މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ފްލެޓުތަކަށް ކަނޑައަޅާފައިވާ ޑައުންޕޭމަންޓަކީ މުސާރަތަކާ ނުބަައްދަލު އަދަދެއް ކަމުން ޑައުންޕޭމަންޓު ކުޑަކޮށްދޭން ފްލެޓު ލިބުނު އެ ކުންފުނީގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެދިއްޖެެ އެވެ.
ޕެޓިޝަން ކޮމިޓީއަށް އެމްޕީއެލްގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ހާޒިރުކުރީ ޑައުންޕޭމަންޓު މައްސަލައިގައި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭތޯ ފްލެޓު ލިބުނު 484 މުވައްޒަފަކު ސޮއިކޮށް، މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެންނެވެ.
އެގޮތުން، މި މައްސަލަ ދިރާސާކުރަމުންދާ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބަައްދަލުވުމުގައި އެމްޕީއެލްގެ މުވައްޒަފުން ފަރާތުން ވާހަކަ ދެއްކި ނަވާޒު މުހައްމަދު ސައީދު ބުނީ މިހާރު ދީފައިވާ ޑައުންޕޭމަންޓް އޮޕްޝަންތައް ނަގައިގެން، ފްލެޓު ލިބުނު 534 މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަށް ފްލެޓަށް ނުވަދެވޭނެ ކަމަށެވެ.
"ސްކީމްތަކާ އެއްޗެހީގައި ބައިވެރިވެގެން ތިބި މީހުންނަށް ވީމަ (މުސާރައިން) ވަރަށް ބޮޑެތި އަދަދުތަކުން އެބަ ކަނޑާ. މުސާރައިގެ ތިން ހާހާއި އަށް ހާހާއި ދޭތެރޭގައި މުވައްޒަފުންގެ އަތުން އެބަ ކަނޑާ ސްކީމްތަކަށް އެކަނި ވެސް"
ނަވާޒު ބުނި ގޮތުގައި މިހެން ހުންނަ ހަރަދުތައް ކަނޑާފައި އޮފީހުގައި އުޅޭ އާދައިގެ މުވައްޒަފުންނަށް ލިބެނީ މަހަކު އެންމެ ހަ ހާސް ރުފިޔާ ކަަމަށެވެ. އަދި، ކުންފުނީގެ މުސާރަ އާއި ދިރިއުޅުމުގެ ހަރަދުތައް ހުންނަ ގޮތުން، އެއީ އާދައިގެ މުވައްޒަފަކަށް ދެއްކޭނެ އަދަދަކަށް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް ޑައުންޕޭމަންޓު ކަނޑައަޅާފައި ހުރީ މިވަރުގެ މުސާރައެއް ލިބޭ މުވައްޒަފުންނަށް ދެއްކޭނެ ގޮތަކަށް ނޫން ކަމަށް އޭނާ ބުންޏެވެ.
އެމްޕީއެލްގެ މެނޭޖުމަންޓުން ވަނީ ފްލެޓުތަކުގެ ޑައުން ޕޭމަންޓު ދައްކަން މުވައްޒަފުންނަށް ތިން ގޮތެއް ހުށަހަޅާފަ އެވެ. އެންމެ ފުރަތަމަ ހުށަހެޅީ ފްލެޓުތަކުގެ ޖުމްލަ އަގުގެ 20 ޕަސެންޓު ނުވަ މަހަށް ބަހާލައިގެން ދައްކާށެވެ. އޭރުން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ ޑައުންޕޭމަންޓަށް ދައްކަން ޖެހެނީ 160،000ރ. އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަން ޖެހެނީ 300،000ރ. އެވެ.
މި އަގުތަކާ ދޭތެރޭ މުވައްޒަފުން ހިތްހަމަނުޖެހުމުން ހުށަހެޅި ދެވަނަ ގޮތަކީ ފްލެޓު އަގުގެ 15 ޕަސެންޓު އަހަރު ދުވަހަށް ބަހާލައިގެން ދައްކާށެވެ. އޭރުން އެއް ކޮޓަރި އެޕާޓްމަންޓަކަށް ދައްކަން ޖެހެނީ 120،000ރ. އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންތަކަށް ދައްކަން ޖެހެނީ 216،000ރ. އެވެ.
އެންމެ ފަހުން ހުށަހެޅީ އެއް ކޮޓަރީގެ ޑައުން ޕޭމަންޓަށް 40،000ރ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 50،000ރ. އެވެ. އެކަމަކު މި ފައިސާ ދައްކަން ދެނީ މަސް ދުވަހެވެ. އަދި 15 ޕަސެންޓު ޑައުންޕޭމަންޓުގެ ބާކީ ނުވަ މަހަށް ބަހާލައިގެން ދައްކަން ޖެހެ އެވެ.
