ހުޅުމާލޭ ދެ ފިޔަވަހީގައި ހުންނަ ހުސް ބިންތަކުގައި ހުއްދަ ނެތި ބަހައްޓާފައި ތަކެއްޗާއި ފަޅު ތެރޭގައި އަޅާފައި ހުރި އުޅަނދުތައް މާދަމައިން ފެށިގެން ނަގާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
މިތަންތަނުގައި ނުގަވައިދުން ބަހައްޓާފައި ހުރި ތަކެތި ނަގަން އެޗްޑީސީން އެންމެ ފުރަތަމަ މުހުލަތެއް ދިނީ މި އަހަރުގެ ޖެނުއަރީ 18 އާ ހަމައަށެވެ. އެ މުއްދަތު ހަމަވުމުން އެ ކޯޕަރޭޝަނުން ވަނީ ފެބްރުއަރީ މަހު އިތުރު އިއުލާނެއްކޮށް، އެ މަހުގެ ނިޔަލަށް އެތަކެތި ނަގަން ފުރުސަތު ދީފަ އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އޭގެ ތެރެއިން ބައެއް ތަންތަނުގައި ބަހައްޓާފައި ހުރި ތަކެއްޗާއި އުޅަނދުތައް އެތަކެތީގެ ވެރިފަރާތުން ނަގާފައި ނުވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެގޮތުން އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އިތުރު ފުރުސަތެއް ދިނުމެއް ނެތި ނޯޓިސް ހަރުކޮށްފައި ހުރި ބިންތަކާއި އުޅަނދުތައް ނަގާނެ ކަމަށް ބުނެފަ އެވެ. މި ތަންތަން ހުސްކުރަނީ އެ ކޯޕަރޭޝަނުން ހުޅުމާލޭގައި ކުރިޔަށް ގެންދަން ނިންމާފައިވާ ދެ ހާބަރު އެޅުމާއި، ޗެނަލް ޕްރޮޖެކްޓު ކުރިޔަށް ގެންދަން އެ ބިންތައް ކޮންޓްރެކްޓަރާ ހަވާލުކުރާށެވެ.
އެޗްޑީސީން އިތުރަށް ބުނީ އެހާތަނަށް ނުނަގައި ހުންނަ ތަކެއްޗަކީ ވެރިފަރާތުން ބޭނުން ނެތިގެން ބަހައްޓާފައި ހުރި ތަކެތި ކަމަށް ބަލައި އެޗްޑީސީއަށް ފެންނަ ގޮތަކަށް އަމަލުކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ތަކެއްޗަށް ލިބޭ ގެއްލުމަށް އެޗްޑީސީން ޒިންމާނުވާނެ ކަމަށް ވެސް ބުންޏެވެ.












