ވިލިމާލޭގައި ބަގީގެ ހިދުމަތް ކުރިއަށް ނުދިޔުމުން، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފެށުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދެވިގެން އުޅެނީ އެ ހިދުމަތް ދިނުމަސް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ނުކުރާތީ އެވެ. ބަގީގެ ޓިކެޓު ވިއްކާ ޓާމިނަލެއް އެޅުމަށާއި، ބަގީ ޕާކު ކުރަން މާލެ ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏަށް ވިލިމާލެއިން ދެ ބިން ވެސް ދީފަ އެވެ.
ގާތްގަނޑަކަށް 31 ހެކްޓަރުގެ ވިލިމާލޭގައި 2،000 އެއްހާ މީހުންގެ އާބާދީއެއް އުޅެ އެވެ. އެ ރަށުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ފުލުހުންނާއި އެމްބިއުލާންސް ފަދަ އުޅަނދުތަކަށާއި، ޓެކްސީ ކުރާ ދެ ވޭނަކާއި ދެ ތިން ޕިކަޕަކަށެވެ. އާންމު ދަތުރުފަތުރަށް އާންމުން ބޭނުން ކުރަނީ ބަގީގެ ހިދުމަތެވެ.
ނަމަވެސް އެ ހިދުމަތް ދިނުމަށް ހަވާލުކުރި 99 ހޯލްޑިންސް ކުންފުނިން އެ ހިދުމަތް ނުދޭތީ، އެކަމުގެ އުނދަގޫ ރައްޔިތުންނަށް ދަނީ ފޯރަމުންނެވެ. މައްސަލަ ބޮޑުވެ، މާލެ ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ވެސް ފާސްކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު 'އަދަދު' އަށް ވިދާޅުވީ އެއްބަސްވުން ބާތިލު ކުރުމާބެހޭ ކަންކަން އެ ކައުންސިލުގެ ލީގަލް ޑިޕާޓްމަންޓުން ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ކުންފުންޏަށް ދޫކޮށްފައިވާ ބިން އަތުލުމާ ބެހޭ ގޮތުން އެއްޗެއް ދެންނެވޭނީ އެއްބަސްވުން ބާތިލު ކުރުމާ ބެހޭ އަޕްޑޭޓެއް ލީގަލް ޑިޕާޓްމަންޓުން ހޯދުމަށްފަހު ކަމަށެވެ.

އަމާޒަކީ ރައްޔިތުންނަށް އިތުރު ގޮތެއް ހޯދައިދިނުން
މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދެވުމުން، ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފެށުމަށް ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ގާއިމްކުރާނީ، އެ ރަށް އެކަށީގެންވާ ފަދަ، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ. މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ބެޓެރި ނުވަތަ ކަރަންޓު ވެހިކަލްތައް ހޯދައިގެން އެ ހިދުމަތް ގާއިމްކުރުމަށެވެ.