މިތިން ގޮތުން ކުރެ އެއްގޮތަކީ ވެސް މުވައްޒަފުންނަށް ރަނގަޅު ގޮތެއް ނޫން ކަމަށް ފާހަގަކުރަމުން ނަވާޒު ވަނީ ތަނަށް ވަދެވޭނެ ދުވަހެއް ނޭނގި މިވަރުގެ އަދަދުތަކެއް ނަގަން ނިންމި ސަބަބާ ކުންފުނީގެ ނިޔަތާ މެދު ވެސް ސުވާލު އުފައްދާފަ އެވެ.
"މީގެން އޮޕްޝަނެއް އިހުތިޔާރުކޮށްފި ކަމުގައިވަނީ ނަމަ، މިހާރު އުޅޭ ތަނަށް ކުލި ނުދައްކާ އުޅެން ޖެހޭނީ"
"މިތަނަށް ވަދެވޭނެ ދުވަހެއް ނޭނގި މި އަދަދުތަކެއް ނަގަން ނިންމާފައި މިއޮތީ"
އެމްޕީއެލްގެ މުވައްޒަފުން ވަނީ މުވައްޒަފުންނަށް ދެއްކޭނެ ޑައުން ޕޭމަންޓު އަދަދުތަކެއް ހުށަހަޅާފަ އެވެ.
ފުރަތަމަ ގޮތަކީ ޑައުން ޕޭމަންޓާ ނުލާ ވަދެވެން އޮތް ކަމުގައި ވަނީ ނަމަ މުވައްޒަފުންނަށް އެ ފުރުސަތު ދިނުމެވެ.
އޭރުން މެއިންޓެނަންސް ފީ ހިމަނައިގެން އެއް ކޮޓަރީގެ ތަނެއްގެ މަހު ކުލީގެ ގޮތުގައި ޖެހެނީ ގާތްގަނޑަކަށް 6500ރ. އެވެ. އަދި ދެ ކޮޓަރި ތަނަކަށް ޖެހެނީ ގާތްގަނޑަކަށް 12،000ރ. މުވައްޒަފުން ބުންޏެވެ. އަދި ބުނީ އެ ކުލީގައި އެމްޕީއެލްއަށް އެއް ކޮޓަރި އެޕާޓްމަންޓަކުން 1.3 މިލިއަން ރުފިޔާ އަދި ދެ ކޮޓަރި އެޕާޓްމަންޓަކުން 2.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
މިއީ މިހާރު އެއް ކޮޓަރި އެޕާޓްމަންޓެއް ވިއްކާ އަގު ކަމުގައިވާ 800،000ރ. އަދި ދެ ކޮޓަރި އެޕާޓްމަންޓެއް ވިއްކާ އަގު ކަމުގަައިވާ 1.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގުތަކެކެވެ.
"މިގޮތުން ހަދައިފި ކަމުގައިވީ ނަމަވެސް ކުންފުންޏަކަށް ނެތް ގެއްލުމެއް" ނަވާޒު ބުންޏެވެ.
މުވައްޒަފުންގެ ފަރާތުން އައި ދެވަނަ ހުށަހެޅުމަކީ ޑައުންޕޭމަންޓު ނަގާ ކަމުގައިވަނީ ނަމަ އެއް ކޮޓަރި ފްލެޓަކަށް 25،000ރ. އަދި ދެ ރޫމް އެޕާޓްމަންޓަކަށް 50،000ރ. އެވެ. އަދި، މަހު ކުއްޔަށް އެއް ކޮޓަރިއަށް 6000ރ. އަދި ދެ ކޮޓަރި ތަންތަނަށް 11،000ރ. އެވެ. އަދި މިގޮތަށް ދައްކާ އިރު ވެސް ޑައުންޕޭމަންޓް އެއް ފަހަރާ ދެއްކުމުގެ ބަދަލުގައި ތިން މަހަށް ބަހާލަން މުވައްޒަފުން އެދެ އެވެ.
މިއީ ވެސް ކުންފުންޏަށް ދިގު މުއްދަތުން ފައިދާ ލިބޭ އަގުތަކަކަށް ވެފައި މުވައްޒަފުންނަށް ވެސް ދެއްކޭނެ އަދަދުތަކެއް ކަމަށް ކޮމިޓީގައި ބައިވެރިވި މުވައްޒަފުން ބުންޏެވެ. އަދި މިހާރު އޮތް ގޮތަށް ފައިސާ ނުދައްކައިފިނަމަ ފްލެޓް އެއްބަސްވުން ބާތިލުކުރާނެ ކަމަށް ބުނަމުން އަންނައިރު، މިކަމުގައި އަވަސް ހައްލެއް ހޯދައިދޭން މަޖިލިސް މެމްބަރުން ކުރެން އެދުނެވެ.
ޑައުންޕޭމަންޓާ ގުޅިގެން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ކޮމިޓީން ނިންމީ އެމްޕީއެލްގެ މެނޭޖްމަންޓު ހާޒިރުކޮށްގެން މިކަމަށް ހައްލެއް ހޯދާށެވެ.












