ގދ. ތިނަދޫގައި ގެއްލިގެން ހޯދަމުން ދަނިކޮށް އެ ރަށު ފަޅު ގޯއްޗެއް ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާފާނަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވެއްޖެ އެވެ.
އުމުރުން 80 އިން މަތިވެފައިވާ އެ ރަށު ކަސްޓަޑުގެއާގޭ ހައްވާފާނު ނިޔާވީ އޭނާއަށް އެ ރަށު ހޮސްޕިޓަލުގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ގދ. ތިނަދޫ ކައުންސިލް މެންބަރަކު މި ކަން ވަނީ ޔަގީންކޮށްދީފަ އެވެ.
ހައްވާފާނުގެ ހަބަރެއް ނުވެގެން ރަށު ރައްޔިތުން ނުކުމެ އޭނާ ހޯދަން ފެށީ މިދިޔަ ބުދަ ދުވަހުގެ ރޭ އިރާކޮޅުން ފެށިގެންނެވެ.
"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ތަފާތު އެކުވެރިކަމެއް. ހައްވާފާނު ހޯދަން ރަށުގެ ޒުވާނުންގެ ވެސް ބޮޑު ގުރޫޕެއް ނިކުތް. އެކި އުމުރުފުރާތަކުގެ އެތައް ބަޔަކު ނިކުތް. ބޮޑު ރަށަކަށް ވާތީ ވަރަށް ބޮޑަށް ހޯދައިގެން ފެނުނީ." ތިނަދޫ ކައުންސިލްގެ މެންބަރަކު މި ނޫހަށް ވިދާޅުވި އެވެ.













