ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގެންނެވުމުގެ މަގު ފަހިވި ބިން, އއ. އުކުޅަހުގައި ހުންނަވައި އެމަނިކުފާނު މިއަދު ދެއްކެވީ ރިޔާސީ ދައުރު ނިމިގެންދާއިރު ރާއްޖެއަށް އޮންނަންވާނެ ގޮތާމެދު އެމަނިކުފާނުގެ ދެކެވަޑައިގަންނަވާ ތަސައްވަރެވެ; އެއީ ވިއަވަތި، ޖަޒީރާ، ބާއްޖަވެރި، ފުދުންތެރި ރާއްޖެއެއް ހޯދައި, ތޮއްޖެހިފައި އޮތް މާލެއަށް ލުޔެއް ލިބި، އިޖްތިމާއީ ދުޅަހެޔޮ ކަމާއި އިގުތިސޯދީ ވެށި ތަނަވަސްވުމެވެ.
ލާމަރުކަޒީ ނިޒާމާއި އޭގެ ހައްލުތަކާއި އަމާޒުތަކާމެދު ފުޅާ ގޮތެއްގައި މަޝްވަރާކުރަން މެދުރާއްޖެ ތެރޭގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ކޮމިޓީތަކުގެ ރައީސުން ހިނެމޭ ގޮތަށް އުކުޅަހުގައި މިއަދު ވަނީ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފަށާފަ އެވެ.
ވިއަވަތި މި ބަހުން ރަމްޒުކޮށްދެނީ ފަހިވުން, ތިޔާގިވުން, ހަމަޖެހުން, އުފާވެރިކަން އަދި ހާސްކަމެއް ނެތި އުޅެވުމެވެ. މި ކޮންފަރެންސް ހުޅުވުމަށް މިއަދު އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާ ސިޔާސަތުތަކާ އަމާޒު ގޮސްނިމެނީ މާނަވީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރަކަށް ކަމަށެވެ. އެ ބަނދަރު ހިފުމަށްޓަކާ ރައީސް ވިދާޅުވި ގޮތުގައި, ދާންޖެހޭ މަގަކާ ވާންޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ އެވެ. އެކަމަށްޓަކާ މިއީ އޮތްދިގަށް ސަރާސަރު މަގަކުންހިނގާ ވިއަވަތި ރާއްޖެ ކަމުގައި ވާންޖެހެ އެވެ. އެ ރާއްޖޭގައި ކުޑައެއް ބޮޑެއް އުތުރެއް ދެކުނެއް އަދި މެދުރާއްޖެއެއް ނެތި ހަމަހަމަކަން އޮންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މީސްކޮޅު މަދުވެ ވަސީލަތްތައް އުނިވެ ދުރުގައި އެކަހެރިވެ އޮތް ގާމަތީ ފެންލޮނު ރަށެއް އެރާއްޖެއަކު ނޯންނާނެ. ތަފާތެއް ނެތި މުޅިރާއްޖޭގެ ހުރިހާ ރަށެއްގާ އަސާސީ ހިދުމަތްތައް ގާއިމްކުރަން ވައުދުވީ ބޭނުމަކު, އެއްވެސް ހާލެއްގައި އެއީ މާފަސޭހަ އަދި ކުޑަ ހަރަދަކުން ކުރެވޭ ކަމެއް ނޫން, ބޭނުމަކީ ތަރައްގީގެ ވާހަކަ ދައްކަން ފެށުން. މިބޮޑު ބަދަލުގެ ސިއްރަކީ އަދި މިދަތުރުގެ އިންޖީނަކީ ލާމަރުކަޒީ ނިޒާމް, މިމަގުން ގޮސް ވަދެވެނީ ޖަޒީރާ ރާއްޖެއަށް," ރައީސް ވިދާާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމުގައި ހުންނެވީ ރައްޔިތުން އެދޭ ގޮތާއި އުއްމީދުތައް ފުއްދައިދިނުމުގެ ބޭނުމުގަ އެވެ. އެ އުއްމީދުތަކާއި ބޭނުންތައް އެންމެ ރަނގަޅަށް އެނގޭނެ ފަރާތްތަކަކީ, ކައުންސިލަރުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުގައި އެތުރި ތަރުތީބުވެފައިވާ އިދާރީ އަދި ތަންފީޒީ ފަށަލައަކީ ކައުންސިލްތަކެވެ. އަންނަ ރަނގަޅެއް ނުވަތަ ފެންމަތިވާ މައްސަލައެއްވެސް އެންމެ ފުރަތަމަ އަންނާނެ, ފެންނާނެ ބަޔަކީ ކައުންސިލްތަކާއި ކައުންސިލަރުންނެވެ.

"ތިޔަބޭފުޅުންގެ [ކައުންސިލަރުންގެ] މަޝްވަރާއާ ހިޔާލު ފުޅުތަކުގެ ތެރޭން ފޭދިގެން އަޅުގަނޑާ ހަމައަށް އަންނާނީ ރައްޔިތުން އެދޭ ގޮތް, އަޅުގަނޑު މިމަގާމުގައި މިހުރީ ރައްޔިތުންގެ އެދުމާ އުންމީދާ އެއްގޮތަށް އެރައްޔިތުންގެ ކަންކަން ނިންމުން ނޫން އެހެން އެއްވެސް ބޭނުމަކު ނޫން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސިޔާސަތުތަކާ ތަރައްގީގެ އެންމެހާ ކަންކަން ގޮސް ގުޅެނީ ލާމަރުކަޒީ ނިޒާމާ ކަމަށެވެ. ފެންވަރު ރަނގަޅު ތައުލީމާއި މަލްޓިޕާޕަސް ހޯލާއި ސެޓެލައިޓް ސްކޫލާއި ޓާޝަރީ ފެންވަރުގެ ސިއްހީ ފަރުވާ އާއި ރަށުގެ ބަނދަރާއި އަޑީގައި ވަޅުލާ ފެނާ ނަރުދަމާއާ ކަރަންޓް ކޭބަލް ކަމުގައިވިޔަސް އެ ގުޅެނީ ލާމަރުކަޒީ ނިޒާމާ ކަމަށެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކުން ގުޅައިދޭ ހުރިހާ ގުޅުމެއްވެސް އާހިރުގައި އެގުޅެނީ ހަމަ މި ލާމަރުކަޒީ ނިޒާމާކަން ރައީސް ފާހަގަކުރެއްވި އެވެ.
"ހިންގޭ މަޝްރޫއުތަކާއެކު ސަރުކާރުގެ އިހްތިސޯދީ ސިޔާސަތުގެ ތެރެއިން ރަށްރަށުގާ ވީހާ ގިނަ ވަޒީފާގެ ފުރުސަތު އުފެދި ފަހިވުމަކީ މުހިންމު އަމާޒެއް, ކުދި ވިޔަފާރިތަށް ގިނަވެ، ކުރާނެ މަސައްކަތް އުފެދޭނެ މާހައުލެއް ހޯދުމަކީ ލާމަރުކަޒުވުމުގެ ސަބަބެއް," ރައީސް ވިދާޅުވި އެވެ.

އުކުޅަހަށް އިއްޔެ ރައީސް ވަޑައިގެންވުމުން މަރުހަބާ ދެންނެވުމަށް ރައްޔިތުން ނުކުމެ: ރައީސްގެ ލާމަރުކަޒީ ތަސައްވުރުގެ އޮތީ މައިގަނޑު ދެ އަމާޒެއް
ކުރިއަށްދާ ހިލޭ ޑިގްރީގެ ޕްރޮގްރާމާއެކު، އަލަށް އުފެދޭ ވަޒީފާތަކަށް ގާބިލް ދިވެހިން ހޯދޭނެ ކަމާއި ދުރުގައިހުރި މާމޮޅު އެހެން މީހަކު ގެންނަން ނުޖެހި ގާބިލް އެމީހާ ރަށުން ލިބޭނެކަން ރައީސް ފާހަގަކުރައްވަ އެވެ. އެމަނިކުފާނު ވިދާޅުވީ އާމްދަނީއަށްޓަކާ އެއް ދިމާއަކަށް އެންމެން ބަލަން ނުތިބެ، އާއިލާއާ ގާތުގައި، އަމިއްލަ ރަށުން ތިމާގެ ފައިތިލައިގެ ދަށުން ހޯދޭ އާމްދަނީގެ އުފަލާ ނަފާ މާބޮޑުވާނެ ކަމަށެވެ.
"ދަތުރުފަތުރުގެ އަވަސްހިދުމަތުގެ ސަބަބުން ކޮންމެ ރަށަކީ ވެސް އަމިއްލަ ރަށް ކަމުގެ އިހްސާސް މަޑުމަޑުން އަންނަން ފަށާނެ, މިދެންނެވި ބަދަލުން ހަކަތަ ލިބިގެން އުފެދޭނީ އެތެރޭގެ އިގްތިސޯދީ އިތުރު ހަރަކާތް, އިއްޔެގެ އުކުޅަހާ މިއަދުގެ އުކުޅަހުން ފެންނަނީ މާދަމާގެ ވިއަވަތި، ޖަޒީރާ، ބާއްޖަވެރި، ފުދުންތެރި އުކުޅަސް, އުކުޅަހަށް މިދެންނެވި ރަނގަޅު ހޯދޭނަމަ، އޭގެ މާނަ ފުން. މާނައަކީ ރާއްޖޭގެ ކޮންމެ ރަށެއްމެ އެއަންނަނީ، ލާމަރުކަޒީ، ވިއަވަތި، ޖަޒީރާ، ފުދުންތެރި ރާއްޖެއަކަށް ފައްކާ ވަމުންކަން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި, ސަރުކާރުން ހިންގާ ހުރިހާ މަޝްރޫއެއް ލާމަރުކަޒީ ނިޒާމާ ގުޅުވާލާފާ އެވަނީ ދެ ބޭނުމަކު އެވެ; ފުރަތަމަ ބޭނުމަކީ ރައީސް ވިދާޅުވި ގޮތުން, އުކުޅަހާ ރަސްދޫ އަދި ތޮއްޑުއާ މުޅިރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ، ތަނަވަސްވާނެ ގޮތެއް ހޯދުމެވެ. ދެވަނަ ބޭނުމަކީ މާލެއަށް އޮތް ހުރިހާ ބުރައަކަށް، ދެވެން އޮތް އެންމެ ބޮޑު ލުޔެއްދީ ހަމަނޭވާލެވޭ، ހިތްފަސޭހަ ތަނަކަށް މާލެ ހެދުމެވެ.
މާލެއަށް ގޮތްހުސްވެ ތޮއްޖެހި ބޮއްސުންލީ ބަލަބަލާ ތިއްބާ ކަމާއި މާލޭގެ ރަށްވެހީންނާ އެރަށުގައި ދިރިއުޅޭ އެންމެންގެ ދިރިއުޅުން އަރަތަކަށްވީ ގޯސްތަށް ރަމަތަ ނުވެގެންކަން ރައީސް ފާހަގަކުރެއްވި އެވެ. އަމާޒެއް ނެތި، ހަރާބުގެ މަގަށް ޒަމާން އުފެއްދި ގަދަ އޮއިވަރުގެ ސަބަބުން ކަމަށާއި ދެން އިތުރު އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"...ބުނެފާނެ! އެހެން ވިއްޔާ މާލޭގައި ތިޔަ އަޅަނީ، ކޮންފަދަ ބިޔަ ބްރިޖެއްތޯ, ކީއްކުރަން ހިއްކާ ގިރާވަރު ފަޅެއްތޯ, ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވާވުމަށް، ދޫޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް. ރާއްޖޭގެ މައި ބަނދަރު ފުރަމާލޭން ބޭރުކޮށް، ގުޅީ ފަޅާހަމަ އަށް ފެއަށް ނުޖައްސާ، ދައުލަތުގެ ބަޖެޓަށް އާމްދަނީ ކައިރި ކުރެވޭކަށް ނެތް. މާލޭ ރަށްވެހިންނަށް ހައްގުވާ ގޯތި ނުދީ ވާކަށް ވެސް ނެތް, މުޅި ރާއްޖެ ލާމަރުކަޒު ވާއިރު، މާލެއަށް މިގެނެވެނީ އެއާ ގުޅޭ އިޖްތިމާއީ ދުޅަހެޔޮ ކަމާ އިގުތިސޯދީ ވެށި ތަނަވަސް ކުރުމުގެ ބަދަލް," ރައީސް, އެމަނިކުފާނުގެ ސިޔާސަތު ހާމަކުރައްވަމުން ވިދާޅުވި އެވެ.
"މިދައްކަނީ ރޭވެ އަލިވިލޭއިރު ވެނިމިފައި އޮންނާނެ ބާވަތުގެ ކުޑަކަމެއްގެ ވާހަކައެއް ނޫން, މިއީ އުނދަގޫ، ބުރަ، އަދި ބޮޑު ބަދަލެއް, މިކަމަށްޓަކާ ހިތްވަރާއި އަޒުމާއި، ކެތްތެރިކަން އިސްކުރަން ޖެހޭ. ބަދަލު ހިފުމާ ޖަދަލު ކުރުމާ ތައައްސުބުގެ ތެރެއަށް ނުގެނބި، އަޅާ ކޮންމެ ފިޔަވަޅެއް އެމަގުން އަޅާނަމަ ހެޔޮ ނަތީޖާ ފެނުން އަވަސްވާނެ,"
ރައީސް ވިދާޅުވި ގޮތުގައި, ވަރަށް ރަނގަޅަށް ނުހަނު ބާރަށް ހިންގައިގެން ފުދުންތެރިކަން އިތުރުކުރާ ކައުންސިލްތަށް އެބަފެނެ އެވެ. ފެށިއިރު އޭގެ އެންމެ ރަށެއް ނުވަތަ ކައުންސިލެއް ވެސް މިރާއްޖެއަކު ނެތް ކަމާއި ނަމަވެސް އިއްޔެއަށްވުރެ މިއަދު ތަފާތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ފެންނަން އޮތީ ރައީސް ވިދާޅުވި ގޮތުގައި, މާއުޖާލާ މާދަމައެކެވެ. އެއްހާސް ފިޔަވަޅުގެ ރާސްތާ އަކަށްވެސް ފުރަތަމަ އަޅާނީ ފުރަތަމަ ފިޔަވަޅެވެ. ކުރިއަށް ދިޔަވަރަކަށް މަންޒިލް ވަމުން އަންނާނީ ގާތެވެ.
"އިސްލާހުކޮށްރަނގަޅުކޮށް ފުރިހަމަކޮށް ހައްލު ކުރަން ޖެހޭ ކަންކަން އަބަދުވެސް ހުންނާނެ, އެއްވެސް މައްސަލައެއް ނެތުމަކީ - މާބޮޑު މައްސަލައެއް, އެހެންވެއްޖެނަމަ އެހިސާބުން އެތިބީ ކުރިއެރުން ހުއްޓި ދިރުން ނެތިފަ, ސަބަބަކީ ދުނިޔެވީ ހަޔާތަކީ އެތަށް މަގެއްގެ ތެރޭން ރަނގަޅު މަގު ހޯދަން އޮތް ކަމެއް, މާގިނަ ނުބައިގެ ތެރޭން ރަނގަޅު ހޯދަން ޖެހޭ ތަނެއް," ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އުއްމީދުތައް އެންމެ ފުރަތަމަ އެނގޭނެ ބަޔަކީ ކައުންސިލަރުން
77 ބައްދަލުވުމެއް, ކައުންސިލްތަކުގެ ދަތިތައް އެނގިވަޑައިގަންވާ
ފާއިތުވި އެއް އަހަރުގެ ތެރޭގައި 77 ކައުންސިލް ބައްދަލުވުން ރައީސް ވަނީ ބާއްވަވާފަ އެވެ. ކައުންސިލްތަކުގެ ގޮންޖެހުންތައް އަޑުއަހާ މަޝްވަރާ އާ ހިޔާލް އެ ބައްދަލުވުންތަކުގައި ވަނީ ހިއްސާކުރައްވާފަ އެވެ.
އެ ބައްދަލުވުންތަކުން ފާހަގަވަނީ ރައީސް ވިދާޅުވި ގޮތުގައި, ގިނަ ކައުންސިލްތަކުގެ ހަމަ ހުރީ ދާދި އެއް ގޮންޖެހުންތަކެއް ކަމެވެ.
އެގޮތުން, ކައުންސިލަށް ބޭނުންވާ ވަރަށް ބަޖެޓާ ވަސީލަތްތައް ނެތުމާއި މަސައްކަތް ކުރުމަށް އެކަށޭނަ އުމްރާނީ ވަސީލަތް ނެތުމެވެ. ލޭންޑް ޔޫޒް ޕްލޭން ފާސްކުރުމަށް އޮތް ގާނޫނީ, އިދާރީ އަދި ފަންނީ ދަތިތަކެވެ.
އިހްތިސޯސްގައި ހިމެނޭ ވަސީލަތްތަކުގެ އިގްތިސޯދީ މަންފާ ހޯދުމަށް އެޅިފައިވާ ހުރަސްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް އެކަށީގެންވާ ވަސީލަތާ މަސައްކަތް ކުރާނެ މާހައުލު ނެތުމެވެ. ކައުންސިލަށް އާމްދަނީ ލިބޭނެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ނުކުރެވުމެވެ. އަދި ރަށުގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ހުރި ދަތިތަކެވެ.
"...މިގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާއިރު ސަރުކާރުން އިސްލާހް ކުރަންޖެހޭ ކަންކަން އެބަހުރި, އަދި ހަމައެގޮތަށް ކައުންސިލް ތަކުން އިސްލާހް ކުރަންޖެހޭ ކަންކަންވެސް އެބަހުރި,މިކޮންފަރެ ންސްގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާ ކައުންސިލްތަށް އެއްމޭޒުވެގެން މަޝްވަރާކޮށް ހައްލު ހޯދޭނެ ގޮތެއް ހޯދުން," ރައީސް ވިދާޅުވި އެވެ.













