މި ސަރުކާރުން އެންމެ ބޮޑު އިހުމާލެއްވެފައިވަނީ ޒުވާނުންނަށް ކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގިނަ ފާޑުކިޔުންތަކެއް މި ސަރުކާރަށް އަމާޒު ކުރައްވައިފި އެވެ.
މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާއެއްގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަނެ ވާހަކަ ދައްކަވަމުން، ޔާމީން ވަނީ ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ މިންވަރު ވަކިވަކިން ފާހަގަކޮށްދެއްވައިފަ އެވެ.
މިގޮތުން، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާބާދީގެ ބޮޑު ޕަސަންޓަކީ ޒުވާނުން ކަމަށްވާއިރު، ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލުގެ އިތުރުން ގައުމުގެ މިހާރުވެސްމެ އެވެ.
ނަމަވެސް، ފުދުންތެރި، ގާބިލު ޒުވާނުން އުފެއްދަން މި ސަރުކާރު ނުކުޅެދިފައިވާއިރު، އަދުގެ ޒުވާނުން ހަލާކުގެ ތެރެއަށް ވެއްޓެމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޒުވާނުންނާ މެދު ބޭއިންސާފުވެރިވެފައި އޮތުމަކީ ޒުވާނުން ސަފުން ބީވެގެން ގޮސް ހަލާކުގެ ތެރެއަށް ވައްޓާލުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.
"މިއީ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް. ޒުވާނުން މަގުން ކައްސާ ނުލާނެ ގޮތަކަށް ކަންކަން ތަރުތީބުކުރާނަމަ އަނިޔާވެރި ކަމެއް ފެނިގެންނެއް ނުދާނެ. އަޅުގަނޑުމެންނަކަށް ފެނިގެނެ ޒުވަނުން ހަލާކުވެގެންދާ ތަނެއް. އެހެންވީމަ އެންްމެ ބޮޑަށް މި ސަރުކާރުން އިހުމާލުވެފައި މި އޮތީ ޒުވާނުންނަށް،" ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ވެރިކަމުގައި ޒުވާނުންނަށް އެއްލައްކަ އަށް ވުރެ ގިނަ ވަޒީފާ އުފެއްދި ކަމަށާއި، އޭގެ ބަދަލުގައި މި ސަރުކާރު ހިންގަނީ ޒުވާނުންގެ އަތުން ޕާކިން ސްޓިކާއަށް ފައިސާ ނަގައިގެން ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
"ރާއްޖޭގެ މުސްތަގުބަލަކީ ޒުވާނުން ކަމަށްވާތީ ސަރުކާރުގެ ޓެސްޓުން ފާސްވޭތޯ ބެލުމަށް އެންމެ ފުރަތަމަ މިނެ ކިރާލަން މި ޖެހެނީ ޒުވާނުންނާ ދޭތެރޭ މި ސަރުކާރުން ކަން ކުރަމުންދާ ގޮތަށް،" އެ ޓެސްޓުން މި ސަަރުކާރު މުޅީން ފެއިލްވެފައިވާކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން، މިރޭގެ ޖަލްސާގައި ޔާމީން ވަނީ ވެރިކަން ހިންގުމާއި، ކޮރަޕްޝަނާއި، ދަރަނި އަދި އިގުތިސޯދާ ގުޅުވައި މި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރައްވައިފަ އެވެ.











