ހަ އަހަރަށް ފަހު ބްލެޓާ އާއި ޕްލެޓިނީ ކޯޓުން ސަލާމަތްވެއްޖެ

Jul 8, 2022, 10:06 AM
ސްވިޓްޒަލޭންޑްގެ ބެލިންޒޯނާ ފެޑެރަލް ކްރިމިނަލް ކޯޓު ބޭރުގައި މިއަދު ބްލެޓާ މީޑިއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ސްވިޓްޒަލޭންޑްގެ ބެލިންޒޯނާ ފެޑެރަލް ކްރިމިނަލް ކޯޓު ބޭރުގައި މިއަދު ބްލެޓާ މީޑިއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ބެލިންޒޯނާ، ސްވިޒަލެންޑް (ޖުލައި 8) - ހަ އަހަރަށް ދިގު ދެމިގެންދިޔަ ތަހުގީގަކަށް ފަހު، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި ޔުއޭފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކޮރަޕްޝަނާއި މަކަރާއި ހީލަތުގެ މައްސަލައިގަައި ދައުވާ ނުކުރާނެ ކަމަށް ކޯޓުން މިއަދު ނިންމައިފި އެވެ.

ބްލެޓާ، 86، އާއި ޕްލެޓިނީ، 66، ގެ ޝަރީއަތް މިދިޔަ މަހު އަށް ވަނަ ދުވަހު ސްވިޓްޒަލޭންޑްގެ ބެލިންޒޯނާ ފެޑެރަލް ކްރިމިނަލް ކޯޓުގައި ފެށީ އެތައް ޕްރެޝަރުތަކަކަށް ފަހު އެވެ ބްލެޓާ އާއި ޕްލެޓިނީގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި މަކަރާއި ހީލަތުގެ މައްސަލައިގެ ބޮޑު ތަހުގީގު ފެށީ 2015 ވަނަ އަހަރެވެ.

ކުރިން ފުޓްބޯޅައިގައި ނުފޫޒު ގަދަ ދެ ފަރާތް ކަމަށްވާ ބްލެޓާ އާއި ޕްލެޓިނީއާ ދެކޮޅަށް ދައުވާ ކުރަނީ 2011 ވަނަ އަހަރު، އޭރު ޔުއެފާގެ ރައީސްގެ މަގާމުގައި ހުރި ޕްލެޓިނީ އަށް، އޭރު ފީފާގެ ރައީސްގެ މަގާމުގައި ހުރި ބްލެޓާ ދިން ދެ މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ.

ސްވިޓްޒަލޭންޑްގެ އެޓާނީ ޖެނެރަލްގެ އޮފީސް (އޯއޭޖީ) އިން އުފުލި ދައުވާގައި ބުނެފައިވާ ގޮތުގައި، މި ޕޭމަންޓް ޕްލެޓިނީ އަށް ދީފައިވަނީ ގަވައިދާ ހިލާފަށް، ފީފާ އަށް ގެއްލުންވާ ގޮތަށެވެ. މި ތުހުމަތުތައް ބްލެޓާ އާއި ޕްލެޓިނީ ވަނީ ދޮގުކޮށްފަ އެވެ. ޕްލެޓިނީ އަށް ދިން ފައިސާ އަކީ، އޭނާ ފީފާގެ އެޑްވައިޒަރެއްގެ ގޮތުގައި ކޮށްދީފައިވާ މަސައްކަތަށް ދިން ޕޭމަންޓެއް ކަމަށް ބްލެޓާ ވަނީ ބުނެފަ އެވެ. ފީފާގެ އެޑްވައިޒަރެއްގެ ގޮތުގައި 1998 އިން 2002 ވަނަ އަހަރާ ހަމައަށް، ކޮށްފައިވާ މަސައްކަތަށް ފީފާ އިން ދޭންޖެހޭ ފައިސާގެ އިންވޮއިސްއެއް ޕްލެޓިނީ ވަނީ 2011 ވަނަ އަހަރު ހުށަހަޅައިފަ އެވެ. އެކަމަކު، އެއީ ފޯޖްކޮށްފައިވާ އިންވޮއިސްއެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ފަހަރު ކޯޓުގައި ކުރިއަށްދިޔަ 11 ދުވަހުގެ ޓްރަޔަލްގައި ޕްލެޓިނީ ބުނީ، މަސައްކަތް ކުރި ތާރީހު ފަހަނައަޅައި ގިނަ އަހަރުތަކެއް ވީ ފަހުން 2011 ވަނަ އަހަރުގެ ކުރިން އެ ފައިސާ ހޯދަން ފީފާގައި ނޭދުނީ އެ ވަގުތު އޭނާގެ މާ ބޮޑު ބޭނުމެއް ނެތުމުންނާއި ފީފާގެ މާލީ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. އަދި އެ ވަގުތު ބްލެޓާ އާއި ޕްލެޓިނީ ވަނީ ފަހުން އެ ފައިސާ ބޭނުންވެގެން ޕްލެޓިނީ އިންވޮއިސް ފޮނުވުމުން އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ބްލެޓާ އާއި ޕްލެޓިނީގެ ފަރާތުން ވަނީ އެކަންކަން ތަފްސީލްކޮށް ކޯޓުގައި ކިޔައިދީފަ އެވެ.

މި މައްސަލަ ބްލެޓާ އާއި ޕްލެޓިނީގެ މައްޗަށް ސާބިތުވިނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އަންނާނެ ކަމަށް ކުރިން ވަނީ މީޑިއާގައި ރިޕޯޓްކޮށްފަ އެވެ. އެކަމަކު، މިއަދު ކޯޓުން ނިންމީ ދައުވާ ކުރެވޭނެ ހާލަތެއް ނެތް ކަމަށެވެ.

ޕްލެޓިނީ އާއި ބްލެޓާ، 2015 ވަނަ އަހަރު ފުޓްބޯޅައިން ސަސްޕެންޑް ކުރުމުން އެ މައްސަލަ ހިފައިގެން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ދިއުމުން ވެސް އޭރު މާ ބޮޑު އަލިމަގެއް ނުފެނުނެވެ. ސަސްޕެންޝަނަށް ލިބުނީ ކުޑަ ލުޔެކެވެ.

ބްލެޓާ އެންމެ ފުރަތަމަ ފީފާގައި މަސައްކަތް ފެށީ 1975 ވަނަ އަހަރު އެވެ. އޭގެ ފަހުން 1981 ވަނަ އަހަރު ޖެނެރަލް ސެކްރެޓަރީއެއްގެ މަގާމުގަ އެވެ. ފީފާގެ ރައީސްގެ މަގާމަށް ބްލެޓާ، އެންމެ ފުރަތަމަ އިންތިހާބުވީ 1998 ވަނަ އަހަރު އެވެ. ފީފާގެ ރައީސްގެ މަގާމު ބްލެޓާ 2015 ވަނަ އަހަރާ ހަމައަށް ފުރިއިރު، އޭގެ ފަހުން އޭނާގެ މައްޗަށް އެކި ކަހަލަ ކޮރަޕްޝަނުގެ ދައުވާތަކެއް އަންނަނީ ކުރަމުންނެވެ.

ބްލެޓާގެ ބައިވެރިވުމާ އެކު ނުއަގުގައި ފީފާ ވޯލްޑް ކަޕްތަކެއްގެ ބްރޯޑްކާސްޓިން ރައިޓްސް ވިއްކާލި މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ސްވިޒަލެންޑްގެ ފެޑެރަލް ކޯޓަކުން މިދިޔަ އަހަރު އޮގަސްޓް މަހު ވެސް ވަނީ ނިންމައިފަ އެވެ.

ފީފާ އިން ކުރި އެންމެ ބޮޑު ތުހުމަތުގައި އިންސާފު ހޯދައި، މިއަދު މީޑިއާ ކުރިމަތީގައި ބްލެޓާ ބުނީ ބައެއް ކަންތައްތަކުގައި އޭނާ އަށް ގޯސްތަކެއް ހެދިފައިވީ ނަމަވެސް ޕްލެޓިނީއާ އެކު ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވީ ކަމަށް ކުރާ ދައުވާ އަކީ ހަގީގަތެއް ނެތި ވަކި މަންފާއެއް ހޯދުމުގެ ގަސްދުގައި ކުރާ ކަމެއް ކަމަށެވެ.

ސްވިޓްޒަލޭންޑްގެ ބެލިންޒޯނާ ފެޑެރަލް ކްރިމިނަލް ކޯޓު ބޭރުގައި މިއަދު ޕްލެޓިނީ މީޑިއާގެ ސުވާލުތަކަށް ޖަވާބުދެނީ.-- ފޮޓޯ: އޭއެފްޕީ

ފްރާންސަށް 1984 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ހޯދައިދިން ޕްލެޓިނީ ވަނީ ތިން ފަހަރު ބެލޮންޑިއޯ އެވޯޑް ވެސް ހޯދައިފަ އެވެ.

ކާމިޔާބު ފުޓްބޯޅަ ކެރިއަރަކަށް ފަހު ޕްލެޓިނީ، ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަން ދާއިރާ އަށް ނުކުމެ، ހޯދަމުން އައި ކުރިއެރުންތަކުގެ ތެރެއިން ވަނީ 2007 ވަނަ އަހަރު ޔުއެފާގެ ރައީސްގެ މަގާމަށް އިންތިހާބުވެފަ އެވެ. ބްލެޓާ އެކޭ އެއްގޮތަށް ޕްލެޓިނީ އަށް ވެސް މަގާމުން ދާން ޖެހުނީ 2015 ވަނަ އަހަރުގަ އެވެ.

"މިއަދު އަހަރެން އުފަލުން މި ހުރީ، ހަތް ވަރަކަށް އަހަރު ވަންދެން އަހަންނަށް ނާއިންސާފުން ކުރަމުންދިޔަ، އެކި އަނިޔާތަކުން ސަލާމަތްވެވުނީމަ، ހަގީގަތް މިހާރު އެ އޮތީ ފެންނަން، މި މައްސަލަ ބެލި ޖަޖުންގެ ޓްރައިބިއުނަލް އިން ދެއްކި އިންސާފުގެ މިސާލަށް އަހަރެން ޝުކުރުވެރިވަން،" ކޯޓުން ނުކުމެ މިއަދު މީޑިއާ އަށް ދިން އިންޓަވިއުގައި ޕްލެޓިނީ ބުންޏެވެ.

ކުރިން ޔުވެންޓަސްއާ އެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދި ޕްލެޓިނީ ބުނީ އިންސާފު ހޯދުމުގެ ދަތުރުގައި މިއަދު އޭނާ އަށް ކުރެވެނީ "ފުޓްބޯޅައިގެ ބޮޑު މެޗަކުން މޮޅުވުމުން" ކުރެވޭ އިހުސާސް ކަމަށެވެ.

ބްލެޓާ އާއި ޕްލެޓިނީއާ ދެކޮޅަށް ކޯޓުގައި މި ކުރިއަށްގެންދިޔަ މައްސަލަ ދިގުލައިދިއުމުގެ ތުހުމަތުގެ އިނގިލި އަމާޒުވަނީ ފީފާގެ ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވި ޖިއާނީ އިންފަންޓީނޯގެ ލީޑަޝިޕް އަށެވެ. ބްލެޓާ މީގެ ކުރިން ވަނީ އިންފަންޓީނޯގެ ނުފޫޒު މި މައްސަލަ އަށް ފޯރާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox