މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން، މިދިޔަ އަހަރުގެ ނިލަޔަށް 125 މިލިއަން ރުފިޔާ، ސަރުކާރުން ވިއްކާ ޓްރެޜަރީ (ޓީ) ބިލުގައި އިންވެސްޓްކޮށްފައިވާ ކަމަށް އެ ކުންފުނީގެ އެ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.
އެމްޕީއެލްގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި، އެ އަހަރުގެ ނިޔަލަށް މެޗުއާ ނުވާ ޓީބިލުގައި ޖުމްލަ 125 މިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވެ އެވެ. އެ ޓީބިލުތަކަށް އިންޓަރެސްޓުގެ ގޮތުގައި 1.78 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
ސަރުކާރުން ވިއްކާ ޓީބިލުގައި އެމްޕީއެލްއިން އިންވެސްޓުކުރި މިންވަރު 2019 ވަނަ އަހަރާ ބަލާއިރު 50 މިލިއަން ރުފިޔާ އިތުރެވެ. މިގޮތުން، 2019ގެ ނިޔަލަށް އެމްޕީއެލްއިން ގަނެފައިވަނީ 75 މިލިއަން ރުފިޔާގެ ޓީބިލެވެ. އެ ޓީބީލުތަކުގެ އިންޓަރެސްޓްގެ ގޮތުގައި އެ ކުންފުންޏަށް 2019ގެ ނިޔަލަށް 1.56 މިލިއަން ރުފިޔާ ސަރުކާރުން ދެއްކި ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.
ސަރުކާރުން ވިއްކާ ޓީ-ބިލްތައް އާންމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސް ކޮށްފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

އަދި ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް ބޭނުންވާ އިތުރު 805 މިލިއަން ރުފިޔާ އާ އެކު، ޖުމްލަ 13.4 ބިލިއަން ރުފިޔާ، އާމްދަނީގެ އިތުރަށް ބޭނުންވާނެ އެވެ.
އެ ފައިސާގެ ތެރެއިން ބައެއް ހަމަޖެއްސުމަށް ނިންމާފައިވަނީ ޓީބިލް ވިއްކައިގެންނެވެ.
ކޮންވެންޝަނަލް ޓްރެޝަރީގެ އިތުރުން ސަރުކާރުން ވަނީ ދާދިފަހުން އިސްލާމިކް ޓްރެރިޝަރީއެއް ވެސް ވިއްކައިފަ އެވެ.
އިންޓަރެސްޓު ބޮޑު ލޯނުތަކެއް
އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ނިޔަލަށް އެމްޕީއެލްއިން ގަނެފައިވާ ޓީބިލުތަކުގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނެއް ނަގަން 75 މިލިއަން ރުފިޔާ ވަނީ ކޯލަޓަރައިޒް (ރަހުނު) ކޮށްފަ އެވެ.
އެއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި، ވާކިން ކެޕިޓަލް އާއި ހަރުމުދާ ގަންނަން، ބީއެމްއެލްއިން ނަގާފައިވާ 178 މިލިއަން ރުފިޔާގެ ލޯނެއްގެ ރަހުނުގެ ގޮތުގަ އެވެ. އެމްޕީއެލްއިން އެ ލޯނު ނަގާފައިވަނީ ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށް، 10 ޕަސަންޓު އިންޓަރެސްޓު ރޭޓުގަ އެވެ.
ޓީބިލުގެ އިތުރުން، އެ ލޯނު ނަގަން އެމްޕީއެލްއިން ވަނީ ހުޅުމާލޭހުރި އެ ކުންފުނީގެ ފަސް ބިމަކާއި، މާލޭގެ ޕޯޓްސް ކޮމްޕްލެކްސްގެ ލީސްހޯލްޑް ރައިޓްސް ވެސް ރަހުނުކޮށްފަ އެވެ.
އެ ލޯނު އަނބުރާ ދައްކަން 2019 އަހަރުގެ ޖުލައި މަހުން ފަށާ ގޮތަށް އޮތް ނަމަވެސް، ކޮވިޑާ ގުޅިގެން އެ މުއްދަތު ވަނީ ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ. އެއާއެކު އޮކްޓޯބަރު 2020އިން ފެށިގެން އަނބުރާ ދައްކާ މިންވަރު އިތުރުވާ ގޮތަށް ބީއެމްއެލްއާއެކު އެމްޕީއެލްއިން ވަނީ އެއްބަސްވެފަ އެވެ.
އެ ލޯނުގެ އިތުރުން، އެ ކުންފުނިން ވަނީ ހަތް ޕަސަންޓު އިންޓަރެސްޓުގައި، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ބީއެމްއެލްއިން 9.1 މިލިއަން އެމެރިކާ ޑޮލަރު (140 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގާފަ އެވެ. އެ ލޯނުގެ ރަހުނުގެ ގޮތުގައި، އެމްޕީއެލްއިން ވަނީ ސަރުކާރުން ގަނެފައިވާ ޓީބިލާއި، މާލެ، ހުޅުމާލެ އަދި ތިލަފުށީގައި ހުރި އެ ކުންފުނީގެ ބިންތަކަކާއި، މި ލޯނުން ގަތް ބައެއް ހަރުމުދާ ވެސް ރަހުނުގެ ގޮތުގައި ބަހައްޓައިފަ އެވެ.
ބީއެމްއެލްގެ އިތުރުން، ބޭންކް އޮފް ސިލޯނާއި ފިނޭންސް މިނިސްޓްރީން ނަގާފައިވާ ލޯނަކާއެކު، މިދިޔަ އަހަރުގެ ނިޔަލަށް، އެމްޕީއެލްއިން ނަގާފައިވާ ލޯނުގެ ޖުމްލަ އަދަދު 119.13 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓު ރިޕޯޓުން ދައްކަ އެވެ.













