލްގެ ޒަރިއްޔާއިން ދުވާލު ދެއިރު ބައްދަލުވެ، ލާމެހި، މާރުވާން ފެށުމުން ލިބޭ ނަތީޖާ ތަފާތުވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
"އޭރުން އެވާގޮތަކީ، ދިރިދިރި ހިނގަ ހިނގާ އޮތް އިގްތިސާދެއްގެ ތަނަވަސްކަން، އެންމެނަށް ލިބުން."
ބައެއް ރަށްރަށުން މިސާލު ނަންގަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއް ރަށުގައި އުފައްދާ ކާބޯތަކެތި ތާޒާކަމާއެކު އާރްޓީއެލްގެ ފެރީގައި އަނެއް ރަށަށް މިހާރު ގެންގޮސްދެވޭ ކަމަށެވެ. އެއީ އިގްތިސާދު ރަނގަޅުވެގެންދާނެ ސަބަބެއް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

"ތަކަން-މާރަންދޫގެ ހިކަނދި ރާނބާ، އެންމެންވެސް އަބަދުވެސް ބޭނުންވޭ. ހަމަ އެގޮތަށް، ކެލާ، ބާރަށުގެ ފަލަމަޑިއަށް، [އެހެން] ރަށްތަކުން އިންތިޒާރުކުރޭ. އަދި މިނޫނަސް، އެތައް ރަށެއްގެ އާދަޔާހިލާފު މާދަރީ އުފެއްދުން ހުރޭ. އާރްޓީއެލް މެދުވެރިކޮށް، މިތަކެތި ފީނުވެ ބޮޑު ތިލަދުންމައްޗަށް ރައްދު ކުރެވި، އެރަށަކަށް އެރަށެއްގެ އަގު، އިރު އޮއްސުމުގެ ކުރިން މިހާރު ލިބޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
އިގްތިސާދުގެ ތަނަވަސްކަން އެންމެނަށް އެގޮތަށް ލިބުމުގެ ފުރުސަތު ފަހިވަނީ ލާމަރުކަޒީ ނިޒާމުގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އިސްދޫ-މުލީގާ އަޅާ އިގްތިސާދީ އޮއިވަރު، މާވަށް-ގުރައިދޫ ކަނޑުއޮޅިއަށް ވާސިލުވެ، އެންމެންގެ ޖީބަށް އެތަނަވަސްކަން އަންނަންޖެހޭ. އެއީ ވިއަވަތި ޖަޒީރާ ރާއްޖެ، ހިނގަންޖެހޭ ގޮތް. އާ ގޮތަކުން، މާމޮޅު އަނެއްގޮތް، ގެނެސްދެނީ މި ނިޒާމް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ ވިޔަވަތި ކޮންފެރެންސްގައި ރާއްޖޭގެ ހުރިހާ ރަށު ކައުންސިލަކުން ބައިވެރިވާނެ އެވެ. ލ. އަތޮޅުގައި މިފަހަރު ކޮންފަރެންސް ބާއްވާއިރު ރަށްރަށުގެ ކަންބޮޑުވުންތައް މާލޭގެ މަރުކަޒީ އިދާރާތަކާ ހަމައަށް އިއްވާނެ އެވެ.













