ވ. އަތޮޅުގައި އޮންނަ ފަޅެއް ކަމަށްވާ މާގުޅީ ފަރަށް އެރި ބާޖެއް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެ ބާޖު ފަރަށް އަރާފައި ވަނީ މި އަހަރުގެ މޭ މަހު، އިންޑިއާއިން ހިލަ ހިފައިގެން އެ އަތޮޅު ރަކީދު އަށް ދަތުރުކުރަނިކޮށެވެ.
"އޭއެމް އާގަމް" ނަމަކަށް ކިޔާ އެ ބާޖު ފަރަށް އެރީ، "އޭއެމް އަލްޕެޓް" ކިޔާ ޓަގު ބޯޓަކާ އެކު ދަތުރުކުރަމުން ދަނިކޮށް، މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑުއޮޅި ހުރަސްކުރަން އުޅުމުގެ ތެރޭގަ އެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ އެ ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، 100,000,000ރ. އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ޖޫރިމަނާ އަށް ވާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އޭޖެންޓު، މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް މިއަދު އަންގާފައިވާ ކަމަށް ވެސް އީޕީއޭން ބުންޏެވެ.

އޭގެ އިތުރުން، އީޕީއޭ އިން ބުނީ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 152,569,800ރ. ކަމަށެވެ.
ނަމަވެސް، ތިމާވެށީގެ ގާނޫނު ބުނާގޮތުން ފަރަށް ލިބޭ ގެއްލުންތަކަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނީ 100 މިލިއަން ރުފިޔާއިން އެވެ.
"މި ބާޖު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީ އާއި އެ އުޅަނދުގެ ވެރިފަރާތުން ގުޅިގެން އެ ސަރަހައްދު ބަލައި، ޖޮއިންޓް-ސާވޭއެއް ކުރެވިފައިވޭ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 6،054 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައި،" އެ އީޕީއޭން ބުންޏެވެ.
މީގެ ކުރިން ވެސް އުޅަނދުތައް ފަރަށް އަރައިގެން ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން އެންމެ ފަހުން މި އަދަދަށް ޖޫރިމަނާ ކޮށްފައި ވަނީ ހިމާޔަތް ކޮށްފައިވާ ކ. ރަސްފަރީ ފަރަށް އެރި ޕެނަމާގެ އާގުބޯޓު އެމް.ވީ ނަވިއޯސް އަމާރީލިސް (ބަލްކް ކެރިއާ) އެވެ.
މީގެ އިތުރުން 2013 ވަނަ އަހަރު މާލޭ ރާޅުގަނޑާ ދިމާލުން ފަރަށް އެރި އާގުބޯޓެއް 61.6 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ. އަދި، 1997 ވަނަ އަހަރު އެ ސަރަހައްދަށް އުރުނު އާގުބޯޓެއް 4.5 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ.













