މެންޗެސްޓާ (ޖޫން 13) - މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ގިނަ ތަށިތަކެއް ހޯދަން ބޭނުންވާ ކަމަށް އެ ޓީމާ ރަސްމީކޮށް މިއަދު ގުޅުނު ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ބުނެފި އެވެ.
ހާލަންޑް، 21، ސިޓީއާ އެކު ސޮއިކުރީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ހާލަންޑް ހޯދަން، ސިޓީން ވަނީ ޑޯޓްމަންޑަށް 62.5 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
ހާލަންޑްގެ ބައްޕަ، މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ، އަލްފް އިންޖް ހާލަންޑް ވަނީ މި ޑީލް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ. މީގެ 22 އަހަރު ކުރިން ސިޓީން ވަނީ ޖޫން 13 ވަނަ ދުވަހު، އަލްފް އިންޖް ހާލަންޑް ސޮއިކޮށްފަ އެވެ. ހަމަ އެ ތާރީހުގައި ސިޓީން މިއަދު މި ވަނީ ހާލަންޑްގެ ޑީލް ރަސްމީކޮށް ފުރިހަމަކޮށް، އަންނަ ޖުލައި މަހު އެއް ވަނަ ދުވަހުން ފެށިގެން އޭނާ އެ ޓީމާ އެކު ޓްރެއިނިންތައް ފަށާ ގޮތަށް ނިންމައިފަ އެވެ.
ސިޓީ އަށް ސޮއިކުރުމަށް ފަހު ހާލަންޑް ބުނީ ސިޓީގެ ކޯޗު ގާޑިއޯލާ އަކީ ފުޓްބޯޅަ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ކޯޗު ކަމަށެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން މޮޅު ކުޅުންތެރިއަކަށް ވާން ކުރާ މަސައްކަތުގައި ގިނަ ތަށިތަކެއް ހޯދަން ބޭނުންވާ ކަމަށް ހާލަންޑް ވަނީ ބުނެފަ އެވެ.
"މިއީ އަހަރެންގެ އާއިލާ އާއި އަހަންނަށް ވަރަށް ފަހުރުވެރި ވަގުތުކޮޅެއް. އަހަރެން ގިނަ ގޯލުތަކެއް ޖަހައި ގިނަ ތަށިތަކެއް ހޯދައި މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށްދާން ބޭނުން. އެކަން މި ޓީމުގައި (ސިޓީގައި) ހުރެ ކުރެވޭނެ،" ހާލަންޑް ބުންޏެވެ.
"ސިޓީގައި މުޅިން މި ތިބީ ދުނިޔޭގެ ފެންވަރު މޮޅެތި ކުޅުންތެރިން. މިއީ އަހަރެން ފުޓްބޯޅައިގައި ހާސިލްކުރަން ބޭނުންވާ ކަންކަން ކުރަން އެންމެ ރަނގަޅު ކްލަބް،"
ސިޓީގެ ތަރި ކެވިން ޑި ބްރޭނާ އާއި ކޯޗު ގާޑިއޯލާ ވެސް ވަނީ ހާލަންޑް އެ ޓީމާ ގުޅުމަކީ ކްލަބް އެއް ހަރުފަތް މައްޗަށް ޖައްސާލަން ލިބޭ ފުރުސަތެއް ކަމަށް ބުނެފަ އެވެ.
އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް ދުކޮށް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑޯޓްމަންޑަށް ބަދަލުވި، ހާލަންޑް އެ ޓީމާ އެކު ހޭދަކުރި މި މުއްދަތުގައިވަނީ އެ ޓީމަށް ކުޅެދިން 89 މެޗުން 86 ގޯލު ޖަހައިފަ އެވެ. މިއީ މިދިޔަ ދެ ތިން އަހަރަށް ބަލާއިރު، ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި ފޯވާޑެއްގެ އެންމެ ރަނގަޅު ސްކޯރިން ރޭޓެވެ.












