މެންޗެސްޓާ (ޖުލައި 11) - މެންޗެސްޓާ ސިޓީއާ އެކު ވެސް ޗެމްޕިއަންސް ލީގުގައި ތަފާތު ދެއްކުމަށް އުންމީދުކުރާ ކަމަށް އެ ޓީމާ އަލަށް ގުޅުނު ނޯވޭގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑް ބުނެފި އެވެ.
ބޮރޫޝިއާ ޑޯޓްމަންޑް އިން 63 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި ސިޓީއާ ގުޅުނު ހާލަންޑް އެ ޓީމުގެ ސަޕޯޓަރުންނަށް ރަސްމީކޮށް ދައްކާލީ އިއްޔެ އެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އިއްޔެ އޮތް ރަސްމިއްޔާތަށް އެ ކްލަބުގެ 5000 އެއްހާ ސަޕޯޓަރުން ހާޒިރުވި އެވެ. ހާލަންޑަކީ ސިޓީ އަށް ކުރިން ކުޅުނު އަލް އިންޖް ހާލަންޑްގެ ދަރިއެކެވެ.
ޑޯޓްމަންޑްގައި ހޭދަކުރި ތިން ސީޒަންގައި ހާލަންޑް ވަނީ 89 މެޗުން 86 ލަނޑު ޖަހައިފަ އެވެ. ޗެމްޕިއަންސް ލީގުގައި ވެސް ހާލަންޑްގެ ލަނޑު ޖެހުމުގެ ރެކޯޑް ވަރަށް ރަނގަޅެވެ. ޑޯޓްމަންޑާއި އޭނާގެ ކުރީގެ ކްލަބް ރެޑްބުލް ސަލްޒްބާގާ އެކު އޭނާ ޗެމްޕިއަންސް ލީގުގައި ކުޅުނު 23 މެޗުން 19 ލަނޑު ވަނީ ޖަހައިފަ އެވެ.

ސިޓީގެ އާ ކުޅުންތެރިން ދައްކާލުމަށް އިއްޔެ ބޭއްވި އިވެންޓްގެ ތެރެއިން ހާލަންޑް (މ)
ފާއިތުވި ފަސް ސީޒަންގެ ތެރޭގައި، ހަތަރު ފަހަރު ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް، ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށް އެ ކްލަބުން ދެކެމުންދާ ހުވަފެން އަދި ހަގީގަތަކަށް ނުވެ އެވެ.
ހާލަންޑް ބުނީ ސިޓީއާ އެކު ވެސް، ޗެމްޕިއަންސް ލީގުގައި އޭނާ ދައްކަމުންދާ ރަނގަޅު ފޯމު ދެމެހެއްޓުމަކީ އެންމެ ބޮޑު އުންމީދު ކަމަށެވެ.
"ޗެމްޕިއަންސް ލީގަކީ އަހަރެންގެ އެންމެ ފޭވަރިޓް އެއް މުބާރާތް. އެހެންވީމަ ތި ސުވާލުގެ ޖަވާބު ތި އޮތީ ދެވިފައި،" ޗެމްޕިއަންސް ލީގުގައި ސިޓީގެ ތަފާތަކަށް އޭނާ ވެދާނެތޯ އިއްޔެ ސުވާލުކުރުމުން ހާލަންޑް ޖަވާބު ދިނެވެ.
ޑޯޓްމަންޑްގައި ހާލަންޑް ގިނަ ލަނޑުތަކެއް ޖެހި ނަމަވެސް، އެ ކްލަބާ އެކު އޭނާ އަށް ކާމިޔާބު ކުރެވުނީ އެންމެ ތައްޓެކެވެ. އެހެންކަމުން، ސިޓީއާ އެކު ގިނަ ތަށިތަކެއް ކާމިޔާބު ކުރުމަކީ އޭނާގެ އުންމީދެކެވެ.
"ވަރަށް މަސައްކަތްކުރާނަން ސިޓީގައި. މަސައްކަތްކޮށްފި ނަމަ، ކާމިޔާބީތަކެއް ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑު،" ހާލަންޑް ބުންޏެވެ.
ހާލަންޑް ބުނީ ސިޓީއާ ގުޅުމަށް އޭނާ ނިންމި އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުތައް ކަމަށެވެ.
"ޓީވީން ކުޅޭތަން ފެނުމާއި، ދަނޑުމަތީގައި ހުރެގެން (ސިޓީ) ކުޅޭތަން ފެނުމަކީ ވަރަށް ތަފާތު ދެ ކަމެއް. އަހަންނަށް ބޯޅައިގައި ފައި ޖައްސާނުލައި 25 މިނިޓު ހޭދަކުރަން ޖެހުނު. ސިޓީން ކުޅެނީ މާ މަތީ ލެވެލްއެއްގައި. އެ ލެވެލްގައި ކުޅެން އަހަރެން ބޭނުންވީ،" ހާލަންޑް ބުންޏެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހާލަންޑް، ސިޓީއާ އެކު ސޮއިކުރި ކޮންޓްރެކްޓްގައިވާ ގޮތުން 2024 ވަނަ އަހަރު ކްލަބަކުން 202 މިލިއަން ޑޮލަރު ދައްކައިގެން ހާލަންޑްގެ ޑީލް ނިންމޭނެ އެވެ. އަދި އޭގެ އެއް އަހަރު ފަހުން ކްލަބަކުން ހާލަންޑްގެ ސޮއި ހޯދަން ބޭނުންނަމަ 177 މިލިއަން ޑޮލަރުގެ އަގަކާ އެކު ހާލަންޑްގެ ސޮއި ހޯދޭނެ އެވެ.












