ރިޕޯޓުމައިނޯރިޓީއަށް މަޖިލީހުގައި ޖާގައެއް އެބަ އޮތްތަ؟

މައިނޯރިޓީއަށް މަޖިލީހުގައި ޖާގައެއް އެބަ އޮތްތަ؟

19 ވަނަ މަޖިލީހުގައި އެމްޑީޕީއަށް ލިބުނީ ސުޕާމެޖޯރިޓީއެއް. ނަމަވެސް އޭގެ ފައިދާ ރައްޔިތުންނަށް ކުރޭބާ؟ މަޖިލިސް ހިނގަނީ ހުރިހާ ރައްޔިތުންގެ އަޑު ވެސް އިއްވޭނެ ނިޒާމެއްގެ ދަށުންބާ؟ ވެރިކަން ހިންގާ ޕާޓީގެ ބައެއް މެމްބަރުން ވެސް ގަބޫލު ކުރަނީ ހުރިހާ ރައްޔިތުންގެ އަޑު ނީއްވޭ ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ހަރަކާތްތެރިވަނީ: އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ މައިނޯރިޓީގެ ބަސް އިއްވޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ހަރަކާތްތެރިވަނީ: އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ މައިނޯރިޓީގެ ބަސް އިއްވޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ ބާބުތައް ކުރީގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތަޖުރިބާ ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ހާއްސަ މެމްބަރުންނާއި ރައީސްގެ ވަޒީރުން ރައްޔިތުންގެ ގެއަށް އިންތިހާބަކާ ނުލައި ވައްދައި، އެ ގެ، ސަރުކާރުގެ ބެލުމުގެ ދަށުން ހިންގި ޒަމާނެއް ފާދިއްޕޮޅު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އެމަނިކުފާނު ދެކިވަޑައިގެންނެވި އެވެ. އެ ގެއަށް ސިފައިން ވައްދައި، ސަރުކާރަށް ފާޑުކިޔާ މެމްބަރުން ބޭރަށް އުކާލި ޒަމާނެއް ވެސް އެމަނިކުފާނު އެ ގޭގައި ހޭދަ ކުރެއްވި ދިގު 25 އަހަރު ދެކެވަޑައިގެންނެވި އެވެ.

އެ ހުރިހާ ތަޖުރިބާއާއެކު، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވަނިކޮށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ރައްޔިތުންގެ ގޭގެ ސުޕަމެޖޯރިޓީ ލިބުމުން، ހިކުމަތްތެރިކަމާއެކު ވިދާޅުވީ؛ "ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ވަކި ޕާޓީއަކަށް ލިބުމަކީ ރައްޔިތުންގެ މަޖިލިސް އޭގެ ޒާތުގައި ރަނގަޅުވެގެންދާނެ ކަމަކަށް ނުވެ ހިނގައިދާނެ" ކަމަށެވެ.

"އެ މެޖޯރިޓީ ބޭނުންކުރާ ގޮތެއްގެ މައްޗަށް އެ [މަޖިލިސް ރަނގަޅުވުމާއި ނުވުން] ބިނާވެގެން ދާނީ. މަޖިލީހުގެ ތެރޭގައި ތަފާތު އޮއިވަރު ތަފާތު ގޮތްގޮތަށް ދެމިގެންދާނެ. އަންނަ ވޯޓުތަކާއި ތަފާތު އޮއިވަރުތައް ދެމިގެންދާނެ. އެއަށް ވިސްނައިގެން ޒާތީ ކަންކަމަށްވުރެ ބޮޑަށް ގައުމާއި ރައްޔިތުން އިސްކޮށްގެން ހިނގާ ކަމުގަ ވާނަމަ ފެނިގެންދާނެ ރައްޔިތުންގެ ހަގީގީ މަޖިލީހެއް،" 19 ވަނަ މަޖިލިސް ފެށުމުގެ ހަ ދުވަސް ކުރިން މެއި 19، 2019 ގައި ނޫސްވެރިޔަކާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި ލިބިގެން، ރައްޔިތުންގެ އިންތިހާ ބޮޑު އަގުލަބިއްޔަތަކާއެކު 19 ވަނަ މަޖިލިސް ހިނގާތާ މިހާރު ތިން އަހަރު ފާއިތުވެފައިވާއިރު އާންމުންނަށް ލިބިފައި މި އޮތީ ރައީސް ސޯލިހު ވިދާޅުވި ފަދަ "ހަގީގީ" މަޖިލީހެއްތޯ ސުވާލުކޮށްލަންޖެހެ އެވެ. މި ވެއެތުވެދިޔަ ތިން އަހަރު ރައްޔިތުންގެ މަޖިލީހުގައި އެ ގޭގެ ވެރިންގެ އަޑު ގަދައަށް އިއްވިތޯ ބަލަންޖެހެ އެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ ހުރިހާ މަންދޫބުންނަށް އެބޭފުޅުންގެ އަޑު އުފުލުމުގެ ފުރުސަތު ލިބިގެންނެވެ. ސުވާލަކީ މި މަޖިލީހުގައި މައިނޯރިޓީގެ އަޑު އިވޭތޯ އެވެ؟

މައިނޯރިޓީ ބުނަނީ އެމީހުންގެ ބަސް ނީއްވޭ ކަމަށް

"... އެއީ އެއްވެސް ޕާޓީއަކަށް؛ ހުދު އަޅުގަނޑުމެންގެ ސަރުކާރެއް އޮވެގެން، އަޅުގަނޑުމެންގެ ޕާޓީއަށް ވެސް އަޅުގަނޑެއް ނޭދެން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދޭކަށް," 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ގެންގުޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިފަހުން ވިދާޅުވި ވާހަކަ އެކެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގައި ސުޕަމެޖޯރިޓީއެއް އޮތުމުން ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ.

"ރައްޔިތުންގެ ހަމަ ވަރަށް ގިނަ ހައްގުތައް ގެއްލިގެން ދާނެ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެވެނީ ކޮން ކަމެއްތޯ؟ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުގައި އަޅުގަނޑުމެން ތިބެގެން އަޅުގަނޑުމެންނަށް އަޑު އުފުލޭނީ، ބަލާލާ މީހެއް ކަމެއްވާ ހެން ވެސް ހިއެއް ނުވޭ، ރައްޔިތުންނަށް ދަތިވާ ބޮޑެތި މައްސަލަތަކުގައި މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް އެޖެންޑާ ކޮށްލިޔަނުދޭ،" ޔާމީން ވިދާޅުވެފައިވެ އެވެ.

ވާދަވެރި ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މަޖިލިސް ތަޅުން މިއަދު ވެފައިވަނީ އެމްޑީޕީގެ ދެ ފެކްޝަނުގެ މެދުގައި ބަހުގެ ހަމަލާތައް ރައްދު ކުރާ ތަނަކަށެވެ. އެ ތަނުގައި ފާޅުކުރާ ތަން ފެންނަނީ ހަމައެކަނީ މެޖޯރިޓީ އޮތް ބޭފުޅުން ހުށަހަޅުއްވާ ކަންބޮޑުވުންތަކާއި ހިޔާލުތަކާއި ބިލްތަކަށް އެކަންޏެވެ. މައިގަނޑު ގޮތެއްގައި އޮތީ ވެސް އެމްޑީޕީ އެތެރޭގެ ވާދަވެރިކަމުގެ ވާހަކަތަކެވެ.

އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެ، މިހާރު އެމްއެންޕީގެ ނައިބު ރައީސް ކަން ކުރައްވާ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ދެކެވަޑައިގަންވާ ގޮތުގައި 19 ވަނަ މަޖިލިސް ފެށިގެން އައިރު މައިނޯރިޓީ ޕާޓީތަކަށް މަޖިލީހުގައި އައީ ހިޔާލު ފާޅުކުރުމަށާއި ބަހުސް ކުރުމުގެ ފުރުސަތު އެންމެ ފުރިހަމައަށް ދެމުންނެވެ. ނަމަވެސް މިހާރު އެ ފުރުސަތު މަޖިލީހުގައި ނެތް ކަމަށް ކަމަށް އުޝާމް ވިދާޅުވި އެވެ.

"މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީގެ ބޭނުން ރަނގަޅު ގޮތުގައެއް ނޫން އެ ބޭފުޅުން މިހާރު ހިފަމުން އަންނަނީ، ސަރުކާރުން ބޭނުން ނުވާ ކަންކަމުގައި މައިނޯރިޓީގެ އަޑު ކަނޑުވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ،" އޭނާގެ ތަޖުރިބާ އުޝާމް ހިއްސާ ކުރެއްވި އެވެ.

titledesc

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގެ އޮއިވަރު ބަދަލު ވެގެން ދިޔައީ މަޖިލީހުގެ ސުޕަމެޖޯރިޓީ ތަމްސީލު ކުރާ އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުން ތަކާއެކުގަ އެވެ.

"އެމްޑީޕީ އެތެރޭގެ އިންތިހާބާ ގުޅިގެން އަޅުގަނޑުމެން ހުށަހަޅާ މައްސަލަތައް ވެސް އެއިން ސަރުކާރަށް ޒިންމާވުމަށް މަޖުބޫރުވާ ބައެއް ކަހަލަ ކަންތައްތައް ވީމާ މައްސަލަތައް ބޭރުކޮށްލަމުން އައީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލިސްތެރެއިން މައިނޯރިޓީން ކުރަމުން އަންނަ ކަންކަމަށް މުޅިން އެއްބާރުލުމެއް ނުދޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: މައިނޯރިޓީގެ އަޑު މަޖިލީހުގައި ފާޅުނުކުރެވޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރޭ-- ފޮޓޯ: މަޖިލިސް
ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: މައިނޯރިޓީގެ އަޑު މަޖިލީހުގައި ފާޅުނުކުރެވޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރޭ-- ފޮޓޯ: މަޖިލިސް

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: މައިނޯރިޓީގެ އަޑު މަޖިލީހުގައި ފާޅުނުކުރެވޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރޭ-- ފޮޓޯ: މަޖިލިސް

މައިނޯރިޓީ މެންބަރުން ފާހަގަކުރާ ކަންކަމަކީ ގާނޫނާ ހިލާފު ކަންކަމެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށް ގާނޫނުގައި ވެސް ވަނީ ބަޔާން ކޮށްފަ އެވެ.

އެމްޑީޕީ ބައެއް މެންބަރުންގެ ވެސް ކަންބޮޑުވުން

ސުޕަމެޖޯރިޓީން މިއަދު ކަން ކުރަމުން އަންނަ ގޮތާމެދު ކަންބޮޑުވަނީ ހަމައެކަނި އިދިކޮޅު މެންބަރުން އެކަންޏެއް ވެސް ނޫނެވެ. މި ކަންކަމަކީ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ގަބޫލުކުރާ، ވުމަށް ހިތް ނޭދޭ ކަންކަމެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާގައި، ގަން ރީޖަނަލް ހޮސްޕިޓަލާ ގުޅުން ހުރި ކަންބޮޑުވުންތަކުގެ މައްސަލައަށް ބަހުސް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އިދިކޮޅު މެންބަރަކު ހުށަހެޅި ކަމުގައި ވިޔަސް، ދާއިރާއެއްގައި ހުރި ކަންބޮޑުވުމެއް މަޖިލީހަށް ހުށަހަޅައިފިނަމަ އެ ކަމަކަށް ބަހުސް ނުކުރަންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

"މި މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ބަހުސްގެ ނާރެސް، [މައިނޯރިޓީއަށް] ބަހުސް ކުރުމުގެ ފުރުސަތު އަޅުގަނޑުމެން އެބަ ދޭން ޖެހޭ، އަޅުގަނޑުމެން ހިނގަމުންދާ މައްސަލަތައް ނުވާ ކަމަށް ހަދަން އުޅުނަސް އެ ކަން ރައްޔިތުންނަކަށް ނޯޅޭނެ،" އީވާ ވިދާޅުވި އެވެ.

އާންމު ރައްޔިތުންނާ ގުޅޭ އެފަދަ ކަމެއްގައި ބަހުސް ކުރަން އެމްޑީޕީގެ ޕީޖީން ފުރުސަތު ނުދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ، އެ މައްސަލައިގައި ނެގި ވޯޓުގައި އީވާ ވޯޓު ދެއްވީ ވިޕްލައިނާ ހިލާފަށެވެ. އެ ދުވަހު އީވާ ހަނދާން އާ ކުރެއްވީ 18 ވަނަ މަޖިލީހުގައި އުޅުއްވި ހާލެވެ. އެ ދުވަހު އެމްޑީޕީ މައިނޯރިޓީގެ ގޮތުގައި އޮވެ، ވާކާލާތު ކުރަން ފުރުސަތު ނުލިބުނު ވާހަކަ އެވެ. މައިނޯރިޓީގެ އަޑު އިއްވަން މެގަފޯނުތައް ހިފައިގެން މޭޒު މައްޗަށް އަރަން ޖެހުނު ގޮތެވެ.

މަޖިލިސް ނައިބު ރައީސް އީވާ: މައިނޯރިޓީއަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވާ-- ފޮޓޯ: މަޖިލިސް
މަޖިލިސް ނައިބު ރައީސް އީވާ: މައިނޯރިޓީއަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވާ-- ފޮޓޯ: މަޖިލިސް

މަޖިލިސް ނައިބު ރައީސް އީވާ: މައިނޯރިޓީއަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވާ-- ފޮޓޯ: މަޖިލިސް

"އެމްޑީޕީއަށް 65 ގޮނޑި ލިބުނީމާ މަނިކުފާނު [މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު] ވެސް އަދި އަޅުގަނޑު ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ކުރިމަތި ލަމުން އަޅުގަނޑުމެން ދެންނެވީ މައިނޯރިޓީ ޕްރޮޓެކްޓު ކޮށްދޭނަމޭ، އަގުލަބިއްޔަތު ބޭނުން ކުރާނީކީ ނާޖާއިޒު ގޮތަކު ނޫނޭ،" މެޖޯރިޓީން އަމަލު ކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި އީވާ ވިދާޅުވި އެވެ.

އީވާގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގެންނަވާ އިތުރު މެންބަރުން ވެސް ދެކެވަޑައިގެންނަވާ ގޮތުގައި މައިނޯރިޓީއަށް ފުރުސަތު ނުދީ، މަޖިލިސް ތެރޭގައި "އެމްޑީޕީގެ ބާރުގަދަކަން" ދައްކަން އުޅުމަކީ އެމްޑީޕީގެ އަސާސްތަކާ މުޅިން ހިލާފު ކަމެކެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ މަޖިލިސް މެންބަރަކު މި ނޫހަށް ވިދާޅުވީ އެމްޑީޕީ ޕީޖީ ލީޑާޝިޕުން ނިންމާ ގިނަ ނިންމުންތަކާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

"ވިޕްލައިންތައް ނެރޭ ގޮތް އަސްލު އެހާ ރަނގަޅެއް ނޫން، ހެނދުނު ދިޔައިމަ ވޯޓަށް އަހާއިރުގައި ބުނާނެ ރެޑް ވެއްޖެއްޔާ ރެޑޭ. ލީޑާޝިޕު ގުރޫޕުން ވަކި ބަޔަކު ބޭނުންވާ ގޮތަށް ނިންމުންތައް މި ނިންމަނީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީ ސުޕަމެޖޯރިޓީގެ ކޮންޓްރޯލް ވަކި ބަޔަކު ވަނީ ނަގައިފަ އެވެ. އަދި ޕާޓީ ޕީޖީ ގުރޫޕުގެ ތެރޭގައި "ވިދާޅުވިހާ ގޮތަކަށް އަމަލު ކުރުމުގެ ސަގާފަތެއް" އުފައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ޑިމޮކްރެޓިކް އަސާސްތައް ނެގެހެއްޓުމަށް ޓަކައި ވަރަށް ބޭނުންތެރި ކަމެއް އެއީ އެކި ވިސްނުމުގެ އެކި ފިކުރުގެ މީހުންނަށް ޖާގަ އޮތުން، އެ އަޑު އިއްވަން ވެސް އަދި ބަސް އިއްވަން ވެސް އެ ބޭފުޅުން ބަަހުސް ކުރައްވަން ވެސް މައްސަލަ ހުށަހަޅުއްވާއިރުގައި ވެސް، ކޮންމެ ކަމެއް އަޅުގަނޑުމެންގެ ބާރު އޮތީތީވެ، ނަގާ ބޭރުކޮށްލާފަ އެ ބޭފުޅުން ހުށަހަޅުއްވާ އެއްޗަކަށް ޖާގަ ނުދިނުން އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން." ވަހީދު ވިދާޅުވި އެވެ.

މެންބަރު ވައްޑޭ-- ފޮޓޯ: މަޖިލިސް
މެންބަރު ވައްޑޭ-- ފޮޓޯ: މަޖިލިސް

މެންބަރު ވައްޑޭ-- ފޮޓޯ: މަޖިލިސް

"ވަރަށް ދެރަ ކަމެއް އެއީ، އެމްޑީޕީން ބުނަމުން އައި ވާހަކައެއް އެއީ އަޅުގަނޑުމެންގެ ބާރު އޮންނަ މަޖިލީހެއްގައި މައިނޯރިޓީއަށް ހިތުހުރި ގޮތަކަށް ހަދާ ބަޔަކަށް އަޅުގަނޑުމެން ނުވާނަމޭ."

އެމްޑީޕީ ޕީޖީ ލީޑާޝިޕްގެ ޖަވާބު؛ މައިނޯރިޓީއަށް ޖާގަ އޮންނާނެ

މަޖިލިސް ތެރޭގައި މިވަގުތު މައިނޯރިޓީ ޕާޓީތަކަށް ޖާގަ ނެތް ކަމަށް އެ ޕާޓީތަކުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ގަބޫލު ކުރެއްވި ނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެކަމަށް އެއްބަސްވެ ނުލައްވަ އެވެ. އަސްލަމް ގަބޫލު ކުރައްވާ ގޮތުގައި މަޖިލިސް ތެރެއިން އެހެން ޕާޓީތަކަށް ވެސް ހަމަހަމަ ފުރުސަތު އޮތީ ފަހިވެފަ އެވެ.

އެހެން ނަމަވެސް ބައެއް މައިނޯރިޓީން ހުށަހަޅާ ގިނަ މައްސަލަތަކަކީ އެއީ ރައްޔިތުންގެ ލާބައަށް ޓަކައި، ހުށަހަޅާ މައްސަލަތަކެއް ކަމަށް އަސްލަމް ގަބޫލުނުކުރައްވަ އެވެ. އަސްލަމް ވިދާޅުވި ގޮތުގައި މައިނޯރިޓީން ހުށަހަޅާ ގިނަ މައްސަލަތަކާއި ގަރާރުތަކަކީ "މާ ހަމަ ޖެހޭ" އެއްޗެހިތަކެއް ނޫނެވެ. އަދި މިފަދަ ބައެއް މައްސަލަތަކަކީ ރައްޔިތުންގެ މަންފާއަށް ވުރެ ބޮޑަށް، "ޕާޓީ މަޝްހޫރު ކުރުމަށް" ހުށަހަޅާ ހުށަހެޅުންތަކެކެވެ.

"މިހެން މި ހުށަހަޅާ ގަރާރުތަކަކީ ހަމަ ޕަބްލިކް ސެންޓިމެންޓްސްއަށް ވިސްނާފައި ރައްޔިތުންގެ މެދުގައި ޕޮޕިއުލޭރިޓީ ހޯދުމަށް ހުށަހަޅާ އެއްޗެހީގެ ގޮތުގައި ސިފަ ކުރެވެނީ، އެހެންވީމާ އެ ކަހަލަ އެއްޗެއްސެއް އެންޓަޓެއިނެއް ނުކުރާނަން،" އެމްއެންޕީން ޕެންޝަނާ ގުޅޭ ގޮތުން ހުށަހެޅި ގަރާރަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީ ޕީޖީ ލިޑަރު އަސްލަމް: ވިދާޅުވީ މައިނޯރިޓީއަށް ޖާގަ އޮންނަ ކަމަށް
އެމްޑީޕީ ޕީޖީ ލިޑަރު އަސްލަމް: ވިދާޅުވީ މައިނޯރިޓީއަށް ޖާގަ އޮންނަ ކަމަށް

އެމްޑީޕީ ޕީޖީ ލިޑަރު އަސްލަމް: ވިދާޅުވީ މައިނޯރިޓީއަށް ޖާގަ އޮންނަ ކަމަށް

މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ރިއާޔަތް ކުރަނީ ސަރުކާރުގެ ޕޮލިސީތަކަށް ކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެމްޑީޕީން ޕީޖީން އަބަދުވެސް މަޝްވަރާއަށް މަރުހަބާ ކިޔާނެ ކަމަށާއި ރަނގަޅު ހުށަހެޅުންތަކެއް ނަމަ އެ ކަންކަން ބަލައިގަންނާނެ ކަމަށެވެ. އެހެންނަމަވެސް އަބަދުވެސް ގޮތް ނިންމާނީ މެޖޯރިޓީ ޕާޓީން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މައިނޯރިޓީއަށް އަބަދު ވެސް އޮންނާނެ ފުރުސަތު، އަޅުގަނޑުމެން ނުހިފަހައްޓާނަން، މައިނޯރިޓީގެ އަޑު ވެސް ހަމަ މަޖިލިސް ތެރޭގައި ގަދަ ވާނެ، އެ ވާހަކަތައް އަހާނެ،" އޭނާ ވިދާޅުވި އެވެ.

ހައްލެއް ބޭނުންވޭ، އެކަމަކު ހައްލެއް ނެތް؟

ރާއްޖެއަކީ ޑިމޮކްރެސީގެ ޅަފަތުގައި އޮތް ގައުމެކެވެ. އެހެނިހެން ޑިމޮކްރެޓިކް ގައުމުތަކާ ހިލާފަށް މި ތަނުގައި އަދިވެސް އޮތީ ސަރުކާރުން ނުވަތަ ޕާޓީން ވަކި ގޮތަކަށް އަމަލު ކުރަން އެންގުމުން އެ ގޮތަކަށް އަމަލު ކުރުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މަޖިލީހަށް ބޭނުންވަނީ މިނިވަންކަމާއެކު މަސައްކަތް ކުރާނެ މެންބަރުންތަކެއް ކަން ފާހަގަކުރައްވާ އުޝާމް ވެސް ވަނީ މަޖިލީހަށް މެންބަރުން ހޮވުމަށް ވޯޓު ދިނުމުގައި އިތުރަށް ރައްޔިތުން ވިސްނަން ޖެހޭ ކަން ފާހަގަކުރައްވާފަ އެވެ.

"މިނިވަންކަމާއެކު އަމިއްލަ ހިޔާލުގައި ބަސް ބުނާނެ މެންބަރުން އައްޔަން ކުރެވިގެން ނޫނީ މި ކަމެއް ހައްލެއް ނުވާނެ،" އުޝާމް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު ވެސް ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއަކީ ސިޔާސީ ގޮތުން މިހާރަށް ވުރެ ހަރުދަނާ ތަނަކަށް ހެދުމަކީ މުހިންމު ކަމެކެވެ. އަދި އެކަން ކުރެވެން އޮތީ "އެއް ބަޔަކު އަނެއް ބަޔަކަށް މި އޮންނަ ބަދަލު ހިފުމުގެ ބައި" ނިމުމަކަށް ގެނެސްގެންނެވެ. އަދި މިއަދު އެ ނަމޫނާ އެމްޑީޕީން ދައްކައިދޭން ޖެހެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ މީހުންނަކީ މިހާރަށް ވުރެ ހަރުދަނާ ބަޔަކަށް ވުން މުހިންމެވެ. ބަދަލު ހިފުމާއި ވާދަވެރިކަން އެއް ފަރާތްކޮށް، ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހެ އެވެ. ހިޔާލުތަފާތުވުންތަކާއެކުގައި ވެސް ރައްޔިތުންނަށް މަންފާ ހުރި ކަންކަމަށް އިސްކަން ދޭން ޖެހެ އެވެ.

ހަމަ އެފަދައިން ރައްޔިތުންނަކީ ވެސް ވޯޓު ދިނުމުގައި "ޕާޓީއަށް ދޭ ވޯޓެއް"ގެ ބަދަލުގައި އެކަމަށް އެންމެ ގާބިލް ކެންޑިޑޭޓަށް ދޭ ވޯޓަކަށް ހަދަން ޖެހެ އެވެ. ވަކި ޕާޓީއަކަށް، ފިކުރަކަށް ބެލުމެއް ނެތި، ދާއިރާގެ ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ކެރޭނެ ވަރުގެ މެންބަރެއް ހޮވުމަށް އިސްކަން ދޭން ޖެހެ އެވެ. ޑިމޮކްރަސީއާ ރައްޓެހި، ޒިންމާދާރު މަޖިލީހެއް އުފެއްދުމުގެ ޒިންމާ އޮތީ ހަމަ ރައްޔިތުންގެ އަތްމަތީގަ އެވެ.

އައިޝަތު ނުޒުހާ

ޖާނަލިސްޓް

އައިޝަތު ނުޒުހާއަކީ 2020 ވަނަ އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން ފެށި ޒުވާނެކެވެ. މީގެ ކުރިން "ސަން އޮންލައިން" ގައި މަސައްކަތްކޮށްފައިވެ އެވެ. ނުޒުހާ އާންމު ގޮތެއްގައި ލިޔަނީ ރައްޔިތުންގެ މަޖިލިސް އަދި ސިޔާސީ ދާއިރާތަކުގެ ހަބަރުތަކެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox