"ދިރިދުނިޔޭގައި ބައްޕަގެ މުދަލަކީ ދަރިންގެ ހައްގެއް ނޫން": ބޯހިޔާއެއް ނުދީގެން ބައްޕަ ގޮވައިގެން ކޯޓުގައި

 ވިލިމާލޭގައި ދުވަސްވީ މީހަކު ހިނގާފައި ދަނީ: ދަރިއަށް ބޯހިޔާވަހިކަމެއް ދިނުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވިލިމާލޭގައި ދުވަސްވީ މީހަކު ހިނގާފައި ދަނީ: ދަރިއަށް ބޯހިޔާވަހިކަމެއް ދިނުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

"ބައްޕަގެ މުދަލަކީ ދިރި ދުނިޔޭގައި ހުންނައިރު ދަރިންގެ ހައްގެއް ކަމަށް ދޭހަވާ ޝަރުއީ އަދި ގާނޫނީ ހަމައެއް ވެސް ނެތެވެ."

މިއީ, މިފަހުން ހައިކޯޓުން އާއިލީ މައްސަލައެއްގައި ނެރެފައި އޮތް ހުކުމެއްގައި ބުނެފައި އޮތް ވާހަކައެކެވެ. މި ވާހަކައާ ހަމައަށް އެ ކޯޓުން ދާން ޖެހުނީ އަންހެން ދަރިއަކު, ބައްޕަ ގޮވައިގެން އެ ކޯޓާ ހަމައަށް އައުމުންނެވެ.

މާލެއަށް ނިސްބަތްވާ އާއިލާއެއްގެ އެ އަންހެންމީހާ, އޭނާގެ އަމިއްލަ ބައްޕަ ގޮވައިގެން ކޯޓު މަރުހަލާއަށް ނުކުތީ, ބައްޕަގެ އެހެން ދަރިންނެކޭ އެއްގޮތަށް އޭނާއަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދީފައި ނެތުމުންނެވެ.

އަންހެންމީހާ އެންމެ ފުރަތަމަ ފެމެލީ ކޯޓަށް މައްސަލަ ހުށަހެޅީ, ބައްޕަގެ އަނެއް ދެ ދަރިންނަށް މާލޭގެ ގެއަކުން ބޯހިޔާވަހިކަން ދީފައިވާއިރު, އޭނާ އެކަމުން މަހުރޫމްކޮށްފައިވާތީ އެވެ. އެ މައްސަލާގައި ފެމެލީ ކޯޓުން އެންގީ, އެހެން ދަރިންނެކޭ އެއްފަދައިން އަންހެންމީހާއަށް ވެސް ބޯހިޔާވަހިކަމެއް ދިނުމަށެވެ.

"...މާލީ ތަނަވަސްކަމާއި ގެދޮރުވެރިކަމުގެ ތަނަވަސްކަން ހުރި މިންވަރުން, އެހެން ދަރިންނެކޭ އެއް ހަމައަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަންގައި..," ފެމެލީ ކޯޓުން ބައްޕަގެ މައްޗަށް ހުކުމް ކޮށްފައިވެ އެވެ.

"މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަން ޖެހޭ އަޅާލުމާއި އިހްތިރާމާއި ލޯތްބާއި ކުލުނު އެގޮތުގައި ދެމެހެއްޓުމަށް މި މައްސަލާގައި ހިމެނޭ ފަރާތަށް ނަސޭހަތްތެރިވެ..."

ބޯހިޔާވަހިކަމެއް 10 ދުވަހުގެ ތެރޭ ހަމަޖެއްސުމަށް ފެމެލީ ކޯޓުން އަންގާފައިވީ ނަމަވެސް, އެކަން ހަމަޖައްސާފައިނުވާ ކަމަށް ބުނެ އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް އަނެއްކާވެސް އަންހެންމީހާގެ ފަރާތުން ފެމެލީ ކޯޓަށް ވެއްދި އެވެ.

އެކަމަކު, ފެމެލީ ކޯޓުގެ ހުކުމާއި އާ މައްސަލަ ވެއްދުމާ ދޭތެރޭ އަންހެންމީހާ އާއި ބައްޕައާ ދެމެދު މުއާލަމާތްތަކެއް ހިނގާފައިވެ އެވެ. އެގޮތުން, މާލޭގެ ގެއެއްގެ ގްރައުންޑް ފްލޯއިން އަންހެން މީހާއަށް ބޯހިޔާވަހިކަމެއްދީ, އެތަން ވަސިއްޔަތުން އޭނާއަށް ފޯރުކޮށްދެވިދާނެ ކަމާއި މަހަކު, 5،000ރ. ދެވިދާނެ ކަމަށް ބައްޕަ ހުށަހަޅާފައިވެ އެވެ.

އެކަމަކު, އަންހެން ދަރިފުޅު ވަނީ ބައްޕަގެ އެ ހުށަހެޅުމަށް އިންކާރުކޮށްފަ އެވެ; ނަމަވެސް, ފެމެލީ ކޯޓުން ނިންމީ އަންހެން ދަރިފުޅަށް ބޯހިޔާވަހިކަމެއް ދޭން އެ ކޯޓުން އަންގާފައި އޮތް އެންގުމަށް ތަބާވެ އެކަން ކުރުމަށް އެކަށީގެންވާ މަސައްކަތް ބައްޕަ ކޮށްފައިވާ ކަމަށެވެ.

ފެމެލީ ކޯޓުން, އެ މައްސަލަ އެ ހިސާބުން ނިމުމުން އަންހެންމީހާ ވަނީ ހައިކޯޓަށް މައްސަލަ އިސްތިއުނާފަށް ހުށަހަޅާފަ އެވެ. އެގޮތަށް ހުށަހެޅީ އެ ހުކުމް ފެމެލީ ކޯޓުން ކުރީ އޭނާ ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ބުނެ އެވެ.

އެގޮތުން, ބައްޕަގެ އާމްދަނީގެ ހިސާބާއި ހަރަދުގެ ހިސާބު ދަށު ކޯޓަށް ހުށަހަޅާފައިނެތި ހަމައެކަނި ބަޔާންތަކުގައި ހުށަހެޅި ކަންކަމަށް ބުރަދަންދީ ފެމެލީ ކޯޓުން މައްސަލަ ނިންމުން ގާނޫނާ ހިލާފު ކަމަށެވެ.

އޭގެއިތުރުން އޭނާ އެދިފައިވަނީ އޭނާގެ ރަޖިސްޓްރީ އޮންނަ މާލޭގެ ގެއިން ބޯހިޔާވަހިކަމެއް ދިނުމަށް ނުވަތަ މަހަކު 10,000ރ. ދިނުމަށްކަން ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި 5,000ރ. އަކީ ދިރިއުޅުމަށް ބޯހިޔާވަހިކަމެއް ލިބޭނެ އަދަދެއް ނޫނެވެ.

އަންހެން މީހާ ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައްޗަށް ވާހަކަ ދައްކަމުން ހައިކޯޓުގެ ހުކުމްގައި ބުނީ ދަށު ކޯޓުން ރިއާޔަތްކޮށްފައިނުވަނީ އޭނާ ހުށަހެޅި ކޮން ހެއްކަކަށް ކަމެއް ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި ކޯޓުން ހިލާފުވެފައިވަނީ ގާނޫނީ ކޮން އުސޫލަކާ ކަމެއް ބުނެދެވިފައިނުވާ ކަމަށެވެ.

ފެމެލީ ކޯޓުގެ ހުކުމްގައި އަންހެން ދަރިފުޅަށް ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ ވަކި ގެއެއް ފާހަގަކޮށް, ވަކި އަދަދެއްގެ ފައިސާ ދޭން ޖެހޭނެކަން ކަނޑައަޅާފައިނުވާއިރު, ބޯހިޔާވަހިކަމެއް ދޭން ބައްޕަ ތަކުރާރުކޮށް މަސައްކަތް ކުރިކަން ދަރިފުޅުގެ އިއުތިރާފުން ވެސް އެނގޭކަން ހައިކޯޓުން ފާހަގަކުރި އެވެ.

"...[ބައްޕަ]ގެ އާމްދަނީގެ ހިސާބާއި ހަރަދު ދަށު ކޯޓަށް ހުށަހަޅަން ޖެހޭ ގާނޫނީ ސަބަބެއް ދެއްކިފައެއް ނެތް," ހުކުމްގައިވެ އެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނެފައިވާ ހުކުމްގައި ބުނީ ކުޑަކުދިންނާއި ނުކުޅެދޭ ކުދިންނާއި ކައިވެނިނުކޮށް ތިބޭ އަންހެން ދަރިން ބެލެހެއްޓުމަކީ އެ ދަރިންގެ ބައްޕަގެ ތަނަވަސްކަން ހުރި މިންވަރަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް, ބައްޕަގެ މުދަލަކީ ބައްޕަ ދިރި ދުނިޔޭގައި ހުންނައިރު ދަރިންގެ ހައްގެއް ކަމަށް ދޭހަވާ ޝަރުއީ ނުވަތަ ގާނޫނީ ހަމައެއް ވެސް ނެތް ކަމަށެވެ.

"...އެއާ އިދިކޮޅަށް ބައްޕަގެ އެންމެހާ މުދަލަކީ ބައްޕަގެ މިލްކެކެވެ. އެހެންކަމުން މުދަލުން ތަސައްރުފު ކުރުމުގެ ހައްގު ބައްޕައަށް ލިބިގެންވެ އެވެ. ބައްޕަގެ މުދަލުގެ މިލްކުވެރިކަން ދަރިންނަށް ލިބެނީ ބައްޕަ ދުނިޔޭގައި އެ ހައްގު ހިތުން ރުހުމުން ދިނުމުންނެވެ. ނުވަތަ ބައްޕަ ނިޔާވެ ވާރުތައިން ދަރިންނަށް ޝަރުއީ މަގުން ލިބުމުންނެވެ،" ހައިކޯޓުގެ ހުކުމްގައިވެ އެވެ.

އެހެންވެ, އަންހެން ދަރިފުޅު, ބައްޕައާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ހައިކޯޓުން ކަނޑައެޅީ ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށް ފެމެލީ ކޯޓުން ކަނޑައެޅި ނިންމުން ބާތިލް ކުރާނެ ހަމައެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox