ވޮލީ އަށް ގެނައި ބަދަލުން ގައުމީ ކޯޗު ސާޖިއޯގެ އުންމީދާއި އިތުބާރު ބޮޑު

ގައުމީ ކޯޗު ސާޖިއޯ ވެލޯސޯ، މިހާރު ކުރިއަށްދާ ވޮލީބޯޅަ ސީޒަނާ ބެހޭގޮތުން "އަދަދު" އަށް ދިން އިންޓަވިއު.-- އަދަދު ވީޑިއޯ: މިރާޝް ނާޝިމް

ގައުމީ ކޯޗު ސާޖިއޯ ވެލޯސޯ، މިހާރު ކުރިއަށްދާ ވޮލީބޯޅަ ސީޒަނާ ބެހޭގޮތުން "އަދަދު" އަށް ދިން އިންޓަވިއު.-- އަދަދު ވީޑިއޯ: މިރާޝް ނާޝިމް

ވޮލީބޯޅައިގެ ވަރުގަދަ ގައުމުތަކާ އެކު ޑިވެލޮޕްމަންޓާއި އެހެނިހެން މުހިންމު ކަންކަމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ، ރާއްޖެ އަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އެއް ހަރުފަތް މައްޗަށް ގެންދިއުމެވެ. އެ ވިސްނުމުގައި ރާއްޖޭގެ ވޮލީބޯޅަ ސީޒަނަށް ބަދަލުތަކެއް ގެންގޮސްގެން މިހާތަނަށް ކުރިއަށްދިޔައިރު، ގައުމީ ކޯޗު ސާޖިއޯ ވަނީ މެޗުތައް ބަލަން ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓަށް ގޮސްފަ އެވެ. ވަކިވަކި ކުޅުންތެރިންނަށް ފޯކަސް ކޮށްގެން އެނަލައިސިސްތަކެއް ހަދަމުން އޭނާ އަންނައިރު، ފެންނަނީ އުންމީދީ މަންޒަރުތަކެވެ.

މި އަހަރުގެ ވޮލީބޯޅަ ސީޒަނަށް ގެނެވުނު ބަދަލާ އެކު މިހާރު ވެސް އޭގެ ފައިދާ ކުޅުންތެރިންނަށް ކޮށްފައިވާ ތަން ފެންނަ ކަމަށް ގައުމީ ކޯޗު ސާޖިއޯ ވަނީ ބުނެފަ އެވެ.

މި އަހަރުގެ ސީޒަނަށް ގެނައި އެންމެ ބޮޑު ބަދަލަކީ ބިދޭސީ ތިން ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ގެނައި ބަދަލެވެ. މިގޮތުން އިންޑިއާ ޕްރައިމް ވޮލީބޯޅަ ލީގުގައި ކުޅޭ ވަރުގަދަ 18 ކުޅުންތެރިންގެ ޕޫލެއް އެކުލަވާލައި "ޑްރާފްޓް ސިސްޓަމެއް" އެއްގެ ތެރެއިން އެ ކުޅުންތެރިން ޓީމްތަކަށް ބަހާލައިފަަ އެވެ.

ގައުމީ ވޮލީ ކޯޗު ސާޖިއޯ "އަދަދު" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: އަދަދު

ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕްގެ ކުޅުން މިހާރު ނިިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ގައުމީ ލީގުގެ މެޗުތަކެވެ. ގައުމީ ލީގަށް ފަހު ގަދަ ހަތަރު ޓީމާ އެކު ގައުމީ މުބާރާތް އަންނަ މަހު ކުރިއަށްދާނެ އެވެ.

މި ސީޒަންގައި ގެނެވުނު ބަދަލާ އެކު ދިވެހި ވޮލީއަށް އަންނަމުން އަންނަ ކުރިއެރުމާއި ގުޅޭގޮތުން ގައުމީި ކޯޗު ސާޖިއޯ ބުނީ އޭނާ ދެކޭ ގޮތުގައި ބިދޭސީ ތިން ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ގެނައި ބަދަލަކީ މި ވަގުތު ރާއްޖެއަށް މުހިންމު ބަދަލެއް ކަމަށެވެ. ރާއްޖޭގެ ވޮލީބޯޅަ މިހާރު އޮތް ހާލަތުން ކުރިއަށް ޖެހިލަން ބަލާއިރު، އެ ތަފާތު ފެންނާނީ މިކަހަލަ ބަދަލަކުން ކަމަށް ސާޖިއޯ ވެސް އެއްބަސްވެ އެވެ.

"އަހަރެން ދެކޭ ގޮތުގައި ބިދޭސީ ތިން ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް މިއޮތް ގަވާއިދު ވަރަށް މުހިންމު ރާއްޖެ އަށް. މިއީ ހެޔޮބަދަލެއް އަންނާނެ ކަމެއް ކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް. ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން މި ތިބީ ޓީމްތަކަށް ބެހިފައި. ކޮންމެ ޓީމެއްގައި ވެސް އެބަތިބި ޒުވާން ކުޅުންތެރިން ވެސް. ކުލަބުތަކާއި، ކޯޗުންނާއި، ރެފްރީންނާއި ކުޅުންތެރިން ވެސް އެބަ ކުރިއަރާ މި ބަދަލުން،" ބްރެޒިލާއި . ބަހްރޭން އަދި އެމެރިކާގައި ވޮލީގެ ޑިވެލޮޕްމަންޓްގެ މަސައްކަތްތަކެއް ކުރި ސާޖިއޯ ބުންޏެވެ.

"މިސާލަކަށް ވަރުގަދަ މެޗެއް ވެއްޖެއްޔާ ކޯޗު ވިސްނަންޖެހޭ މިންވަރު ބޮޑުވާނެ، ގޭމް ޕްލޭންތައް ހަދަން ޖެހޭނެ. އެހެންވީމަ މުޅި ވޮލީ ކޮމިއުނިޓީއަށް މި ކަމުން ފައިދާކުރާނެ."

ކޯޗު ސާޖިއޯ ބުނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ވޮލީ ލީގުތައް ކުރިއަށްދާ ގައުމުތަކުގައި ވެސް ބިދޭސީ ކުޅުންތެރިން ހިމަނައިގެން ކުޅޭ ކަމަށާއި، އެއީ ކުޅިވަރަށް އަންނަ މުހިންމު ބަދަލެއް ކަމަށެވެ. އަދި އެކަށޭނެ ވަރަކަށް ބިދޭސީ ކުޅުންތެރިން އިތުރުވުމަކީ ބައިނަލްއަގުވާމީ ޕްރެޝަރަށް ހޭނެން ލިބޭ ފުރުސަތެއްގެ ގޮތުގައި ސާޖިއޯ ދެކެ އެވެ.

"ކޮންމެ ގައުމެއްގައިވެސް ގައުމީ ލެވެލްގެ މުބާރާތްތަކުގައި ބިދޭސީ ކުޅުންތެރިން ކުޅޭނެ. މިސާލަކަށް ބްރެޒިލްގައި އޮވޭ ތިން ޑިވިޝަން. ކޮންމެ ޑިވިޝަނެއްގައި ވެސް ޓީމްތަކަށް ލިބޭ ފުރުސަތު ބިދޭސީ ދެ ކުޅުންތެރިން އެ ޓީމަކަށް ގެނައުމުގެ. ބްރެޒިލްގައި ބައިވަރު ކުލަބު އޮވޭ. ބައިވަރު ކުޅުންތެރިން ތިބީ އެންމެ މަތީ ފަންތީގަ ކުޅޭ. އެހެންވީމަ ބިދޭސީ ދެ ކުޅުންތެރިންގެ ގަވާއިދު ރަނގަޅު،" ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ އެކި ޕްރޮޖެކްޓްތަކުގައި ވެސް މަަސައްކަތްކޮށްފައިވާ ސާޖިއޯ ބުންޏެވެ.

"އެކަމަކު މިތަނުގައި ކުލަބުތައް މަދު. ކުޅުންތެރިން މަދު. އެހެންވީމަ ބިދޭސީ ކުޅުންތެރިން ތިބުން ވަރަށް މުހިންމު. އެއީ ހުރިހާ ގޮތަކުން ބަލާއިރުވެސް ގިނަ ފައިދާތަކެއް ކުރާނެކަމެއް."

ކޯޗު ބުނީ ވޮލީ އަށް ކުރިއެރުން އަންނާނީ ގެންނަ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުވެގެން ކަމަށެވެ. އަދި ފެންވަރު ރަނގަޅު ކުޅުންތެރިންނާއި ދެކޮޅަށް ކުޅޭއިރު ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑުވާނެތީ އެއީ ޑިވެލޮޕްމަންޓްގެ އެއްބައިގެ ގޮތުގައި ސާޖިއޯ ދެކެ އެވެ.

"މި ފަހަރު ކުޅޭ އިންޑިއާ ކުޅުންތެރިންނަށް ބަލާއިރު އެމީހުންގެ އިސްކޮޅާއި، ހުނަރާއި ގާބިލްކަމަށް ބަލާއިރު ވަރަށް ރަނގަޅު. އަނެއްކޮޅު ދިވެހި ކުޅުންތެރިން ގޮވައިގެން ކުޅެން މަސައްކަތް ކުރާތަން އެބަ ފެނޭ. އެއީ ވަރަށް މުހިންމުކަމެއް،" އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ މެޗުތަކުގައި ފެނުނު މަންޒަރަށް އިޝާރާތްކޮށް ސާޖިއޯ ބުންޏެވެ.

ވޮލީ ޓްރެއިނިންއެއްގެ ތެރެއިން ކޯޗު ސާޖިއޯ: އޭނާ ދެކޭގޮތުގައި ބިދޭސީ ކުޅުންތެރިން ގިނަ ލީގެއްގައި ކުޅުމުގެ ފައިދާ ކުރާނީ އިންޓަނޭޝަނަލް މުބާރާތްތަކަށް ދިޔައީމަ.-- ފޮޓޯ: އަދަދު

ސާޖިއޯ ބުނީ ބަދަލު ފެންނާނީ އެއް ދުވަހުން ދެ ދުވަހަކުން ނޫން ކަމަށެވެ. ކުރިން ނުކޮށް އޮތް ތަޖުރިބާއެއް ކުރާއިރު، ބޮޑެތި ބަދަލުތަކަށް ވަގުތު ބޭނުންވާ ކަމަށް ސާޖިއޯ ފާހަގަކުރި އެވެ. މިހާރު ކުރިއަށްދާ ގޮތަށް މުބާރާތް ފޯރީގައި ކުރިއަށް ގެންދެވިއްޖެނަމަ އަންނަ އަހަރަށް ދާއިރު ވެސް ތަފާތު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ސާޖިއޯ ގަބޫލުކުރެ އެވެ.

ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް އަކީ "މައިގަނޑު ފޯކަސް"

ގައުމީ ކޯޗަކަށް ހުރެ، ސާޖިއޯ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ކުޅުންތެރިންނަށް އަންނަ ކުރިއެރުމެވެ. އަދި އެ ވަޒަންކޮށްލަން ހަދާ އެސަސްމެންޓްތަކުން ވެސް އެ މަންޒަރު ސާފުވުމެވެ.

ސާޖިއޯ ބުނީ މެޗަކަށް ފަހު މެޗަކުން ކުރިއެރުމުގެ މަންޒަރުތައް ފެންނަ ކަމަށާއި އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ދެ މެޗަށް ފަހު ދެން ފެނުނީ "ތަފާތު ވޮލީއެއް" ކަމަށެވެ. އެ ގޮތުން އެސޯސިއޭޝަން ކަޕްގެ ފައިނަލު މެޗުގައި ފެނުނީ ވަރަށް ރަނގަޅު ފެންވަރެއްގެ ވޮލީއެއްކަން ސާޖިއޯ ފާހަގަކުރި އެވެ.

ކޯޗު ބުނީ ކުޅުމުގެ ފެންވަރު ރަނގަޅުވެ މެޗުތަކުގެ ފެންވަރު ރަނގަޅު ވަނީ ފިޒިކަލީވެސް ކުޅުންތެރިން ރަނގަޅު ވެގެން ކަމަށެވެ. ދިވެހި ބައެއް ކުޅުންތެރިން ތަފާތު މޮޅުކޮށް ކުޅޭތަން ފާހަގަވުމުގެ މައިގަނޑު ސިއްރަކީ ފިޒްކަން ފިޓްނަސް އަށް މި ފަހުން ދޭން ފެށި ހާއްސަ އަހަމިއްޔަތުކަން އިތުރުވުމެވެ.

"މިހާރު ރާއްޖޭގެ ގިނަ ކުޅުންތެރިންގެ ފިޒިކަލް ކަންޑިޝަން ވަރަށް ރަނގަޅު. އެކަމާ އަހަރެން އުފާކުރަން. އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗަށް ބެލިޔަސް އެކަން ފެނުނު. ފަސް ސެޓު ކުޅުނުއިރުވެސް އެއް ވާނެއްގައި ކުޅުނު. ފައިނަލް މެޗު ފެނުނީ ވަރަށް ވަރަށް ރަނގަޅު ފެންވަރެއްގެ ވޮލީއެއް. އަހަންނަށް ޔަގީން ގައުމީ ލީގުގައި ޓީމްތަކުގެ ފެންވަރު ރަނގަޅު ވާނެކަން،" ސާޖިއޯ ބުންޏެވެ.

ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ސާޖިއޯ އަށް ސަހަރައްދީ މުބާރާތްތަކުން ރާއްޖެ ބަލިވުމުގައި ޓިމްގެ ފިޒިކަލް ފިޓްނަސް އެންމެ ރަނގަޅު ލެވެލްގައި ނެތުން ފާހަގަވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސެޓުތަކުގެ އެންމެ މުހިންމު ދަނޑިވަޅުގައި ގޯސްތައް ހެދި މެޗު ގެއްލެނީ ކަމަށާއި އެއީ ރަނގަޅުކުރާނެ ކަމެއްގެ ގޮތުގައި ސާޖިއޯ އުންމީދު ކުރެއެވެ.

ރަނގަޅު ފޯކަސް އެއް ބަހައްޓައިގެން ދިވެހި ކުޅުންތެރިން ކުޅެން ބޭނުންވާ ނަމަ ފިޒިކަލީ ފިޓުވާން ޖެހޭ ކަމަށައި، މެޗުތައް ނުކުޅޭ ދުވަސްވަރު ވެސް މެދުނުކެނޑި ފިޓްނަސް އަށް މަސައްކަތް ކުރުން މުހިންމު ކަމަށް ސާޖިއޯ ބުނެފައިވެ އެވެ.

"ރާއްޖެ ކުޅުންތެރިން އަހަރެން ގާތު ބުނި ސަރަހައްދީ ގައުމުތަކުގެ ތެރެއިން ލަންކާ، ނޭޕަލް، ބަންގްލަދޭޝް އަތުން އަހަރުމެން މޮޅުވާ ވާހަކަ. ބައެއް ފަހަރު ސެޓު ނިމޭއިރު، މިސްޓޭކް ހެދޭ ވާހަކަ ބުނޭ އެންމެން ވެސް. އެހެންވެ އެބަ ޖެހޭ ފިޒިކަލީ ވަރުގަދައަށް ފިޓުވާން،" ސާޖިއޯ ބުންޏެވެ.

"އަބަދުވެސް ޖިމް ޖައްސައިގެން ފިޒިކަލީ ވަރުގަދަކޮށް ތިބެން ޖެހޭނީ. މުބާރާތެއް ނެތަސް އެކަން ކުރިއަށް ގެންދަންވާނެ. އަހަރެން ދެކުނިން އޮލިމްޕިކްސްގަވެސް ހަވީރު މެޗު އޮވެޖެއްޔާ ހެނދުނު ޖިމްގައި ތިބޭ ކުޅުންތެރިންވެސް. ފިޒިކަލީ މީހާ އެއްކޮށް ފިޓުވެގެން ފޯކަސް ރަނގަޅަށް ބެހެއްޓޭނީވެސް."

ދިވެހި ކުޅުންތެރިންގެ ޑިފެންސް ރަނގަޅުވުމާއި މޮޅު ލިބަރޯ އިން އެބަފެނޭ

މަތީ ފަންތީގެ ވޮލީގައި މެޗެއްގެ ތަފާތަކަށް ވަނީ ޓީމެއްގެ ގޮތުގައި ކުރާ އެޓޭކުތަކާއި އެއްވަރަށް ޓިމުގެ ޑިފެންސް އެވެ. ބްލޮކްތަކާއި ރީސީވް އެވެ. ކޯޗު ސާޖިއޯ ރާއްޖޭގެ ގައުމީ ޓީމަށް ގެންނަން ބޭނުންވާ މައި ބަދަލުގެވެސް މުހިންމު އެއް ބަޔަކީ ޑިފެންސެވެ.

ސާޖިއޯ ބުނީ މެޗެއްގެ ނަތީޖާ ކަނޑައެޅުމުގައި ކުރާ އެންމެ މުހިންމީ ޑިފެންސު ވަރުގަދަވުން ކަމަށެވެ. ކާމިޔާބެއް ލިބެނީ ހަމައެކަނި އެޓޭކަށް ބަރޯސާވެގެން ކަމަށް އޮންނަ އޮތުން ބަދަލުވެފައިވާ ކަމަށާއި އަމިއްލަ ކޯޓު ދިފާއުކުރަން ވިސްނުންތެރިކަމާ އެކު ނިންމާ ނިންމުންތައް ރަނގަޅުވެއްޖެނަމަ ކާމިޔާބާ ހަމައަށް ދާން ނަގާ ވަގުތު ދިގުނުވާނެ ކަމަށް ސަޖިއޯ ވަނީ ބުނެފަ އެވެ.

"އަހަރެން ވަރަށް ބުރަކޮށް މަސައްކަތްކުރަން ބޭނުންވޭ ޑިފެންސަށް. މަތީ ފަންތީގެ ލެވެލްގައި ތަފާތެއް ގެންނަނީ ޑިފެންސުން. ކޮންމެ ޓީމަކުންވެސް ލިބޭ ބޯޅަ ނިންމާނެ. އެކަމަކު، ބްލޮކު ވަރުގަދަވެފައި ޑިފެންސު ވަރުގަދަ ވެއްޖެއްޔާ އިދިކޮޅު ޓީމް ހުއްޓުވޭނެ ޔަގީންކަމާއިއެކު. މިއީ އަހަރެން ރާއްޖޭގައިވެސް އެންމެ ބޮޑަށް ފޯކަސް ކުރަން ބޭނުންވާ އެއް ކަންތައް،" ސާޖިއޯ ބުންޏެވެ.

"އަބަދުވެސް އެންމެންނަށް ފެންނާނެ އެޓޭކުތައް. އެޓޭކުކުރަން ޓްރެއިން ކުރުމަކީ މާ އުނދަގޫކަމެއް ނޫން. އެކަމަކު ޑިފެންސް ސިސްޓަމަކަށް ކުދިން ޓްރެއިން ކުރުމަކީ ވަރަށް ބުރަކަމެއް. ޕޮޒިޝަންތަކަށް ފައިބައިގެން ބޯޅައަށް ރެޑީވެ އެ ބޯޅަތައް ދިފާއުކުރަން ވިސްނަން ޖެހޭ ވިސްނުންވެސް ތަފާތު ވާނެ. އަބަދުވެސް އަމިއްލަ ޓީމްގެ ދިފާއުގައި ތައްޔާރުވެފައި ތިބެން ޖެހޭނެ."

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީއާ އެކު ވެސް ވޮލީގެ މަސައްކަތްތަކެއް ކޮށްފައިވާ ސާޖިއޯގެ ނަޒަރުގައި ދިވެހި ވޮލީ ކުރިއެރުވުމަށް ޕްލޭނަކާ އެކު ކުރިއަށް ގޮސްފިނަމަ ނަތީޖާ ފެންނާނެ: މީގެ މުހިންމީ ކުޅުންތެރިންގެ މެދުގައި އޮންނަ އިތުބާރު ރަނގަޅު ގޮތުގައި ކުރިއެރުވުން.-- ފޮޓޯ: އަދަދު

ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު ބުނީ މި ސީޒަންގައި ޓީމްތަކުން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، އެންމެ ބޮޑު ތަފާތެއް ދައްކަމުން އަންނަނީ ލިބަރޯ ކުޅުންތެރިން ކަމަށެވެ. މެޗުތަކުގެ ނަތީޖާ ކަނޑައެޅުމުގައި "ޑިސައިޑިން ފެކްޓާ" އަކަށް ބައެއް ފަހަރު މި ސީޒަންގައި ލިބަރޯ އިން ވެފައިވާ ކަމަށް ސާޖިއޯ ވަނީ ބުނެފަ އެވެ.

"ފުރަތަމަ މެޗުތަކަށް ވުރެ މިހާރު ޓީމްތަކުގެ ޑިފެންސާއި ބްލޮކިން ޑިޕާޓްމެންޓު ރަނގަޅު. ކުރިއެރުން އެބަ ފެނެއޭ ބުނެވޭނީ،" ސާޖިއޯ ބުންޏެވެ.

ކޯޗު ބުނީ މިއީ ކޮންމެ ޓީމަކަށް ވެސް ފޯކަސް ގެއްލުވައިނުލައި، ކުރަމުން އަންނަ މަސައްކަތް ކުރިއަށް ގެންގޮސް، އިތުރަށް ޑިވެލޮޕްވާން ލިބޭނެ ބޮޑު އިތުބާރެއް ކަމަށެވެ. އަދި ރާއްޖޭގެ ލިބަރޯ ކުޅުންތެރިންގެ އިތުރުން ޑިފެންސަށް ބަލާއިރު، އެހެން ކުޅުންތެރިން ވެސް ފެންނަނީ އެއް މެޗުން އަނެއް މެޗަށް ކަންތައްތަކެއް ދަސްކޮށް، ވަރަށް ރަނގަޅަށް މަސައްކަތްކުރާ ތަން ކަމަށް ސާޖިއޯ ބުނެފައިވެ އެވެ.

ސާޖިއޯ މެސެޖަކީ އެންމެންވެސް ކުޅުންތެރިންގެ ބުރަ މަސައްކަތް ބަލައިގަތުން

ގައުމީ ޓީމާއި ހަވާލުވުމަށް މިދިޔަ މާޗު މަހު ރާއްޖެ އައިސް ވަގުތުު ގެއްލުވައިނުލައި މަސައްކަތް ފެށި ސާޖިއޯ ބުނީ މަތީ ފަންތީގައި ވޮލީ ކުޅުމަކީ ބުރަ މަސައްކަތެއް ކަމަށެވެ. އަމުދުން ސެމީ ޕްރޮފެޝަނަލްކޮށް ވޮލީ ކުޅޭ ކުޅުންތެރިން ގިނަ ރާއްޖޭގައި މި ކަމަށް ބޮޑެތި ގުރުބާނީތަކެއް ވެސް ވާން ޖެހޭކަން ސާޖިއޯ ފާހަގަކުރި އެވެ.

"އެންމެންވެސް ގަބޫލުކުރަން ޖެހޭ ކުޅިވަރުގެ އެންމެ މަތީ ލެވެލްގައި ކުޅުމަކީ ކިހާ އުނދަގޫ ކަމެއް ކަން. ކިހާ ޗެލެންޖިން ކަމެއް ކަން. އެހެންވީމަ، ވަރަށް މުހިންމު އެންމެން ވެސް ކުރާ މަސައްކަތަށް އެހީތެރިވެ ސަޕޯޓް ދިނުން. އޭރުން ކާމިޔާބާ ހަމައަށް ދެވޭނީ،" ސާޖިއޯ ބުންޏެވެ.

ސާޖިއޯ ބުނީ މެޗުތަކުން މޮޅުވުމަށް ވުރެ ކޮންމެ މެޗެއްގައިވެސް ހާސިލްކުރަން ބޭނުންވާ ކުދި ކުދި ޓާގެޓްތަކެއް ބަހައްޓައިގެން ކުޅުމަކީ ކުޅުންތެރިންނަށް އަމިއްލަ ކުރިއެރުން ވަޒަން ކުރަން ކުރެވިދާނެ ކަމެއް ކަމަށެވެ. އެތުލީޓަކު އަބަދުވެސް ވިސްނަން ޖެހޭނީ އިއްޔެ ހެދި ގޯސް މިއަދު ތަކުރާރުނުވާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން ކަމަށް ސާޖިއޯ ވަނީ ބުނެފަ އެވެ.

އެއްވަރުގެ ޓީމްތައް ކުޅޭއިރު ހުރިހާ މެޗަކުން މޮޅު ނުވެދާނެކަން ފާހަގަކުރަމުން ސާޖިއޯ ބުނީ ކޮންމެ މެޗެއް ނިންމާލާފައި ކޯޓުން ފައިބާއިރު، މެޗުގައި ރަނގަޅަށް ކުޅެވުނު ކަމުގެ ހިތްހަމަޖެހުން ހޯދުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

"އަަހަރެން އަބަދުވެސް ކުޅުންތެރިން ގާތު މި ބުނަނީ އަބަދުވެސް ފާހަގަކުރަންވީ ކުރާ ބުރަ މަސައްކަތާ އެކު ހާސިލްކުރެވޭ ޓާގެޓްތައް ކަމަށް. ބައެއް ފަހަރު މެޗުން ބަލިވިޔަސް ރަނގަޅަށް މަސައްކަތްކުރެވި ބޭނުންވާ ކަންކަން ހާސިލްކުރެވޭ. އެއީ ފާހަގަކުރަން ޖެހޭ ކުރިއެރުމެއް، މޮޅުވާ ދުވަހު ގޯސް ކަންތައް ފާހަގަކުރާ ގޮތަށް، ބަލިވާ ދުވަހު މޮޅަށް ކުރެވޭ ކަންކަން ވެސް ބަލައިގަންނަން ޖެހޭ،"

ސާޖިއޯ އަށް ގައުމީ ޓީމު ގޮވައިގެން އޮތް އެންމެ ބޮޑު ޓާގެޓަކީ މި އަހަރު ފަހުކޮޅު ރާއްޖޭގައި ހޯސްޓްކުރާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މެޑެއްޔެއް ހޯދުމެވެ. ވޮލީ އަށް މި ގެންނަ ބަދަލުތަކުގެ ނަތީޖާ މިނެކިރަން ބަލާއިރު، ގައުމީ ޓީމުގެ ނަތީޖާ އަށް ގިނަ ބަޔެއްގެ ލޯ އަމާޒުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox