ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.
ޝައިހް ފަޒްލޫން ދޫކޮށްލުމަށް ނެރުނު އަމުރާއި ޝައިހް ނިޝާން ދޫކޮށްލުމަށް ނެރުނު އަމުރު ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރިއިރު، އެ މައްސަލަތައް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.
މި އިލްމުވެރިން ހައްޔަރުކޮށް މަސް ދުވަހަށް ވުރެ ދިގު މުއްދަތަކު ބަންދުގައި ބެހެއްޓުމަށް ފަހު، ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހުގަ އެވެ. އެއީ ފޯނު ނަންބަރާއި އެޑްރެސް ކޯޓަށް އެންގުމަށާއި، ފުރައިގެން ދާން ޖެހިއްޖެނަމަ ލިޔުމުން ކޯޓަށް އެ ކަން އެންގުން އަދި އިތުރު ކުށެއް ނުކުރުމަށެވެ.
މައްސަލައިގެ ފަސްފަހަތް
ޖޫން 21 ގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.












