ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފެށުމުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.
ޖޭއެސްސީން ބުނީ ސައީދުގެ އިސްތިއުފާގެ ސިޓީ ލިބިފައިވަނީ މިއަދު ކަމަށާއި، އެ ސިޓީގައި ބުނެފައިވަނީ މާދަމާއިން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
އިސްތިއުފާ ދެއްވިއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ރިސްވަތު ނެގުމުގެ މައްސަލައެއް ބެލުމަށް ވަނީ ނިންމައިފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީން ބުނީ ވެލިދޫ ކޯޓުގެ މައްސަލަތައް ނިންމުމުގައި ސައީދު ރިޝްވަތު ނަގާ ކަމަށް ތުހުމަތުކޮށް ހުށަހެޅި ޝަކުވާ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ އޯގަސްޓް 24 ބޭއްވި މައްސަލަތައް ބަލާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ސައީދުގެ ބަހެއް ނުލިބުނެ އެވެ. އޭނާ ފޯނު ވެސް ނުނަންގަވަ އެވެ.












