މާލޭގައި ހިންގަމުން އައި، އިންޑިއާ ހައިކޮމިޝަަން ހުޅުމާލެއަށް ބަދަލުކޮށްފި އެވެ.
އިންޑިއާގެ ހައި ކޮމިޝަން މިހާތަނަށް ހިންގަމުން އައީ މާލޭގެ އަމީރު އަހުމަދު މަގުގައި ހުންނަ ހ. އަތިރީގެ އާގޭގަ އެވެ.
ނަމަވެސް، ހައިކޮމިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި ތަތްކޮށްފައިވާ ނޯޓިސްއެއްގައިވާ ގޮތުން މިއަދުން ފެށިގެން އެ ތަން ހުންނަ ލޮކޭޝަން ވަނީ ބަދަލުވެފަ އެވެ.
ހައި ކޮމިޝަން ދެން ހުންނާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ހިތިގަސް މަގު، ހަތަރުވަނަ ގޯޅީގައި ހުންނަ ލޮޓް ނަންބަރު 11499 އެން-1، 56 (އީ) އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އިންޑިއާ ހައި ކޮމިޝަންގެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރީ އެ ކޮމިޝަނުން އެ ގޮތަށް އެދިގެން ކަމަށެވެ.

އިންޑިއާ ހައިކޮމިޝަން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ބަދަލުކޮށްފައިވާއިރު، ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ސަރުކާރުން ވަނީ ދެވަނަ ފިޔަވަހިން ބިން ކަނޑައަޅައިފަ އެވެ.
އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނޭއިރު، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައިފަ އެވެ.













