ޝީޝާ ކުންފުނީގެ ތިން ހިއްސާދާރުންގެ އެކައުންޓުން 18 މިލިއަން ރުފިޔާ އޮޅުވާލައިގެން ނެގި ކަމަ ދައުވާ ކޮށްފައިވާ ބ. ތުޅާދޫ، މާފަރިވާގޭ، އިބްރާހިމް ޝާހިދު ފަސް އަަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ޝީޝާގެ ހިއްސާދާރުންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން 18 މިލިއަން ރުފިޔާ ވަގަށް ނެގީ ފޯޖުކޮށްފައިވާ ލިޔުުމެއް ބޭނުމެއް ކޮށްގެންނެވެ. 2011 ވަނަ އަަހަރު ކޮށްފައިވާ އެ ވައްކަމަކީ ބޭންކަކަށް އޮޅުވާލައިގެން އެހާ ބޮޑު އަދަދެއް ނެގި ފުރަތަމަ ވައްކަމެވެ.
އެ މައްސަލާގައި އިބްރާހިމް ޝާހިދުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ދަށު ކޯޓުގައި ސާބިތެއް ނުވެ އެވެ.
އޭގެ 11 އަހަރު ފަހުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވާ ގޮތުން، އޮޅުވާލައިގެން ނެގި ފައިސާ ޝާހިދުގެ އެކައުންޓަށް ޖަމާވެފައިވާއިރު ދައުލަތުން ހުށަހެޅި ހެކިތަކުން ވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެ އެވެ.
ގާނޫނުލް އުގޫބާތުގައިވާ ގޮތުން، އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަ ޖަލަ ލުމެވެ. ނަމަވެސް ގެއްލުން ވެފައިވާ މިންވަރަށް ބެލުމަށް ފަހު އަދަބުގެ ތިން ދަރަޖަ މަތި ކުރަން ނިންމި އެވެ. އެެހެންވެ ފަސް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ނިންމި އެވެ.

2012 ވަނަ އަހަރު އޭނާ ތަހުގީގު މަރުހަލާގައި ބަންދުގައި ފަސް މަސް ދުވަސް ހޭދަކޮށްފައިވެ އެވެ. އެހެންވެ، ޖަލު ހުކުމް ތަންފީޒު ކުރާނީ ހުކުމުގެ މުއްދަތުން އެ މުއްދަތު އުނިކޮށްފަ އެވެ.
ޝާހިދުގެ ފަރާތުން އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ވެސް އެދުނެވެ.
އެކަމަކު ވަކި ފަރުދުންތަކެއްގެ 18 މިލިއަން ރުފިޔާ މަކަރާއި ހީލަތުން ވަގަށް ނެގި މައްސަލައެއްގައި، އަދަބު ޖރިމަނާއަށް ބަދަލު ކުރުމަކީ ކުރެވޭ މުއާމަލާތަކަށް ނޫނީ ނުވާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.
މި ވައްކަމަށް ފަހު، ޝާހިދު ހައްޔަރު ކުރީ ސްރީލަންކާއިންނެވެ. އެއީ 2012 ވަނަ އަހަރުގަ އެވެ. އޭނާ ހައްޔަރު ކުރަން ޖެހުނީ އިންޓަޕޯލް މެދުވެރިކޮށް ނޯޓިސް ނެރެގެންނެވެ.
މި މައްސަލާގައި ޝާހިދުގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. އެއިން އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ކުށް ސާބިތެއް ނުވެ އެވެ.













