ރަށު ކައުންސިލްތައް ހިންގުމުގައި އިސްލާހު ކުރަންޖެހޭ ބައެއް ކަންކަން އެމަނިކުފާނަށް ފާހަގަ ކުރެއްވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތައް ހިންގުމުގައި ބައެއް ކަންކަން އިސްލާހު ކުރަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވީ މިއަދު އައްޑޫ ސިޓީކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގަ އެވެ. އައްޑޫ ކައުންސިލާ ބައްދަލު ކުރައްވައި އެމަނިކުފާނު މިއަދު މަޝްވަރާ ކުރެއްވީ އެ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާއި އައްޑޫ ރައްޔިތުންނަށް ދަތިވާ ކަންތައްތަކާ ގުޅޭ ގޮތުންނެވެ.
"...މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭ ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތާއި، ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. މިގޮތުން، ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، އިޖްތިމާއީ މައްސަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްލުކުރެއްވީ މިއަދު މެންދުކުރީގެ ވަގުތެއްގައި ރައީސް އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެމްބަރުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ކައުންސިލަރުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ އައްޑުއަކީ މިސަރުކާރުން އެންމެ ގިނަ ތަރައްގީގެ މަޝްރޫއު ހިންގާ އެއް ސިޓީ ކަމަށެވެ. އެކަމަށް ކައުންސިލަރުން ރައީސަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި އަދި ހުށަހެޅުއްވި ކަންތައްތަކަށް، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާގައި އައްޑޫ ކައުންސިލަށް ދިމާވި ދަތިތައް ހައްލުކުރަންވަން މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެެވެ.











