ޖޫރިމަނާގެ އަދަބު އިއުލާންކުރި ފަހުން ވަގު ފޯމުތައް ވަރަށް ބޮޑަށް މަދު!

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "އަދަދު" އަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "އަދަދު" އަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މީހުންނަށް ނޭނގޭ ގޮތަށް "ވަގަށް" ސިޔާސީ ޕާޓީއަކަށް ވައްދާފައިވާ ކޮންމެ ފޯމެއް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ކަނޑައެޅިކަން އިއުލާން ކުރި ފަހުން، އެފަދަ ޝަކުވާތައް ލިބޭ ވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން މެމްބަރުން އިތުރުކުރަން ސައްހަ ނޫން ފޯމުތައް ހުށަހެޅުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ މީހާއަށް ނޭނގި އެ މީހެއްގެ އާންމު މައުލޫމާތު ބޭނުންކޮށްގެން އެ މީހެއްގެ ސޮޔާއެކު ސިޔާސީ ޕާޓީއެއްގެ މެންބާޝިޕް ފޯމު އެބަ ހުށަހަޅަ އެވެ.

މި މައްސަލަ ހައްލު ކުރަން އީސީން މިހާތަނަށް ނިންމާފައި އޮތީ މިފަދަ ކޮންމެ ސައްހަ ނޫން ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅުމަށެވެ. އަދި މިހާތަނަށް އެ ފިޔަވަޅު ތަންފީޒު ކުރަން ނުފެށި ނަމަވެސް އެ ގޮތަށް ނިންމުމާއެކު އެފަދަ ފޯމުތައް މަދުވަމުންދާ ކަމަށް އީސީން ހިއްސާކުރި އެވެ.

Advertisement

"ކުރިން ދުވާލެއްގެ މައްޗަށް އެބަ އާދޭ 50 އެއްހާ ޝަކުވާ، އެކަމަކު މިހާރު ދުވާލަކު ހަތަރު ފަސް ޝަކުވާ ލިބެނީ، ހަރުކަށި އަދަބެއް، ޖޫރިމަނާގެ ނިންމުން ނިންމި ހިސާބުން ފެށިގެން، ވަރަށް ބޮޑަށް ޝަކުވާތައް ލިބޭލެއް މަދު،" އީސީގެ ރައީސް ފުއާދު ތައުފީގު މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި، އީސީން ބެލި ބެލުމުން ފާހަގަވި އިތުރު ކަމަކީ ޖޫރިމަނާގެ އަދަބު ކަނޑައެޅި ފަހުން ލިބެމުން އައި ސައްހަ ނޫން ފޯމުތަކުގެ ޝަކުވާއަކީ ވެސް އެ ނިންމުން ނިންމުމުގެ ކުރިން ފުރާފައިވާ ފޯމުތަކެއް ކަމެވެ.

އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ސައްހަ ނޫން ފޯމުތަކާ ގުޅިގެން ވަކި ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް ޕާޓީތަކުގެ ކަންބޮޑުވުންތަކެއް އަދިވެސް ހުރުމުން އެ މަސައްކަތް އަދި ނިމޭ ގޮތެއް ނުވެ އެވެ.

ގިނަ ޕާޓީތަކުން އެދެނީ ޖޫރިމަނާގެ އަދަބު މުރާޖައާކުރަން

އީސީން ނިންމާފައި އޮތީ ކޮންމެ ސައްހަ ނޫން ފޯމަކަށް ޕާޓީ 10،000ރ. އިން ޖޫރިމަނާ ކުރުމުގެ އިތުރަށް ޕާޓީގެ ރަޖިސްޓްރާ ވެސް އެއިން ކޮންމެ ފޯމަކަށް 10،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.

"ބައެއް ޕާޓީތަކުން އެބަ ބުނޭ ރަޖިސްޓްރާއިން ހޯދަން ވެސް ދަތިވަމުންދާ ކަމަށް، އަޅުގަނޑުމެން ނިންމާ ނިންމުމެއްގެ ސަބަބުން ޕާޓީތައް ހިންގުން ހުއްޓުމަކަށް އަންނަ ކަހަލަ ކަމެއް ވުމަކީ އެހާ އެކަށީގެންވާ ކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ވެސް ގަބޫލެއް ނުކުރެވޭ،" ފުއާދު ވިދާޅުވި އެވެ.

ޕީޕީއެމް ފިޔަވައި އެހެން ހުރިހާ ޕާޓީތަކަކުން އެ ނިންމުން މުރާޖައާ ކޮށްދޭން އެދިފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. ޕާޓީތަކުގެ ކަންބޮޑުވުންތައް އެ ގޮތަށް ހިއްސާކުރިއިރު، އިދިކޮޅު މައި ޕާޓީން އޭގައި ވަކި އެއްޗެއް ފާހަގަ ނުކުރާ ކަމަށް ފުއާދު ވިދާޅުވި އެވެ.

"ޕީޕީއެމުން ކުރީގައި ވަރަށް ބޮޑަށް ބޭނުންވި ހަރުކަށި ފިޔަވަޅުތަކެއް އަޅަން، އެކަމަކު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ޕާޓީތަކުން އޭގެ ކަންބޮޑުވުން ފާޅުކުރީމަ އެކަމަކާ ވަކި ދެކޮޅު ހަދާފައެއް ވެސް ނުވޭ، ވަރަށް ބޮޑަށް ސައިލެންޓްކޮށް ތިއްބެވީ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ޖޫރިމަނާގެ އަދަބުގެ އިތުރުން ވެސް ކުރެވިދާނެ ގިނަ ކަންކަމާ ގުޅޭ ގޮތުން ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވެސް ގިނަ މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ.

އީސީން ގަބޫލު ކުރާ ގޮތުގައި މި މައްސަލަ ބޮޑުވާ އެއް ސަބަބަކީ 10،000 މެންބަރުންނަށް ވުރެ އިތުރަށް މެންބަރުން ތިބޭ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭން ޖެހޭ ގޮތަށް އުސޫލު އޮތުމެވެ. ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބެލުމުގެ ބަދަލުގައި ވޯޓުގެ އަދަދަށް ބަލައިގެން ފައިސާ ދޭނަމަ މައްސަލަ ހައްލު ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox