ރިޕޯޓުހަމަ ހަގީގަތުގައި ވެސް ބާރާއި ނުފޫޒު ނެތް "ގޮނޑިކޮއްކޮ"އެއް ހެއްޔެވެ؟

ހަމަ ހަގީގަތުގައި ވެސް ބާރާއި ނުފޫޒު ނެތް "ގޮނޑިކޮއްކޮ"އެއް ހެއްޔެވެ؟

ނަޝީދުގެ އަމަލުފުޅުތައް ހުރީ ހަގީގަތުގައި ވެސް "ގޮނޑި ކޮއްކޮ" ދަރަޖާގައި ކަމެއް ޔަގީނެއް ނުވޭ. އެމަނިކުފާނުގެ ބަހާ އަމަލާ ބައެއް ފަހަރު ދިމާނުވަނީ، މަޖިލީހުގެ ނޫނީ މެމްބަރުންގެ، ނޫނީ ސީދާ ސަރުކާރުގެ "ގޮނޑި ކޮއްކޮ"އަށް ވާތީ ކަމެއް އަދި ސާފެއް ނޫން.

 -- އިލުސްޓްރޭޝަން: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު
-- އިލުސްޓްރޭޝަން: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހިތްހަމަނުޖެހުން ފާޅުކުރެއްވީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީ އެ ދުވަހު ނެރުނު ވިޕެއްގެ ސަބަބުންނެވެ.

އެހެންނަމަވެސް ބޮންޑޭ ހިތްހަމަނުޖެހުން ފާޅުކުރެއްވީ އެ ވިޕުގެ ސަބަބުން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކައާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލުމުން ނޫނެވެ. ބޮންޑޭއަށް ކަމުނުދިޔައީ އެފަދަ "ނަފްރަތު އުފައްދަން ހުށަހަޅާ މައްސަލަތަކުގައި" ނެރޭ ވިޕްތަކުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދުގެ "އަގު ވެއްޓޭތީ" އެވެ.

"އިއްޒަތްތެރި މެމްބަރު އަޅުގަނޑަށް ޔަގީން އަޑު އައްސަވާފައިވާނެ ރައްޔިތުންގެ މަޖިލީހުގައި އަހުމަދު ޒަކީ އިންނެވިއިރުގައި ވިދާޅުވެފައި އޮތް ތިމަންނާއަކީ ހަމަ މިތާގައި އިންނަ "ގޮނޑި ކޮއްކޮ" އެކޭ، ތި ވިދާޅުވިހެން އަޅުގަނޑަކީ ތިޔަބޭފުޅުން ވިދާޅުވީމަ، ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ވިދާޅުވި މިންވަރަކަށް ކުރާން އިންމީހެއް،" ބޮންޑޭގެ ކަންބޮޑުވުމާ ގުޅިގެން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް ނަޝީދުގެ އަމަލުތައް އެ ދުވަހު ފެނިގެންދިޔައީ "ގޮނޑިކޮއްކޮ"އެއްގެ އުސޫލުންނެއް ނޫނެވެ. ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

"ގަވައިދަކީ ނަޝީދުގެ ހިތްޕުޅަށް އަރާ ގޮތަށް އޮންނަ އެއްޗެއް"

އެ ދުވަހުގެ ޖަލްސާގައި ހެނދުނުގެ ދަންފަޅީގައި މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތު ސާފުކޮށްދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކުރި އެވެ. މަރުގެ ހުކުމާ ގުޅޭ ގޮތުން ވަޒީރާ ސުވާލުކުރެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެހެންކަމުން އިތުރު ސުވާލުކުރުމުގެ ވަގުތުގައި އެންމެ ފުރަތަމަ ފުރުސަތު ލިބިވަޑައިގެންނެވީ ވެސް ތޯރިގަށެވެ.

"އަޅުގަނޑުގެ ހަމަ ގުޅުންހުރި ސުވާލެއް އެބަ އޮތް މަރުގެ ހުކުމް؛ ހާއްސަކޮށް ޑރ. އަފްރާޝީމް ޝަހީދުކޮށްލި ގާތިލަށް ވަނީ ސުޕްރީމް ކޯޓުން މިހާރު މަރުގެ ހުކުން ދަމަހައްޓާފަ، އަޅުގަނޑުގެ ސުވާލަކީ، 1 މޭ 2015 ވަނ ދުވަހު ޑރ. އަފްރާޝީމްގެ މަރާ ދޭ ހެކިތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން. އެ ހެކިތައް ހަރުދަނާ...." އިތުރު ސުވާލުކުރުމުގެ ފުރަތަމަ ފުރުސަތުގައި ސުވާލު ކުރެއްވި އެވެ.

އެހެންނަމަވެސް ތޯރިގްގެ ސުވާލު ފުރިހަމަ ނުކުރެވެނީސް ރިޔާސަތުން ވަނީ ސުވާލު މެދުކަނޑާލާފަ އެވެ. ސަބަބަކަށްވީ "މިއަދުގެ ސުވާލާ ގުޅޭ ސުވާލެއް ކަމަށް" ރިޔާސަތަށް ފެނިވަޑައިނުގަތުމެވެ.

"މެންބަރުގެ ސުވާލުގައި އޮތީ ޝަރުއީ މައްސަލައަކާ ގުޅޭ ގޮތުން ކުރެވިފައިވާ ސުވާލެއް، ދެން އެއަށްފަހު އިއްޒަތްތެރި މެންބަރު ގުޅިގެން ކުރެއްވި ސުވާލަކީ ވަކި ތަހުގީގެއްގައި އަދި ވަކި ޝަރީއަތަކާ ގުޅޭ ސުވާލެއް،" ފުރުސަތު ނުދެއްވި ސަބަބު ސާފުކޮށްދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

މާމިގިލި ދާއިރާގެ މެންބަރު އަހުމަދު ތާރިގް-- ފޮޓޯ: މަޖިލިސް
މާމިގިލި ދާއިރާގެ މެންބަރު އަހުމަދު ތާރިގް-- ފޮޓޯ: މަޖިލިސް

މާމިގިލި ދާއިރާގެ މެންބަރު އަހުމަދު ތާރިގް-- ފޮޓޯ: މަޖިލިސް

އޭގެ ފަހުން މަރުގެ އަދަބާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވަނީ ސުވާލުކުރައްވާފަ އެވެ. އެހެންނަމަވެސް އެ ސުވާލުތަކަކީ "ދުވަހުގެ ސުވާލާ ގުޅޭ" ސުވާލަކަށް ނުވާތީ މިނިސްޓަރަށް ޖަވާބު ދެއްވަން ޖެހިވަޑައިނުގަތެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އިތުރު ސުވާލުތައް ހޯމް މިނިސްޓަރާ ކުރެއްވުމުގެ ފުރުސަތު ނަޝީދު ނުދެއްވި ނަމަވެސް އެމްޑީޕީގެ މެމްބަރުން ވަނީ އެ މެމްބަރުންގެ ދާއިރާތަކުގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިމޭނެ ތާރީހުތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. އަދި ފެބްރުއަރީ ހަތަކާ ގުޅޭ ސުވާލަކަށް ވެސް ފުރުސަތު ދެއްވި އެވެ. އެ ސުވާލުތަކަށް ނަޝީދު ފުރުސަތު ދެއްވުމުން އިމްރާން ޖަވާބު ވެސް ދެއްވި އެވެ.

"[މަޖިލީހުގެ ރައީސް ވެސް] ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދަންވާނީ، ގަވައިދަކީ މަނިކުފާނުގެ ހިތްޕުޅަށް އަރާ ގޮތަށް އޮންނަ އެއްޗަކަށް ހެދީމަކާ މިތާ ތިބި 85 މެމްބަރުން މި ތަނުން ފާސްކޮށްފައި އޮތް ގަވައިދެއް ތަންފީޒެއް ނުވާނެ،" އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި ތޯރިގް ނެންގެވި ނިޒާމީ ނުކުތާއެއްގައި ވިދާޅުވި އެވެ.

ރިޔާސަތުގެ ނިންމުންތަކާ ގުޅިގެން ހިތްހަމަނުޖެހި، އިދިކޮޅު މެންބަރުން ވަނީ ޖަލްސާގައި އަޑުގަދަކުރައްވާފަ އެވެ. އެ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކަށްވީ "މަޖިލީހުގެ ގަވައިދުގައި ނެތް ބާރެއް، މަޖިލީހުގެ ރައީސް ބޭނުން ކުރައްވާތީ" އެވެ.

އެއީ މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރެއް ނޫން؟

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހަށް ހާޒިރުކޮށް، ވަޒީރަކު ދޭ ޖަވާބާ ގުޅިގެން އެއްވެސް ނޯޓިސްއެއް ނެތި ސުވާލުކުރުމުގެ ފުރުސަތު ސުވާލުކުރިން މެންބަރަށާއި އެހެން މެންބަރުންނަށް ލިބިގެންވެ އެވެ.

ދުވަހުގެ ސުވާލާ ނުގުޅޭ ސުވާލު ކުރުމާމެދު ގަވައިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައިނުވެ އެވެ. އަދި އެކަމާ ގުޅިގެން މީގެ ކުރިން އަމަލު ކުރަމުން އައީ އެ ސުވާލަށް ޖަވާބު ދެއްވުމާއި ނުދެއްވުމުގެ އިހުތިޔާރު މިނިސްޓަރަށް ދީގެންނެވެ.

titledesc

" އެ ސުވާލަކީ މައުލޫއިން ބޭރު ސުވާލެއް ކަމަށް ބުނެ ޖަވާބު ނުދިނުމުގެ ފުރުސަތު މަޖިލީހުގެ ގަވައިދު އޮތް ގޮތުން ވަޒީރަށް އެބަ ލިބިދޭ، އެހެންނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ ސުވާލަށް ޖަވާބު ދޭނެތޯ ނުވަތަ ނޫންތޯ އެ ނިންމުން ނިންމަންވާނީ ވަޒީރު،" މިކަމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަހުމަދު އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، މައުލޫއާ ނުގުޅޭ ކަމަށް ވިދާޅުވެ ވަކި މެންބަރުންނަށް ފުރުސަތު ނުދިނުމަށްފަހު، މައުލޫއާ ނުގުޅޭ އެހެން ބައެއް ސުވާލުތަކަށް ފުރުސަތު ދެއްވުމަކީ މަޖިލީހުގެ ރައީސަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށެވެ.

"އެއީ މަޖިލީހުގެ ގަވައިދުގައި ލިބިދީފައި އޮންނަ ބާރެއް ނޫން މަޖިލީހުގެ ރައީސަށް، ހަމަހަމަކަމާއެކު ކުރަނީނަމަ ހުރިހާ މެންބަރުންނަށް ވެސް ސުވާލު ކުރުމުގެ ފުރުސަތު ދޭން ޖެހޭ،" އުޝާމް ވިދާޅުވި އެވެ.

މި މައްސަލައިގައި އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވެސް ގަބޫލުކުރަނީ މިގޮތަށެވެ.

"އެއީ މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރެއް ނޫން، އެއީ ހަގީގަތުގައި މަޖިލީހުގެ ރައީސަށް ކުރެވޭނެ ކަމެއް ނޫން، ކޮށްގެން ވާނޭ ކަމެއް ވެސް ނޫން އަދި މީގެ ކުރިއަކުން ވެސް އެކަން ކުރައްވާފައެއް ނެތް،" މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.

އެހެންނަމަވެސް އާދަމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި މި "ތަފާތުކުރުންތަކަކީ" ހަގީގަތުގައި ނަޝީދު ގެންގުޅުއްވާ އުސޫލެއް ނޫނެވެ. މަޖިލިސް ތެރޭގައި އިދިކޮޅަށް ހަމަހަމަ ފުރުސަތު ދެއްވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ އިދިކޮޅުން މަޖިލީހުގެ ހުށަހަޅާ މައްސަލަތައް މަޖިލީހުގެ ޖަލްސާތަކުގައި އެޖެންޑާ ކޮށްދިނުމެވެ.

"ނަޝީދަކީ ސަރުކާރުގެ ގޮނޑިކޮއްކޮއެއް"

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އިދިކޮޅު މެންބަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ރިޔާސަތުން ނުދެއްވީ "މަޖިލީހުގެ ރައީސަށް ސަރުކާރުގެ ނުފޫޒު" އޮތުމުންނެވެ.

"ސަރުކާރުގެ ފަރާތުން ހުރި ނުފޫޒުތަކެއް ނުވަތަ މަޖިލީހުގެ ރައީސަށް ސަރުކާރުގެ ފަރާތުން ކުރިމަތިވާ ޕްރެޝަރު ބޮޑުވެގެން، ހޯމް މިނިސްޓަރުގެ ހިމާޔަތުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކަންތައްތަކެއް އެއީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"އެއީ ހޯމް މިނިސްޓަރަށް ޖަވާބު ނުދެވިދާނެ ސުވާލެއް އައިސްދާނެތީ އޭގެ ދިފާއުގައި ކުރެއްވި ކަމެއް،"

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއެކު، ނަޝީދު އެ ޕާޓީއާއި "ސަރުކާރު ކޯލިޝަނުން ބާކީކުރާ" ވާހަކައަކީ މީގެ ކުރިން ނަޝީދުގެ އަރިސް މަޖިލިސް މެންބަރުން ވެސް ދައްކަވަމުން އަންނަ ވާހަކަ އެކެވެ. އެ ވާހަކަތައް އެ ދުވަހުގެ ޖަލްސާގައި ބޮންޑޭ ވެސް ދެއްކެވި އެވެ. މަޖިލީހުން އަމަލު ކުރަން ޖެހެނީ ސަރުކާރުން ބުނާ ގޮތަކަށް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"މިހާރު ވިޕް އޮންނަނީ މާ ވަރުގަދަ ބައެއްގެ އަތުގައި، ސަރުކާރު އަތުގައި ވިޕް އޮންނަނީ، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ބާރުތައް ވަކިކުރެވިފައި ވަނީ، އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބާރުތައް އެއްވެފަ މި އޮތީ، ސަރުކާރުން އަންގާ ގޮތަކަށް ވިޕް ނެރެނީ،" ބޮންޑޭ ވިދާޅުވި އެވެ.

"މަޖިލިސް ރައީސް އިންނެވީ ރިޔާސަތުގައި، ދެން ހުރިހާ އެންމެން އިނގިލި ދިއްކުރަނީ ރައީސް ކުރާ ކަމެއް ކަމަށް،"

އާދަމް ޝަރީފް ވެސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ނަޝީދު ފުރުއްވިނަމަވެސް، އެމަނިކުފާނަށް މަޖިލީހުގައި ބޭނުންފުޅުވާ ގޮތަކަށް ކަންކަން ކުރުމުގެ ބާރެއް ނެތެވެ.

"އެ ވިދާޅުވީ ނޫންތޯ ގޮނޑިކޮއްކޮއެކޭ، ހަމަ ގޮނޑިކޮއްކޮއެއް އެއީ [ސަރުކާރުގެ]، މަޖިލީހުގެ ރައީސަކަށް މިއަދަކު ރައީސް ބޭނުންފުޅުވާ ގޮތަކަށް މަޖިލިސް ހިންގާކަށް ވެސް މަޖިލިސްގެ ކަންތައްތައް ކުރިއަށްގެންދާކަށް ވެސް ހަގީގަތުގައި އެމްޑީޕީގެ ޕީޖީގެ ގުރޫޕަކުން އެ ފުރުސަތެއް ނުދޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޕީޖީ ގުރޫޕްގެ ސުޕަމެޖޯރިޓީއާއެކު ކޮންޓްރޯލް އޮތީ ސަރުކާރަށް، މަޖިލީހުގެ ރައީސަށް ތާއީދުކުރައްވަނީ ދެތިން މެންބަރެއް، ރައީސް ނަޝީދުގެ ބާރެއް މިހާރު ނެތް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ދެ ފަހަރެއްގެ މަތީން ކުރައްވާފައިވާ އަހުމަދު ޒަކީ ރިޔާސަތުގައި އިންނަވައި އޭރު ވިދާޅުވީ "މަޖިލީހުގެ ރައީސަކީ ގޮނޑި ކޮއްކޮއެއް" ކަމަށެވެ. މަޖިލީހުގެ އަދުގެ ރައީސް، ނަޝީދު މިސާލު ނެންގެވީ އޭގެންނެވެ. އެމަނިކުފާނަކީ މެންބަރުން ބުނިހާ ކަމެއް، ބުނި ގޮތަކަށް ކުރައްވަން އިން ގޮނޑިކޮއްކޮއެއް ކަމަށެވެ.

ނަމަވެސް މަޖިލީހުގައި ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު، އެހެން ބުނުމުގެ ފުރުސަތު އޮތްތޯ ސުވާލު އުފެދެ އެވެ. ނަޝީދުގެ އަމަލުފުޅުތައް ހުރީ ހަގީގަތުގައި ވެސް "ގޮނޑި ކޮއްކޮ" ދަރަޖާގައި ކަމެއް ޔަގީނެއް ނުވެ އެވެ. އެމަނިކުފާނުގެ ބަހާ އަމަލާ ބައެއް ފަހަރު ދިމާނުވާތީ އެވެ. އެކަމަކު އެހެން ދިމާވާން މެދުވެރިވަނީ، ނަޝީދަކީ މަޖިލީހުގެ ނޫނީ މެމްބަރުންގެ، ނޫނީ ސީދާ ސަރުކާރުގެ "ގޮނޑި ކޮއްކޮ"އަށް ވާތީ ކަމެއް އަދި މުޅީން ސާފެއް ނޫނެވެ.

އައިޝަތު ނުޒުހާ

ޖާނަލިސްޓް

އައިޝަތު ނުޒުހާއަކީ 2020 ވަނަ އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން ފެށި ޒުވާނެކެވެ. މީގެ ކުރިން "ސަން އޮންލައިން" ގައި މަސައްކަތްކޮށްފައިވެ އެވެ. ނުޒުހާ އާންމު ގޮތެއްގައި ލިޔަނީ ރައްޔިތުންގެ މަޖިލިސް އަދި ސިޔާސީ ދާއިރާތަކުގެ ހަބަރުތަކެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox