ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުއްޖެއްގެ ގަޔަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައިގައި އިހުމާލުވި މުވައްޒަފުންތަކަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެ ހޮސްޕިޓަލް ހިންގާ އައީޖީއެމްޗުން މިއަދު ބުނެފި އެވެ.
މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި އެ މައްސަލައިގައި އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް އައިޖީއެމްއެޗުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
"މި މައްސަލައިގައި މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފައި ވަނީ، މައްސަލަ އަދިވެސް ބަލަމުން އަންނާތީ ސީދާ އަދި [ސަސްޕެންޑުކުރި މުވައްޒަފުންގެ] އަދަދެއް ނޭނގެ ދަންނަވާކަށް،" އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ މި ނޫހަށް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، އަލުން ވެކްސިން ޖަހަން ފަށާނެ ތާރީހެއް އަދި ނިންމާފައިނުވާ ކަމަށް ވެސް އަފީފާ ވިދާޅުވި އެވެ.

މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލަ ފެންމަތިވުމާއެކު، އައިޖީއެމްއެޗުން ވަނީ ބަޔާނެއް ނެރެ މައްސަލަ ބަލައި، އިހުމާލުވީ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި މިފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
މީގެ ކުރިން، 2018 ވަނަ އަހަރު ތެރޭގައި ވެސް ވިލިމާލެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ޖެހި މައްސަލައެއް، ފެންމަތިވެފައިވެ އެވެ. އެ މައްސަލައިގައި އެޗްޕީއޭއާ ގުޅިގެން މައްސަލަ ބެލުމަށްފަހު، ފިޔަވަޅު އަޅާފައިވާނެ ކަމަށް އައިޖީއެޗުން އޭރު ބުނެފައިވެ އެވެ.













