ހއ. އިހަވަންދޫގައި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގޭގައި ހިފައި ގެންގުޅޭ ހުރިހާ އެއްޗެއް ބޭނުން ނުކުރެވޭ ވަރަށް މުޅި ގެ އަނދައިފި އެވެ.
މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ތިން ކޮޓަރީގެ އެޕާޓްމަންޓެކެވެ. އަލިފާން ހިފީ ތިން ކޮޓަރީގެ ތެރެއިން ގުދަނެއް ގޮތަށް ބޭނުން ކުރަމުން ދިޔަ ކޮޓަރީގަ އެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
"މުޅި އެޕާޓްމަންޓް ރޯވެ އަނދާފަ ހުރީ، މަދު އެއްޗެއް ނޫނީ ދެން ބޭނުން ނުކުރެވޭނެ، ފާރު ވެސް ހުރީ ބޭނުން ދެން ނުކުރެވޭ ވަރު ވެފަ،" އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހް ވިދާޅުވި އެވެ.
ސޮބާހް ވިދާޅުވި ގޮތުގައި އަލިފާން ރޯވި އެޕާޓްމަންޓް ހިމެނޭ ގޯތި ތެރޭގައި އަދި ވަކިން އިތުރު އެޕާޓްމަންޓެއް ހުރެ އެވެ. އެ މީހުން މި ވަގުތު ތިބީ އާއިލާ މީހުންގެ އެ ގޭގަ އެވެ.

"ގޭގައި ދިރިއުޅޭ މީޙުން ދެން އެ ވަގުތުން އެ ވަގުތަށް ނެރެވުނު، އެކަމަކު އެއްވެސް އެއްޗެއް ދެން އަޅުގަނޑުމެންނަށް ނެރެވޭ ގޮތެއް ނުވި،" ސޮބާހު ވިދާޅުވި އެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރީ ރަށު ރައްޔިތުން ނުކުމެ ކުރި މަސައްކަތުންނެވެ. އަދި އެ ކަމުގައި ކައުންސިލާއި ފުލުހުން ވެސް އެހީތެރިކަން ދީފައިވެ އެވެ.
ރޯވި ގޭގައި ދިރިއުޅެނީ ހަތަރު މީހެކެވެ. އެއީ ދެމަފިރިންނާއި ދެމަފިރިންގެ ކުޑަ ދެ ދަރިފުޅެވެ. ދެ ދަރިންނަށް ވެސް އަދި ހަތަރު އަހަރު ނުފުރޭ ކަމަށް ކައުންސިލުން ބުނެ އެވެ.

"އާއިލާ ވަރަށް ހާސްވެ ހާލުގައި މި ވަގުތު ތިބީ، ވާހަކަ ދައްކަން ވެސް ފަސޭހައެއް ނޫން،" ސޮބާހް ވިދާޅުވި އެވެ.
އިހަވަންދޫ ރަށު ކައުންސިލާއި، ފުލުހުންނާއި، ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން އާއިލާއަށް ދޭން ޖެހޭ އެހީތެރިކަމެއްވާ ނަމަ، އެ ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.













