ސަލާމަތީ ގޮތުން ރައްކާތެރި ނޫން މިންވަަރަކަށް، ގަވައިދާ ހިލާފަށް ބަރުކޮށްގެން މާލެެއިން ފުރި ނާލުބޯޓެއް، މެރިން ފުލުހުން ނުކުމެ ހުއްޓުވައި އަނބުރާ މާލޭ ފަޅަށް ވައްދައިފި އެވެ.
ސޯޝަލް މީޑިއާގައި މެރިން ފުލުހުން މިއަދު ޖެހި ޕޯސްޓެއްގައި ބުނީ ގަވައިދާ ހިލާފަށް ބަރުކޮށްގެން މާލެއިން ފުރިފަހުން ހުއްޓުވައި އަނބުރާ މާލޭ ފަޅަށް ވެއްދީ "ސައުތުލައިން" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެއީ މާލެއިން ފުރައިގެން ދެކުނަށް ދަތުރުކުރި ބޯޓެކެވެ.
"އަދި ގަވައިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ [ބޯޓާ އެކަށީގެންވާ ވަރަށް ލުއިކޮށްގެން ނޫނީ] ބޯޓު އިތުރަށް ދަތުރުނުކުރަން ވާނީ އެންގިފައި،" މެރިން ފުލުހުން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްގައި ބުންޏެވެ.
މިއީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުކުރުމުގައި މޫސުމަށް ސަމާލުވާން ފުލުހުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.
މޫސުމާ ބެހޭ އިދާރާއިން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މުޅި ރާއްޖޭގެ މޫސުން ވެސް މިއަދު ގޯހެވެ. އާއްމު ގޮތެއްގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ބާރުވާނެކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.













