ލެސްޓާ (ޖުލައި 31) - އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ލިވަޕޫލް އަތުން ބަލިވިއިރު، އެ މެޗުގައި މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ފަރާތުން ފެނުނު ކުޅުމާ މެދު މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލިވަޕޫލުން ރޭ 3-1 އިން ސިޓީ ބަލިކޮށް ޝީލްޑް އުފުލާލި މެޗުގައި ހާލަންޑް، 22، އަށް ވަނީ ގޯލު ޖަހަން ރަނގަޅު ތިން ފުރުސަތެއް ލިބިފަ އެވެ.
ލެސްޓާގެ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހާލަންޑް ޖެހި އެއް ބޯޅަ ލިވަޕޫލްގެ ގޯލު ބެލެހެއްޓި އެޑްރިއަން ސަން މިހުއެލް މަތަކުރިއިރު، ގޯލު ކުރިމަތިން ހުސްކޮށް ލިބުނު އަނެއް ފުރުސަތުގައި ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ. އަދި ދެ ވަަނަ ހާފްގައި ލިވަޕޫލް އޭރިއާތެރެއިން، ރީބައުންސް ބޯޅައެއް ޖަހަން ލިބުމުން ހާލަންޑް ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑީގައި ޖެހިފައި މަތިންނެވެ.
"އޭނަ (ހާލަންޑް) އަށް ގޯލު ޖަހާލަން ވަރަށް ރަނގަޅު ދެ ތިން ފުރުސަތެއް ލިބުނު. މީގެ މުހިންމީ ފުރަތަމަ ކަމަކަށް އޭނާ ރަނގަޅު ތަނަަށް އެ ވަގުތުތަކުގައި ދިއުން. މިއަދު (ރޭ) މި ފުރުސަތުތައް ގޯލަށް ހަދައިނުލެވުނީ. އެކަމަކު އޭނަ ދެން އެކަން ތަކުރާރެއް ނުކުރާނެ،" ގާޑިއޯލާ ބުންޏެވެ. "މިއީ އޭނާ (ހާލަންޑް) އަށް އާ ގައުމެއް، އާ ލީގެއް، އެހެންވީމަ ހޭނެން ބޭނުންވާ ވަގުތު އެ ދަނީ ކުރިއަށް. އޭނާ އަދި ގޯލު ޖަހާނެ،"

ރޭގެ މެޗުގެ ތެރެއިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.--- ފޮޓޯ: ގެޓީއިމޭޖަސް
ސިޓީ އަށް ސޮއިކުރުމުގެ ކުރިން ޑޯޓްމަންޑްގައި ހޭދަކުރި ތިން ސީޒަންގައި ހާލަންޑް ވަނީ 89 މެޗުން 86 ލަނޑު ޖަހައިފަ އެވެ. ޗެމްޕިއަންސް ލީގުގައި ވެސް ހާލަންޑްގެ ލަނޑު ޖެހުމުގެ ރެކޯޑް ވަރަށް ރަނގަޅެވެ. ޑޯޓްމަންޑާއި އޭނާގެ ކުރީގެ ކްލަބް ރެޑްބުލް ސަލްޒްބާގާ އެކު އޭނާ ޗެމްޕިއަންސް ލީގުގައި ކުޅުނު 23 މެޗުން 19 ލަނޑު ވަނީ ޖަހައިފަ އެވެ.
ލިވަޕޫލާ ދެކޮޅަށް ރޭ ސިޓީން ޖުމްލަކޮށް ދެއްކި ކުޅުން ރަނގަޅު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ސިޓީން ޕްރީ ސީޒަން ފެށީ އެހެން ޓީމުތަކަށް ވުރެ ލަހުން ކަމަށްވާއިރު، ސީޒަނަކަށް ބޭނުންވާ ފިޓްނަސް ލެވަލަށް ދާން އަދި ވަގުތު ބޭނުންވާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.
"އަހަރެން ކުޅުންތެރިން ކުރި މަސައްކަތް ބަލައިގަންނަން. ޕްރީ ސީޒަންގެ މަރުހަލާއެއްގެ ތެރޭގައި އެ ކުޅުންތެރިންނަށް ވީ އެންމެ ރަނގަޅަކަށް ކުޅުނު،" ގާޑިއޯލާ ބުންޏެވެ.
ލިވަޕޫލް ކޮޅަށް ރޭގެ މެޗުގައި ސިޓީގެ ހަމައެކަނި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. ގާޑިއޯލާ ވަނީ އަލްވަރޭޒް ދެއްކި މަސައްކަތުގެ ރޭޓަށް ތައުރީފުކޮށްފަ އެވެ.
ލިވަޕޫލުން ރޭ މޮޅުވުމުގައި އެ ޓީމުން ކްރެޑިޓް ދޭން ޖެހޭ އެއް ކުޅުންތެރިއަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޖުމްލަ އެއްކޮށް 100 މިލިއަން ޑޮލަރަށް ބެންފީކާ ދޫކޮށް ލިވަޕޫލަށް ބަދަލުވި އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އަށެވެ.
ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް ނޫނޭޒް ވަނީ ރޭ ގޯލު ޖެހުމުގެ އިތުރުން ލިވަޕޫލުން ދެ ވަނަ ފަހަރަށް ލީޑުނެގި ޕެނަލްޓީ ވެސް ހޯދައިދީފަ އެވެ. ނޫނޭޒް ހުސްކޮށް ޖެހި އެއް ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް މަތަކުރިއިރު، ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ދަނޑިކައިރިން ބޭރަށް ގޮސްފަ އެވެ.
މެޗަށް ފަހު ލިވަޕޫލް ކޯޗު ޔާގެން ކްލޮޕް ބުނީ މި ވަގުތަށް ބަލާއިރު ވެސް ލިވަޕޫލް ޓީމުގައި ނޫނޭޒް އަށް މުހިންމު ކުޅުންތެރިއަކަށް ވެވިދާނެކަން ފެނިގެން ގޮސްފި ކަމަށެވެ. އަދި އެހެން ކުޅުންތެރިންގެ އެހީއާ އެކު މަޑުމަޑުން ލިވަޕޫލްގެ ސިސްޓަަމަށް ނޫނޭޒް ހޭނެމުންދާ ކަން ވެސް ކްލޮޕް ފާހަގަކުރި އެވެ.












