މިނިސްޓަރުގެ ނައިބެއްގެ ފެންވަރުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސަފާތު އަހުމަދު ޒާހިރު ހާރިޖީ އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓެއްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ހާރިޖީ އޮފީހުގެ މަގާމަކަށް ސަފާތު އައްޔަން ކުރީ މިއަދު ކަމަށެވެ.
އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމްއާ ވާދަކުރެއްވީ ސަފާތެވެ.
ސަފާތަކީ ވިމަން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސް އެވެ. އޭގެ އިތުރުން ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ކުރިން އަދާކޮށްފައިވެ އެވެ.
އަންހެނުންގެ ތަރައްގީއަށް އޭނާކޮށްދީފައިވާ މަސައްކަތް ފާހަގަ ކުރައްވައި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެއްވާ "ޔަންގް ލީޑާސް އެވޯޑް" ސަފާތަށް ވަނީ 2016 ވަނަ ލިބިފަ އެވެ.

ސަފާތު ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް އިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމް އިން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފަ އެވެ.












